އެމްޑީޕީ ޤައުމީ މަޖްލިސް
އަލީ ޝާމް: އިޚްލާސްތެރި، އިތުބާރު ލިބިފައިވާ ދާއިރާގެ ދަރިޔަކަށް މިފަހަރުވެސް ފުރުޞަތު ދެމާ!

އަލީޝާމް، އެޕްރީލްގެ، ގދ. ފަރެސްމާތޮޑާ އަކީ، ގދ. ފަރެސްމާތޮޑާއަށް އުފަން ދަރިއެކެވެ. އުފަން ދާއިރާއަށް ޚިދުމަތް ކުރުން އަބަދުވެސް ލިބޭ އުފަލެއްގެ ގޮތުގައި އަލީޝާމް ދެކެއެވެ. ސިޔާސީ ގޮތުން ތަފާތު ތަޖުރިބާ ލިބިފައިވާ ފަރާތަކަށް އަލީޝާމް ވެފައިވާއިރު، އެމްޑީޕީ ހަރަކާތް ދާއިރާގައި ހިންގައި، ޕާޓީއަށް އިޚްލާސްތެރި މަސައްކަތް އަބަދުވެސް ކުރަމުން އަންނަ ފަރާތަކަށް އަލީޝާމް ވެފައިވެއެވެ.

ދާއިރާގެ ދުވަސްވީ އިސް ރަށްވެހީންނާއި، ޒުވާނުންނާއި ގާތް ގުޅުމެއް އަބަދުވެސް ބާއްވާ އަލީޝާމް އަކީ ފަރެސް މާތޮޑާ ދާއިރާއަށް އިތުރު ތަޢާރަފަކަށް ބޭނުންވާނެ ފަރާތެއް ނޫނެވެ. ދާއިރާގެ ރައްޔިތުން އަލީޝާމް އަށް އިތުބާރުކޮށް، ސިޔާސީ ގޮތުން ދާއިރާ ތަމްޞީލްކުރުމުގެ ޒިންމާ އެކިފަހަރުމަތިން އަލީ ޝާމް އާއި ޙަވާލުކޮށްފައިވާކަމީ، ރައްޔިތުން އަލީ ޝާމް އަށް ކުރާ އިތުބާރުގެ އަލިގަދަ ހެއްކެވެ.

ސިޔާސީ ދާއިރާއަށް ވަދެވުނު ގޮތް:

ރައީސް މައުމޫނުގެ ދިގު 30 އަހަރުގެ ވެރިކަމުގައި، ރާއްޖޭގައި އިސްލާޙީ ޙަރަކާތްތަށް ފެށިގެން އައި ފުރަތަމަ ދުވަސްކޮޅު، ރައީސް ނަޝީދު ފެއްޓެވި މަސައްކަތް ފުރިހަމަޔަށް ބަލައިގަނެ، އަލީޝާމް އެމްޑީޕީ އާއި ގުޅި، ސިޔާސީ މަސައްކަތް ފެއްޓެވިއެވެ. ލަންކާގައި ހުންނަވައިގެން ރައިސް ނަޝީދު އެމްޑީޕީ ރަޖިސްޓްރީކޮށް، މާލެވަޑައިގެން ދުންފިނި ހަރުގޭގައި ފެއްޓެވި ސިޔާސީ މަސައްކަތް ފެއްޓެވި ހިސާބުން އަލީ ޝާމް، ޕާޓީގެ ސިޔާސީ ހަރަކާތްތަކާއި ގުޅިފައި ވެއެވެ. ޕާޓީގެ މެމްބަރެއްގެ ގޮތުގައި ރަޖިސްޓްރީވެ، އަމަލީގޮތުން އިސްލާޙީ މަސައްކަތްތަކަށް ނުކުތުން ވެގެންދަނީ، އަލީ ޝާމްގެ ސިޔާސީ ކެރިއަރގެ ފެށުން ކަމުގައެވެ. އަޅުގަނޑުމެން މިދެކޭ ޕާޓީގެ ލޯގޯ އާއި ކުލަ އަދި ޕާޓީގެ ނަން ރަޖިސްޓްރިކުރުމަށްޓަކައި ފާސްކުރެވިފައިވަނީ، ފާސްކުރެވުމަށް ނެގުނު ވޯޓުގެ ތެރެއިން، އަލީ ޝާމްގެ ވޯޓްވެސް ހިމަނައިގެން ކަމީ މިއަދު އަލީ ޝާމް ފަޚުރުވެރިވާ ކަމެކެވެ.

