ރިޕޯޓް
“ހޭޝްޓެގް ހުވަދޫ” އަށް ފަހު ހުވަދޫ ނިއުސް ވުޖޫދަށް

“ހުވަދޫ” މިނަމަކީ ދިވެހިންގެ ތެރެއަށް ފަރިތަ މަޝްހޫރު ނަމެކެވެ. ދިވެހިރާއްޖޭގެ ދެކުނަށް ނިސްބަތްވާ، އާބާދީ ބޮޑު އެއް އަތޮޅުގު ނަމަށް ހުވަދޫ ވެގެންދާއިރު، މިއީ ދުނިޔޭގެ ނިސްބަތުންވެސް ޤުދުރަތީގޮތުން އުފެދިފައިވާ އެންމެ ބޮޑު އެއް އަތޮޅުގެ ނަމެވެ. މިނަމަކީ އެއަތޮޅަށް ނިސްބަތްވާ ކޮންމެ ދިވެހި ދަރިޔަކު ފަޚުރުވެރިވާ، އަދި އެބަޔަކަށްޓަކައި އަހަރަމެން ފަޚުރުވެރިވާ އަހަރަމެންގެ ހިތްވަރުގަދަ ކާބަފައިންނަށް ނިސްބަތް ކުރެވޭ ނަމެއްވެސް މެއެވެ. ތާރީޚުން އެނގޭފަދައިން، ހުވަދޫ އަކީ ޒަމާނުއްސުރެ ބުރަމަސައްކަތްކޮށްގެން ފުދުންތެރި، އަބުރުވެރި ދިރިއުޅުމެއް އުޅޭ، ހިތްވަރުގަދަ، އިލްމުވެރި ރައްޔިތުންތަކެއް ދިރިއުޅެމުންދާ އަތޮޅެކެވެ.

“ހުވަދޫ” މި ނަން ޒަމާނުއްސުރެ ތާފާތު އެކި ގޮތްގޮތަށް ދަނީ ބޭނުންކުރެވެމުންނެވެ. ޒަމާނުއްސުރެ ހުވަދޫގެ ނަން ބޭނުންކުރެވޭ ހުވަދޫގެ މަޝްހޫރު އެއް އުފެއްދުމުގެ ތެރޭގައި “ހުވަދޫ ބޮނޑި” ހިމެނިގެން ދެއެވެ. މީގެ އިތުރުންވެސް ތަފާތު ނަން ނަމުގައި ހުވަދޫ ބޭނުން ކުރެވިފައި ވެއެވެ. މިގޮތުން “ހުވަދޫ ބޯޓް”، “ހުވަދޫ މީހުން” (ހުވަދޫ ކަނޑުން ދެކުނު ގއ، ގދ. ގެ މީހުންނަށް ނިސްބަތްކޮށް)، “ހުވަދޫ ރެކްރިއޭޝަން” (ޖަމްއިއްޔާއެއް)، “ހުވަދޫ ސްވިމިންގް ކްލަބް” ފަދަ ނަންތައް ހިމެނެއެވެ.

ފާއިތުވީ ހަފްތާގެ ތެރޭގައި، “ހޭޝްޓެގް ހުވަދޫ” (#ހުވަދޫ)އަށް ސޯޝަލް މީޑިޔާގެ ގިނަބަޔެއްގެ ސަމާލުކަން ހުއްޓިފައިވެއެވެ. ސޯޝަލް މީޑިޔާގައި ގިނަ ބަޔަކު މި ހޭޝްޓެގް ހިއްސާކޮށްފައިވެއެވެ. އެކަކު އަނެކަކަށް ގުޅައި މިއީ ކޮން ހޭޝްޓެގެއް ތޯ އޮޅުން ފިލުވައި ބަލައި އުޅުނެވެ. ހުވަދު އަތޮޅަށް ނިސްބަތްވާ ގިނަ ބަޔަކު މި ހޭޝްޓެގް ޝެއަރކޮށްފައިވާއިރު، މިއީ ބޯމަތިވަމުން އަންނަ ސިޔާސީ ކޮޅިގަނޑެއްގެ ގޮތުގައި ވިސްނުނު މީހުންވެސް މަދެއް ނޫނެވެ. މިއީ ދެވަނަ ހުވަދޫ ބަޢާވާތެއްގެ ގޮތުގައިވެސް މަދުބަޔަކަށް ސިފަކުރެވުނެވެ. ސަބަބުތައްވެސް ގިނައެވެ. ހުވަދު އަތޮޅުގެ މީހުންނަކީ ސިޔާސީ ކަންކަމަށް ޒަމާނުއްސުރެ ފޯރިގަދަ ބަޔެކެވެ. ކޮންމެ ސަރުކާރެއްގައިވެސް ހުވަދު އަތޮޅުގެ ސިޔާސީ ނުފޫޒު އަބަދުވެސް އޮންނަކަމުގައި ގިނަބަޔަކު ޤަބޫލުކުރެއެވެ.

