ސިވިލްސާވަންޓުގެ މުސާރަ ވަގުތުން ވަގުތަށް 10،000 ރުފިޔާއަށް ކަނޑައަޅުމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޖަބިރު މިހެން ވިދާޅުވީ ސިވިލް ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަތަކަށް ހެޔޮ ބަދަލެއް ގެނެސްދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލާގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
މިއަދުގެ ބަހުސް ގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ވެރިކަމަށް އައީ މިނިވަން ވޭޖް ކަނޑައެޅުމަށް ކަމަށްބުނެކަމަށާއި، ނަމަވެސް އެކަންވެސް ނުކުރަން ބަހަނާ ދައްކަމުންދާކަމަށެވެ.
މީގެ އިތުރުން ޖާބިރު ވިދާޅުވީ މިސަރުކާރަކީ ދިވެހި ރައްޔިތުންގެ ތައީދެއް އޮތް ސަރުކާރެއް ނޫންކަމަށެވެ. ވެރިކަން ލިބޭ ކޮންމެ ފަހަރު އެމްޑީޕީގެ ވެރިކަން އެބޯޓްވީކަމަށް ބުނެ ވެފައިވާ އެއްވައުދެއް ނުފުއްދާކަމަށެވެ.
ވެރިކަމަށް އަންނަ އިރު ޖުޑިޝަރީއާއި، ސިވިލްސާވަންޓުންގެ މުސާރައާއި، އެހެންވެސް ކަންކަން ހުށަހަޅާ ކަމަށާއި، ވެރިކަން ލިބުމުން އެމްޑީޕީއަށް މިކަންކަން ކޮށްދޭން ނޭގޭކަމަށް ބުނެ ޖާބިރު ވަނީ އެމްޑީޕީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
އަޅުގަނޑުމެން ހިނގާ ގަބޫލު ކުރަމާ އެމްޑީޕީ ވެރިކަމެއްގައި މިޤައުމުގައި އެއްކަމެއްވެސް ނުވިއޭ. ހަމައެއާއި އެކީގައި މިތާ އަންބާ ކިޔައި ލަވަޖަހާނެ ކަމެއްނެތޭ. ޑިސްކޯއަކަށް ބަދަލުކޮށްލައި، ލައިޓްތައް އޮންކޮށްލަންވީއޭ. އޭރު އަޅުގަނޑުމެން އެންމެން ނަށަންވީ. ވެރިކަން ލިބޭ ކޮންމެ ފަހަރަކު ކަންކަން ނުވީމާ ބުނަނީ ވެރިކަން އެބޯޓްވީއޭ. މިހާރު އެމްޑީޕީގެ ސައިޒު ރައްޔިތުންނަށް އެގިއްޖެ. އެމްޑީޕީއަށް ރައްޔިތުންގެ ތާއީދެއްނެތް.
– ޖާބިރު ވިދާޅުވިއެވެ.
އެމްޑީޕީއަށް ރައްޔިތުންގެ ތައީދެއްނެތް ކަމަށް ޖާބިރު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ރައްޔިތުންނަށް އޮޅުވާލައި، މަކަރާއި ހީލަތް ހަދަމުންދާކަމަށާއި، މިދައުރު ނިމި ދެން އަންނަ ދައުރަށްވެސް އިތުރު ދޮގު ތަކެއް ހަދަން މިހާރު ތައްޔާރު ވަމުންދާކަމަށެވެ.