ތަޢުލީމް އަދި ތަޖުރިބާ:

އަލީޝާމް އަކީ ސިޔާސީ އަދި ޤާނޫނީ ދާއިރާއަށް ޚާއްސަ ޝައުޤުވެރިކަމެއް ހުންނަ ފަރާތެއްކަން ފާހަގަކޮށްލެވެއެވެ. ޤާނޫނީ ރޮގުން މިހާރުވެސް ފުރަތަމަ ޑިގްރީއަށް ތަޢުލީމު ހާޞިލްކުރަމުން އަންނަ ފަރާތަކަށް އަލީ ޝާމް ވެފައިވެފައި ވުމުގެ އިތުރުން އެޑްވާންސް ޑިޕްލޮމާ އިން ޝަރީއާ އިން ލޯ ފުރިހަމަކޮށްފައި ވެއެވެ. ސިޔާސީ ދާއިރާއަށް ބަލާލާއިރު، ލާމާރުކަޒީ ޤާނޫނުގެ ދަށުން، 2011 ވަނަ އަހަރު ދިވެހިރާއްޖޭގެ ފުރަތަމަ އިންތިޚާބީ ކައުންސިލްގެ ތިނަދޫ ކައުންސިލް މެމްބަރެއްގެ ގޮތުގައި އިންތިޚާބުވެ އަލީ ޝާމް މަސައްކަތް ކޮށްފައިވެއެވެ. 2017 ވަނަ އަހަރު ގދ. އަތޮޅު ކައުންސިލްގެ، ފަރެސްމާތޮޑާ ދާއިރާގެ މެމްބަރުކަމަށް ކުރިމަތިލައި، ރައްޔިތުންގެ ތާއީދާއެކު، އަތޮޅު ކައުންސިލްގެ މެމްބަރުކަމަށް އިންތިޚާބުވެ، 2017 އިން 2021 ވަނަ އަހަރު ކައުންސިލް އިންތިޚާބާއި ހަމަޔަށް އަތޮޅުކައުންސިލްގެ މެމްބަރުކަން ކޮށްފައިވެއެވެ.

ސިޔާސީ ގޮތުން ހަލަބޮލި ރައީސް ޔާމީނުގެ ވެރިކަމުގައި، ފަރެސްމާތޮޑާ ދާއިރާގެ ރައިސްކަމުގެ މަޤާމް 3 ބުރަށް އިޢުލާނު ކުރުމުންވެސް، ސިޔާސީ ގޮތުން އަތުވެދާނެ ފިއްތުންތަކާއި، އާއިލީ މެމްބަރުންގެ ވަޒީފާތަކުގެ ބިރަށް ދާއިރާގެ ރައީސްކަމަށް ކުރިމަތިލާނެ ފަރާތެއް ނުވުމުން، ދާއިރާ ނަގާ ކޮޅަށް ޖެހުމަށް ކެރިގެން ދާއިރާގެ ރައީސްކަމަށް ކުރިމަތިލައި، ދާއިރާގެ ރައިސެއްގެ ވާޖިބު ވަރަށް ފުރިހަމަޔަށް އަލީ ޝާމް އަދާކޮށްފައި ވެއެވެ. ދާއިރާގެ ރައީސްގެ ގޮތުގައި މަސައްކަތް ކުރައްވަން ލިބުނު މުއްދަތުގައި، ދާއިރާގެ ސިޔާސީ ހަރަކާތްތައް އަލުން ފެއްޓެވުމަށް ދާއިރާގެ އިސްރައްވެހީންނާއި، ޒުވާނުންގެ އެއްބާރުލުން ވަރަށް ފުރިހަމަޔަށް ދެއްވާފައިވާތީ، ދާއިރާގެ ހުރިހާ ރައްޔިތުންނަށް އަލީ ޝާމް ޝުކުރު އަދާކުރެއެވެ. ދާއިރާގެ ރައްޔިތުން ދެއްވާފައި ލޯތްބާއި އިހްތިރާމް ހިތުގެ އަޑިން ޤަބޫލުކޮށް، ދާއިރާ ސިޔާސީގޮތުން ހާލުގައި ޖެހުނު ދުވަހު ޕާޓީ ނަގައި ކޮޅަށްޖެހުމަށް މަސައްކަތްކުރުމަށް ފުރުޞަތު ލިބުނީތީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބޭކަމުގައި އަލީ ޝާމް ފާހަގަކުރެއެވެ.

