ރިޕޯޓް
ފިޔަވަތީގެ ހިންގުން ބޮއްސުންލައިގެން ދިޔުން – ޖެންޑަރ މިނިސްޓްރީގެ އިސްފަރާތްތަކުގެ ބޮޑު ފެއިލިއާރއެއް!

ޖެންޑާ މިނިސްޓްރީގެ ދަށުގައި ހުންނަ ކުޑަކުދިން ބަލަހައްޓާ “ފިޔަވަތި” ގެ ހިންގުން ބޮއްސުންލާ ކުދިންގެ ތެރޭގައި ހަމަނުޖެހުން އުފެދިފައިވާ މައްސަލާގައި ޖެންޑަރ މިނިސްޓަރާއި، ޖެންޑަރ މިނިސްޓްރީގެ އިސް މަޤާމްތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކުން ވަނީ ބޮޑުތަނުން ފެއިލްވެފައިވާ ކަމީ މިއަދު ފެންނަން އޮތް ހަޤީޤަތެކެވެ.

“ފިޔަވަތި” ގެ ހިންގުން ބޮއްސުންލާ ކުދިންގެ ތެރޭގައި ހަމަނުޖެހުން އުފެދިފައިވާ ތިން ދުވަސް ފަހުން މިދިޔަ ހުކުރު ދުވަހު ވަނީ އެތަނުގައި ބޮޑު ހަމަނުޖެހުމެއް ހިންގާފައެވެ. ވަރަށް ގިނަ ކުދީން ވަނީ ފުރާޅު މައްޗަށް އަރާ ދުވެ އަޑުގަދަކޮށް ހަދާފައެވެ. ބައެއް ކުދިން ވަނީ ފިލަން މަސައްކަތް ކޮށްފައެވެ. އަދި އެތަނުގައި ހުޅު ޖަހާ ތަކެއްޗަށް ގެއްލުން ދިނުން ފަދަ އަމަލު އެކުދިން ހިންގައިފައިވެއެވެ. ދަޢުލަތުން ބެލުން ލާޒިމްކޮށް، މައުސޫމް ކުދިންތަކެއްގެ ބެލެނިވެރިކަމުގެ ޒިންމާ ޙަވާލުކުރެވިފައިވާ ޖެންޑަރ މިނިސްޓްރީގެ މަސައްކަތުގެ ފެންވަރު މިފަދަ ގޮތަކަށް ފެނިގެން ދިޔުމަކީ ލަދުވެތިކަމެކެވެ. ތަފާތު ބޮޑު މުސާރަދީ ސިޔާސީ މަޤާމްތަކަށް ތަފާތު ވަރުވަރުގެ ބޭފުޅުން އައްޔަން ކޮށްފައިވާއިރު، ހަވާލުކުރެވިފައިވާ ވަޒީފާގެ ޒިންމާ އަދާކުރެވެނީ ކިހާމިންވަރަކަށްތޯ ސުވާލު އުފެދެއެވެ.

ކޮންމެ ކެމްޕެއިނަކާ ދިމާކޮށް، ދައުލަތުގެ މުއައްސަސާތަކުގެ ސިޔާސީ ވެރިންތައް 5000 ރުފިޔާގެ މުސާރަލިބޭ މުވައްޒަފުންގެ ބޮލަށް މުއައްސަސާ ހިންގުމުގެ ޒިންމާ ނަގާ ޖަހުމަށްފަހު ބޮޑު މުސާރަޔާ އިނާޔަތްތައް ނަގައިގެން ސިޔާސީ ހަރަކާތްތަކުގައި އުޅޭއިރު، ސިވިލް ސާރވިސް އާދައިގެ މުވައްޒަފު މީހާ، ލިބޭ ލާރިކޮޅުން ދެކޮޅު ނުޖެހިގެން ކުރާ އިހްތިޖާޖުގެ އަޑު އިވޭ ކަންފަތެއް ނެތެވެ.

ޖެންޑާ މިނިސްޓްރީގެ ދަށުގައި ހުންނަ ކުޑަކުދިން ބަލަހައްޓާ “ފިޔަވަތި” ގެ ހިންގުން ބޮއްސުންލާ ކުދިންގެ ތެރޭގައި ހަމަނުޖެހުން އުފެދިފައިވާތާ ފަސް ދުވަސް ވީ ފަހުން ސަރުކާރުގެ އިސްވެރިން އެތަނަށް އިއްޔެ ވަނީ ޒިޔާރަތްކޮށްފައެވެ. ނާއިބު ރައީސް ފައިސަލް ނަސީމުގެ އަރިހުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސް މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވަޑައިގެންނެވިއެވެ.

ފިޔަވަތީގެ ހާދިސާއާ ގުޅޭގޮތުން މީޑިއާއިން ސުވާލުތައް ކުރިމަތި ކުރުމުން ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވި ގޮތުގައި “ފިޔަވަތި” ގެ ތަރުތީބު ކޮންމެވެސް ވަރަކަށް ގެއްލުނީ އެވެ. އަދި އެކަން ހައްލު ކުރާނެ ކަމަށް ވިދާޅުވެ ފެއިލްވެފައިވާވުން ފޮރުވަން މަސައްކަތް ކުރެއްވި އެވެ. ކަންކަން ކުރައްވަނީ ތަރުތީބުން، ކުދިންގެ ހައްގުތަކަށް ބަލައި އެކަން ކަށަވަރު ކުރަމުން ކަމަށް ވިދާޅުވެ ދިފާއުގައި ދެއްކެވީ މުޅީން އަސާސެއް ނެތް ވާހަކަތެކެވެ. ހާލަތު ގޯސްވީ ހައެއްކަ ކުދީންގެ ސަބަބުން ކަމަށް ވިދާޅުވެ މުޅި މައްސަލަ ފޮރުވަން ވެސް މަސައްކަތް ކުރެއްވި އެވެ.

ނަމަވެސް މިހުރިހާ ކަމެއް ހިގާފައިވަނީ، ރައްޔިތުންގެ ކުރިމަތީގައި ކަމުން މީހުންނަށް ހަޤީޤަތް އޮޅުވަން މަސައްކަތް ކުރެއްވުމެގެ ބޭނުމެއް ނެތެވެ. ފިޔަވަތީގެ ހިންގުން ބޮއްސުންލައިގެން ދިޔުން މިއި ޖެންޑަރ މިނިސްޓްރީގެ އިސްފަރާތްތަކުގެ ބޮޑު ފެއިލިއަރއެކެވެ.

 

Comment