ހުވަދޫގެ ނަން ބޭނުންކުރެވުމުން އައި ތަފާތު އެކި ގޮތްތަކުގެ މަޢުލޫމާތު ގެނެސްދީފައިވާއިރު، ހުވަދޫގެ ނަން ބޭނުންކުރަމުން އައި އެއް ގޮތް ވަނީ އަދި ނުގެނެވިއެވެ. ހުވަދު އަތޮޅަށް ނިސްބަތްވާ ހިތްވަރުގަދަ ޒުވާނުންތަކެއްގެ މިންނެތް މަސައްކަތުން މީގެ ފަނަރަ އަހަރު ކުރިން ފެއްޓި “ހުވަދޫ ވީކްލީ” ގެ ނަން ފާހަގަކޮށްލަމެވެ. “ހުވަދޫ ވީކްލީ” އިން މީގެ ފަނަރަ އަހަރު ކުރިން ފައްޓަފައިވާ ޚަބަރާއި، މަޢުލޫމާތު ފެތުރުމުގެ މަސައްކަތް 3 އަހަރަށް ކުރިޔަށް ގެންދިޔުމަށްފަހު ހުއްޓިގެން ދިޔައެވެ. “ހުވަދޫ ވީކްލީ” އިން ފެއްޓި މި މިންނުކުރެވޭ މަސައްކަތް ޒަމާނާއި އެއްގޮތަށް ބަދަލުކޮށް އޮންލައިން ނޫހެއްގެ ގޮތުގައި ނެރުމަށް މާތްﷲގެ ވާގިފުޅާއެކު މިއަދު މިވަނީ ތައްޔާރުވެފައެވެ. ނޫހުގެ ނަން ބަދަލުކޮށް “ހުވަދޫ ނިއުސް” އަށް ވަނީ ބަދަލު ކުރެވިފައެވެ. “ހޭޝްޓެގް ހުވަދޫ” އަކީ “ހުވަދޫ ނިއުސް” ގެ ޕްރޮމޯޝަނެކެވެ.

ފާއިތުވީ 15 އަހަރު ދުވަހުގެ ތެރޭގައި މިނޫހުން ކޮށްފައިވާ ބުރަމަސައްކަތް ބަލައިގަނެ، ގިނަ އަދަދެއްގެ ކިޔުންތެރިން، ނޫހަށް އޮތް ލޯބި ހާމަކުރުމުގެ ރަމްޒެއްގެ ގޮތުން “ހޭޝްޓެގް ހުވަދޫ” (#ހުވަދޫ)، ސޯޝަލް މީޑިޔާގައި ހިއްސާކުރެއްވި ފަރާތްތަކަށް ނޫހުގެ ނަމުގައި ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަމެވެ. އަދި ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި އެއްވެސް ކޮޅަކަށް ބުރަވުމެއް ނެތި ނުފޫޒުން އެއްކިބާވެ ތިބެ، މިނިވަންކަމާއެކު މިނޫސް ކުރިޔަށް ގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން މިފުރުޞަތުގައި ކިޔުންތެރިންނަށް އަރުވަމެވެ.