ސިޔާސީ މަސައްކަތްތައް:

އަލީ ޝާމްގެ ސިޔާސީ މަސައްކަތްތަކަށް ބަލާއިރު ވަރަށް ކާމިޔާބު ސިޔާސީ މަސައްކަތްތަކެއް ފާހަގަކުރެވެއެވެ. މާއުމޫނުގެ ދިގު 30 އަހަރުގެ ވެރިކަމާއި ދެކޮޅަށް، ފާޅުގައި ރައީސް ނަޝީދުގެ ކިބައިން ހިތްވަރުގެ ލިބިގެން ނުކުތް ފުރަތަ ޒުވާނުންގެ ތެރޭގައި އަލީ ޝާމް ހިމެނޭކަމީ ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބޭކަމެއްގެ ގޮތުގައި އަލީޝާމް ސިފަކުރެއެވެ. ދިވެހިރާއްޖޭގައި ފުރަތަމަ ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައި ތިނަދޫގެ ކައުންސިލަރެއްގެ މަޤާމަށް ކުރިމަތިލައި، އެމްޑީޕީގެ ތިނަދޫ ޕްރައިމަރީ ކާމިޔާބުކޮށް، ތިނަދޫ ކައުންސިލްގެ މެމްބަރުކަމަށް ރައްޔިތުންގެ ވޯޓުން ހޮވިގެން ދިޔުމަކީ، ސިޔާސީ ކެރިއަރގެ ފުރަތަމަ ފެށުމެވެ. ވަރަށް ފުރިހަމަ ކެމްޕޭނެއްކޮށް، ތިނަދޫ ރައްޔިތުންގެ ވޯޓުން ތިނަދޫގެ ހަތްގޮޑި އެމްޑީޕީއަށް ލިބިގެން ދިޔުމީ، ސިޔާސީ މަސައްކަތުގެ ތެރޭގައި، ލިބިގެންދިޔަ ފުރަތަމަ ކާމިޔާބީގެ ގޮތުގައި އަލީޝާމް މަޢުލޫމާތު ދެއެވެ.

އަމިއްލަ އުފަން ދާއިރާއަށް ސިޔާސީގޮތުން ޚިދުމަތްތަކެއް ކުރުމުގެ އަޒުމްގައި، ފަރެސްމާތޮޑާ ދާއިރާގެ އަތޮޅު ކައުންސިލްގެ މެމްބަރުކަމަށް 2017 ވަނަ އަހރު ކުރިމަތިލައި، ރައްޔިތުންގެ ތާއީދާއެކު އަތޮޅުކައުންސިލަށް ހޮވިގެން ދިޔުން ވެގެންދަނީ، އަލީ ޝާމް ސިޔާސި ހަޔާތުގައި ލިބުނު އިތުރު ކާމިޔާބަކަށެވެ. ދާއިރާގެ ރައްޔިތުން އަލީޝާމް އަށް އިތުބާރުކުރައްވައި، އަތޮޅުކައުންސިލްގައި ފަރެސްމާތޮޑާ ދާއިރާ ތަމްސީލް ކޮށްދިނުމުގެ ޒިންމާ، ޙަވާލުކޮށްދެއްވީތީ އިޚްލާސްތެރި ހިތަކުން އަލީ ޝާމް ޝުކުރު އަދާކުރެއެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި، ފަރެސް މާތޮޑާގެ ދާއިރާގެ ރައީސަކު ހޯދުމަށް 3 ފަހަރު އިޢުލާނު ކުރުމުންވެސް، ސަރުކާރުގެ ފަރާތުން އައިސްދާނެ ރޯޅިޔަކަށް ވިސްނައި، އެއްވެސް ފަރާތަކުން ކުރިމަތި ނުލުމުން، ރައީސް ނަޝިދުގެ ހިތްވަރުން ހިތްވަރު ނެރެ، އެއްވެސް ޖެހިލުމެއް ނެތި، ދާއިރާއަށް ކުރިމަތިލައި، ސިޔާސީގޮތުން ހާލުގައި ޖެހިފައި އޮތް ދާއިރާ ނަގާ ކޮޅަށްޖަހައި، އެއްބައިވަންތަކަން އާލާކޮށް، އަލުން އާބާރެއް ލައިގެން ދާއިރާގެ ރައީސްކަމަށް ކުރިމަތިލައި، ސިޔާސީ ހަރަކާތް ފެއްޓެވީ އަލީ ޝާމް އެވެ.

