ޚަބަރު
އެންމެ ދަށްކޮށް ހިދުމަތް ދެނީ ޓްރާންސްޕޯޓް މިނިސްޓްރީން: ނާޒިމް

ސަރުކާރުގެ މިނިސްޓްރީތަކުގެ ތެރެއިން އެންމެ ދަށްކޮށް ހިދުމަތް ދެނީ ޓްރާންސްޕޯޓް މިނިސްޓްރީން ކަމަށް ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ވިދާޅުވެއްޖެ އެވެ.

ރޭ “ދިވެެހިރާއްޖޭގެ އަޑުން” ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ނާޒިމް ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީ ހިންގުމުގައި އުނި ސިފަތަކެއް އެބަހުރި ކަމަށާއި ވަކި ބޭފުޅަކު ގޯހޭ ދަންނަވަން ބޭނުން ނުވާ ކަމަށެވެ.

“އެ މިނިސްޓްރީ އަކީ ސަރުކާރުން ރަނގަޅުކުރަންޖެހޭ މިނިސްޓްރީ އެއް ވަރަށް ބޮޑަށް ހިދުމަތް ދިނުމުގައި. މިސާލަކަށް ލައިސެންސް އިޝޫކުރުމުން ފެށިގެން އައިސް އެހެން ހުރި ހުރިހާ ކަމެއްގެ ތެރޭގައި” ނާޒިމް ވިދާޅުވި އެވެ.

ނަމަވެސް ހިދުމަތްތަކުގެ ޝަކުވާ އެންމެ ބޮޑަށް ލިބޭ އެއް މިނިސްޓްރީ އަކީ ޓްރާންސްޕޯޓް މިނިސްޓްރީ ކަމަށާއި އެގޮތުން ފާއިތުވި ދެ އަހަރު ދުވަހުތެރޭ ވަރަށް ގިނަ ޝަކުވާތައް އަޑުއިވިފައިވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

އަދި އެ މިނިސްޓްރީގައި ހުރި މައްސަލަތަކާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މަޖިލީހުގެ ކޮމިޓީ އަށް ހާޒިރުކޮށް ވަރަށް ގިނަ ކަންކަން ސާފުކުރެއްވި ކަމަށެވެ. އެގޮތުން ސިވިލް ސާވިސްގެ ބޭފުޅުން ކޮމިޓީ އަށް ހާޒިރުކުރުމުން ވެސް މިނިސްޓްރީގެ ހިންގުން ރަނގަޅުކުރަންޖެހޭ ކަމަށް ބުނެފައިވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

“ރައްޔިތުންގެ ފަރާތުން އިވޭ އަޑުތަކަށް ބަލާއިރުގައި އެންމެ ދަށްކޮށް ހިދުމަތް ދެވޭ މިނިސްޓްރީ އަކަށް އޮތީ ޓްރާންސްޕޯޓް މިނިސްޓްރީ ކަމަށް ގަބޫލުކުރެވެނީ” ނާޒިމް ވިދާޅުވިއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގެ ކަންކަން ރަނގަޅު ކުރެވޭނެ ކަމަށާއި ދާދިފަހުން އެތަނުގެ މަސައްކަތުގެ އޮޑިޓެއް ވެސް ސަރުކާރުން ހަދާފައިވާކަން އެނގިވަޑައިގެންފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

Comment

  1. ހަސަން

    އެކަމަނާ އިންނެވީހަނު ފްލައިން ސްކޫލުގަ ކިޔަވާ ކުދިން މަގުމަތިކޮށްފަ