މިހިސާބުން “ހުވަދޫ ނިއުސް”ގެ ފަޚުރުވެރި މާޒީއަށް ބަލައިލާނަމެވެ. “ހުވަދޫ ވީކްލީ” ވެގެން ގޮސްފައިވަނީ، ހުވަދުއަތޮޅުގެ  އުދަރެހުން ފިޔަޖަހާލި  އެންމެ ފުރަތަމަ ނޫސްވެރިކަމުގެ ތަރި ކަމުގައެވެ. މިގޮތުން ހުވަދު އަތޮޅުގައި އެންމެ ފުރަތަމަ ރަޖިސްޓްރީކޮށްގެން ހިންގަން ފެށުނު ފުރަތަމަ ނޫހުގެ ގޮތުގައި “ހުވަދޫ ވީކްލީ”  ވެގެން ގޮސްފައިވެއެވެ. ތިނަދޫ އަށް އުފަން ޒުވާނުންތަކެއް ކަމުގައިވާ، މުޙައްމަދު ނާސިހް ، މުހައްމަދު ޔޫޝައު ، އަބްދުﷲ އާތިފް އާއި މުޙައްމަދު އަޚްތަރު އަދި އަބްދުﷲ ސޯދިގު ގެ މޭސްތިރިކަމުގައި “ހުވަދޫ ވީކްލީ” ވުޖޫދަށް ގެނެވުނެވެ. ނޫސް ނެރުމަށް މިޓީމުން ކޮށްފައިވަނީ ބުރަ މަސައްކަތްތަކެކެވެ. އަމިއްލަޔަށް ލިޔެ ޗާޕްކޮށްގެން ހަފްތާއަކު އެއްފަހަރު ނޫސް ނެރެވުނެވެ. އަދި އެންމެ ފާހަގަކޮށްލެވެވޭ ކަމަކީ މިހުރިހާ މަސައްކަތަކީކެވެސް އެއްވެސް އުޖޫރައެއް ނެތި ހިލޭސާބަހަށް، ނޫސްވެރިކަން ކުރިއެރުވުމަށްޓަކައި މިބޭފުޅުން ކޮށްދެއްވި މަސައްކަތެވެ. ހަފްތާއެކު އެއްފަހަރު ޗާޕް ކޮށް، ނޫސް ކިޔަން ބޭނުންވާ ކޮންމެ މީހަކަށް ނޫސް ލިބޭނެހެން ހިލޭ ނޫސް ބަހާފައި ވެއެވެ. މި ނޫސްވެރިކަމުގެ މަސައްކަތަށް އިތުރު ބޮޅެއް އިތުރުވެގެން ދިޔައީ ހުވަދޫ ވެބްސައިޓް ލޯންޗް ކޮށް ޚަބަރު ފަތުރަން ފެށުމުންނެވެ. ނަމަވެސް އަހަރު ތަކެއް ވަންދެން “ހުވަދޫ” ހިންގުމަށްފަހު އެ އޮންލައިން ހުއްޓާލަން ޖެހުނެވެ.

އޭގެ ފަހުން ދެން އައީ މުޅިން ތަފާތު މަރުޙަލާ އެކެވެ. ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބޭނުންކުރާ އެއް ސޯޝަލް މީޑިއާ ކަމުގައިވާ، ފޭސްބުކްގައި، “ހުވަދޫ ނިއުސް” ނަމުގައި ޕޭޖެއް ހިންގަން ފެއްޓުނެވެ. މިއަދާ ހަމައަށް “ހުވަދޫ ނޫސް” ނޫހެއްގެ ގޮތުގައި ޚަބަރާއި މަޢުލޫމާތު ކިޔުންތެރިންނާއި ހަމަޔަށް ގެނެސްދީފައިވަނީ “ހުވަދޫ ނޫސް” ޕޭޖް މެދުވެރިކޮށެވެ. މިއަދު އެ ޕޭޖް ވެފައިވަނީ ހުވަދު އަތޮޅުގެ ނުފޫޒު ގަދަ އެއް މީޑިއާކަމުގައި ވެފައެވެ. ގިނަ އަދަދެއްގެ ބަޔަކު “ފޮލޯ” ކުރާ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ، ކިޔުންތެރިންގެ އިތުބާރު ލިބިފައިވާ ޚަބަރު ފަތުރާ ވަސީލަތަކަށް މިނޫސް ވެފައިވެއެވެ.

މިއަދަކީ އަނެއްކާވެސް ހުވަދޫ ގެ ނިއުސްވެރިކަމަށް އިތުރު ކުރިއެރުމެއް ލިބި، “ހުވަދޫ ނިއުސް”ގެ ނަން ތާރީޚުގައި ރަންއަކުރުން ލިޔެވިގެން ދާނޭ ދުވަހެކެވެ. މިއަދަކީ “ހުވަދޫ ނިއުސް” ޚަބަރާ މައުލޫމާތުން ފުރިގެންވާ ވެބްސައިޓަކާއެކު މުޅި ދުނިޔެއަށް ހުޅުވާލެވޭ ދުވަހެވެ. އިތުބާރު ހިފޭ ލިޔުންތެރިންނާއި، ވާހަކަ ލިޔުންތެރިނާއި، ޅެންވެރިންނާއި ރިޕޯޓަރުންނާއެކު ބޮޑު ޕްލެޓްފޯމެއް އުފެދި ރަސްމީ ސިފައެއްގައި ނޫހުގެ މަސައްކަތް މިއަދު މިވަނީ ފެށިފައެވެ. ހުވަދޫ ނިއުސް ޓީމުން ކުރަމުންދާ މި މަސައްކަތުގައި ﷲ ތަޢާލާ ބަރަކާތް ލައްވައި، އަދަށްވުރެ ފަހި މާދަމާއެއް ދައްކަވާށި. އާމީން.

Comment

  1. ޖަމީލު

    އާޗާ. ހާދަހާ ނަލައޭ

  2. ދޮންބެ

    ހުވަދޫ ނޫސްގެ ޓީމަށް ވަރަށް ބޮޑަށް މަރުހަބާ. ތިޔަ މަސައްކަތުގައި ބަރަކާތް ލައްވާށި! އާމީން