ދާއިރާގެ ކެމްޕޭނާއި ގުޅޭގޮތުން އަލީޝާމްގެ ބަސް:

އަލީ ޝާމް ޤަބޫލުކުރާ ގޮތުގައި ފަރެސް މާތޮޑާދާއިރާގެ ރައީސަކަށް ބޭނުންވަނީ ނަތީއްޖާ ނެރެ ދެއްކޭނެ ކެރޭ ހިތްވަރުގަދަ، ދާއިރާއަށް ނިސްބަތްވާ މީހެކެވެ. އަލީ ޝާމް ދެކޭގޮތުގައި، ކާޅު ހާލި ހެދީމާ، ކޮވެލި ބިސްއަޅާ އުސޫލުން ސިޔާސީ ޙަރަކާތް ނުހިންގޭނެއެވެ. އެއުޞޫލުން ދާއިރާ ހިންގަން ބޭނުންވާނަމަ، ދާއިރާއަށް ކުރިއެރުމެއްވެސް ނުގެނެވޭނެއެވެ. ދާއިރާ ސިޔާސީ ގޮތުން ހާލުގައި ޖެހުނު ވަގުތު ދާއިރާއަށް އިޚްލާސްތެރި މަސައްކަތް ކޮށްދެއްވި ފަރާތްތައް ދާއިރާގެ ރައްޔިތުންނަށް އޮޅިފައި ނޯންނާނެކަމަށް އަލީ ޝާމް ބުނެއެވެ.

“މިހެދެ މަޓެ ފެނެންނޫ ފާއުރޭމައްތޭ އޮތެ ޖަވާހިރިކެ ފެނީގެން ދުރުތެއި ބައިކެނެ އާހު ނަގަންނަ ވޮންނާ ތަނާ، މިޖަވާހިރާ ކުރިޔޭސް އޮތެ، އެކަމު މީ ޖަވާހިރެއްކަމަން އެވޭލޭ ނުފެނުނެ، ހާލުގައި އޮތެވޭލޭ ނަގަންނަ އަދި އަޅައިލަންނަ ކެރުނެ ވާލެކެ ނުވީ”

އަލީ ޝާމް ބުނެފައިވާގޮތުން، ދާއިރާގެ ރައީސްކަން، ދުރުގައި ތިބި ބަޔަކަށް މިހާރު މިފެންނަނީ، އަގޮބޮޑު ޖަވާހިރެއްގެ ގޮތުގައި ކަމަށެވެ. އަދި މިހާރު މިފެނިގެންދަނީ، މާދުރުގައި ތިބި ބަޔަކު އައިސް އަމިއްލަ ސިޔާސީ މަންފާއާއި، ޕާޓީގެ ސިޔާސީ ނުފޫޒު ހޯދުމަށް ފަރެސްމާތޮޑާ ދާއިރާ ވަޞީލަތެއްގެ ގޮތުގައި ބޭނުންހިފަން ބޭނުންވެގެން އުޅޭ މަންޒަރެވެ. މިއީ ގޯހެއްކަމަށާއި، ފަރެސްމާތޮޑާ ދާއިރާގެ ދަރިއަކު، ދާއިރާއަށް ހުންނަ ލޯތްބެއް ދުރުގައި ތިބިބަޔަކު ނުހުންނާނެކަން ދާއިރާގެ ރައްޔިތުން އޮޅިފައި ނުވާނޭކަމަށް އަލީ ޝާމް ބުނެއެވެ.

އަލީ ޝާމް ފާހަގަކޮށްފައިވާ ގޮތުގައި، ޕާޓީގެ އެތެރޭގެ އެއްވެސް އިންތިޚާބަކުން، މީގެ ކުރިން ފެނިފައި ނުވާ، ފައިސާގެ ނުފޫޒު ވޯޓަށް ފޯރުވުމުގެ މުޑުދާރު އަމަލު މިކެމްޕެއިނުން ފެންނަ ކަމަށާއި، މިއީ އެމްޑީޕީ އެއްވެސް އިރެއްގައި ތާއިދުކުރި އުޞޫލެއް ނޫންކަމަށް އޭނާ ބުނެއެވެ. މިފަދަ މުޑުދާރު އަމަލުތަކަކީ އެމްޑީޕީ ފިކުރު ނޫންކަމަށާއި، އަނިޔާވެރިކަމާއި، ބޭއިންސާފު އަދި ކޮރަޕްޝަންގެ ހުތުރު އަމަލާއި ދެކޮޅަށް އަބަދުވެސް އެމްޑީޕީ އަޑުއުފުލައި ވަކާލާތު ކުރާކަން އަލީޝާމް ހާމަކޮށްފައި ވެއެވެ. ފަރެސް މާތޮޑާ ދާއިރާގެ ރައްޔިތުން، މަދު ފައިސާކޮޅަކަށް ދާއިރާގެ ކުރިމަގު ވިއްކަވާ ނުލައްވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމުގައި އަލީ ޝާމް ބުނެފައި ވެއެވެ.

ދާއިރާގެ ކުރިމަގަށް އަލީޝާމްގެ ވިސްނުން:

ދާއިރާގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކޮށް، އެއްބައިވަންތަކަން ދެމަހެއްޓުމަކީ އަލީ ޝާމްގެ އެއް އަމާޒެވެ. އަލީޝާން ދެކޭގޮތުގައި 2023 އެމްޑީޕީއަށް ކާމިޔާބުކުރުމަށް ބައިބައިވުންތައް އެއްފަރާތްކުރުމަކީ މުހިންމުކަމެކެވެ. ޕާޓީއަށް މެމްބަރުން އިތުރުކޮށް، އެމްޑީޕީ ފިކުރު، ކުރިއެރުވަމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި އަލީޝާމް ދެކެއެވެ. ދާއިރާގެ އަޑު ޕާޓީ ޤައުމީ މަޖްލީހުގައި އިއްވައި، ދާއިރާއަށް ލާބަޔާއި މަންފާ ލިބޭނެގޮތަށް، ޕާޓީގެ ސިޔާސަތުތައް ބައްޓަން ކުރުމަށް ބާރުއެޅުމަކީ އަލީ ޝާމްގެ އަމާޒެކެވެ. ސިޔާސީ ޙަރަކާތްތަކަށް ދާއިރާގެ ޒުވާނުން ނެރެ، ސިޔާސީ ދާއިރާއިން ޒުވާނުންނަށް ފަހި ފުރުޞަތުތަކެއް ހޯދައިދިނުމަކީ އަލީ ޝާމްގެ އެއް ވިސްނުމެވެ. އެމްޑީޕީ ޙަރަކާތްތަކުގައި އިސްރައްވެހިން ވެފައިވާ ޤުރުބާނީ، ފާހަގަކުރުމާއެކު، އިސްރައްވެހިންގެ ޚިޔާލާއި މަޝްވަރާއި އެއްގޮތަށް ދާއިރާގެ ސިޔާސީކަންކަން ބައްޓަންކޮށް ރާވައި، ޒުވާނުން ބާރުވެރި ކުރުމަކީ އަލީ ޝާމްގެ ވިސްނުމެކެވެ. ޕާޓީގެ ލީޑަރޝީޕާއި އަލީ ޝާމް ގާތް ގުޅުމެއް އޮންނަ އޮތުމަކީ، އަލީ ޝާމްގެ ސިޔާސީ މަސައްކަތް ޕާޓީގެ ލީޑަރޝިޕުން ބަލައިގަތުން ކަމުގައި އަލީޝާމް ދެކެއެވެ. އަދި މިއީ ދާއިރާގެ ސިޔާސީ ޙަރަކާތް ހަރުދަނާކޮށް ހިންގައި، ދާއިރާގެ ކުރިއެރުވުމަށް ލިބިގެންދާނެ ބާރެއްގެ ގޮތުގައި އަލީ ޝާމް ދެކެއެވެ.

ފަހުބަސް:

މާތްﷲގެ ވާގިފުޅާއެކު، ދާއިރާ ރައްޔިތުންގެ ތަނަވަސް އަގުލަބިއްޔަތަކުން އަލީ ޝާމް، ދާއިރާގެ ރައީސަކަށް ހޮވައިފިނަމަ، ރައްޔިތުންގެ އަޑު އެމްޑީޕީ ޤައުމީ މަޖިލީހުގައި އިއްވައި، ޕާޓީގެ ލީޑަރޝިޕާއި ގުޅިގެން، ދާއިރާގެ ސިޔާސީ ހަރަކާތްތަށް ކުރިއަރުވައި، ދާއިރާގެ ޒުވާނުންނަށް ސިޔާސީ ދާއިރާއިން ފަހި ފުރުޞަތުތަކެއް ހޯދުމުގެ މަސައްކަތް ކުރައްވާނެ ކަން އަލީ ޝާމް ހާމަކުރެއެވެ. މީގެ އިތުރުން ރާއްޖެއަށް ނަމޫނާ ސިޔާސީ ޙަރަކާތްތަކެއް ހިންގޭ ދާއިރާއަކަށް ފަރެސްމާތޮޑާ ދާއިރާ ހެދުމަށް ގަދަ އަޅައި މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން އޭނާ ދެއެވެ.

ކުރިން ދާއިރާއަށް ކޮށްފައިވާ ސިޔާސީ ޚިދުމަތްތައް ބަލައިގަނެ، ހަމަ އެ އިތުބާރާއެކު، މިފަހަރުވެސް، ދާއިރާގެ ދަރިޔަކު ކަމުގައިވާ އަލީ ޝާމް، ދާއިރާގެ ރައީސްގެ ގޮތުގައި ކެންޑިޑޭޓް ނަންބަރު 1 އަށް ވޯޓް ދެއްވުމަކީ ނުހަނު އިޚްލާސްތެރިކާމާއެކު ދާއިރާގެ އެމްޑީޕީ ލޮބުވެތި މެމްބަރުންގެ ފަރާތުން އޭނާ އެދޭ އެދުމެކެވެ. ވީހާލެއްގައިވާން އަބަދުވެސް ދާއިރާގެ މެމްބަރުންނާއެކު އަލީ ޝާމް، ހުންނާނެކަމުގެ ޔަޤީންކަން އޭނާ ދެއްވައެވެ.

އެޑިޓަރުގެ ނޯޓް: މި ލިޔުމަކީ، އެމްޑީޕީ ޤައުމީ މަޖިލިސްގެ އިންތިޚާބާއި ގުޅުވައިގެން، ހުވަދޫ ނޫހުން އާންމުކޮށް ހުޅުވާލެވުނު ކެމްޕެއިން ކުރުމުގެ ފުރުޞަތުގެ ދަށުން ހުވަދު އަތޮޅުގެ ދާއިރާތަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ޝައުޤުވެރިކަން ފާޅުކޮށް، ފުރުޞަތުގެ ބޭނުން ހިފައި، ކެމްޕެއިން ކުރުމަށް ވިޔަފާރި އުޞޫލުން ގެނެސްދީފައިވާ ލިޔުމެކެވެ. މިލިޔުމުގައި ގެނެސްފައިވާ ވާހަކަތަކާއި، ސިޔާސީ ފިކުރަކީ، އެ ކެންޑިޑޭޓެއްގެ ފިކުރާއި ބަސްކަމުގައި ދަންނަވަމެވެ.
Comment