ސަރުކާރުގެ އިދާރާތަކުން ދޭ ހިދުމަތްތައް މެދުނުކެނޑޭނެ ގޮތަކަށް އަމަލުކުރުމާއެކު، ގާނޫނުން ލިބިދޭ ހައްގުތައް ބޭނުންކުރުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު އެދިއްޖެ އެވެ.
ސީއެސްސީން ނެރުނު ބަޔާނެއްގައި ބުނީ، އެ ކޮމިޝަނުން އަބަދުވެސް މަސައްކަތް ކުރަނީ މުވައްޒަފުންގެ ކަންބޮޑުވުންތައް އަޑުއަހައި، ގާތުން މަސައްކަތް ކުރުމަށް ކަމުގައި ބުނެފައިވެއެވެ. ސިވިލް ސާވަންޓުންނަށް މުސާރައިގެ ކުރިއެރުން ނުލިބި ލަސްވާ މައްސަލަ ހޫނުވެފައި މި ދަނޑިވަޅުގައި، މުވައްޒަފުންގެ ޝަކުވާތައް ހިއްސާ ކުރުމަށް އެ އޮފީހުގެ ދޮރު ހުންނަނީ އަބަދުވެސް ހުޅުވިފައި ކަމަށާއި ސިވިލް ސާވަންޓުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ސީއެސްސީން ބުނެއެވެ.
ސަރުކާރުގެ އިދާރާތަކުން ދޭ ހިދުމަތްތައް މެދުނުކެނޑޭނެ ގޮތަށް އަމަލުކުރަން ސީއެސްސީން އެދިފައިވާއިރު، ސިވިލްސާވިސް މުވައްޒަފުންގެ މުސާރައިގެ މައްސަލައިގައި އަދީއްތަދުވަހު ކަޅު ހެދުމުގައި ހަމަ ހިމޭންކަމުގެ އިހުތިޖާޖެއް ވަނީ ކުރިޔަށް ގެންގޮސްފައެވެ. އަދި މިއަދު ބައެއް އޮފީސްތަކުގެ ދޮރުގައި ވަނީ ހިދުމަތް ނުދޭ ދުވަހެއް ކަން އަންގައިދޭ ލިޔުން ތަތްކޮށްފަ އެވެ. އެހެންވެ، ބައެއް އޮފީސްތަކުން މިއަދު އެއްވެސް ޚިދުމަތެއް ދީފައި ނުވެއެވެ.
މި ހަރަކާތްތަކުގައި އިސްނަގައި އިންތިމާކްކޮށްފައިވަނީ، ފޭސްބުކްގައި ހަރަކާތްތެރިވާ “ދިވެހި ސިވިލް ސާވަންޓްސް އެސޯސިއޭޝަން” ނަމަކަށް ކިޔާ ގްރޫޕެކެވެ.

ސީއެސްސީން ވަނީ ސިވިލް ސާވަންޓުން މެދުވެރިކޮށް ސަރުކާރުން ހިދުމަތްތައް ދިނުމުގައި ހުރިހާ މުވައްޒަފުން ދޭ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާކޮށް މުވައްޒަފުންގެ ތަރައްޤީ އާއި ކުރިއެރުމަށް ދެމިތިބޭނެ ކަމުގެ ޔަގީންކަން ދިނެވެ.
އިހުތިޖާޖުކުރާ ސިވިލް ސާވަންޓުންގެ ޑިމާންޑުތަކުގެ ތެރޭގައި ލިވިން އެލަވަންސް ދިނުމާއި ހުރިހާ މަގާމުތަކަށް ސެޓްފިކެޓުގެ ކުރިއެރުން ލިބޭނެ ގޮތް ހަމަޖައްސައިދިނުން ހިމެނެ އެވެ. އޭގެ އިތުރުން ސްކޫލްތަކުގެ އިދާރީ މުވައްޒަފުންނަށް އިތުރު އެލަވަންސެއް ހަމަޖައްސައި ދިނުމަކީ ވެސް އެ މީހުން ކުރާ ޑިމާންޑެކެވެ.
މުސާރައިގެ ކަންބޮޑުވުންތަކާ ގުޅިގެން ޕޭ ކޮމިޝަނުން މިއަދު ބުނީ މުވައްޒަފުންގެ މުސާރައިގެ ފަރަގު އަންނަ އަހަރު ނައްތައިލެވޭނެ ކަމަށެވެ.
އެ ކޮމިޝަނުން ބުނިގޮތުގައި ދައުލަތުގެ ހުރިހާ ފަންނުތަކެއް ހިމެނޭ ގޮތަށް އެއް ހަމައެއްގައި މުސާރަ ދޭ އޮނިގަނޑު އެކުލަވައިލުމުގެ މަސައްކަތް މިހާރު އޮތީ އެންމެ ފަހުގެ މަރުހަލާގަ އެވެ. މި އަހަރުގެ ތެރޭގައި އެ މަސައްކަތް އެއްކޮށް ނިންމައިލެވޭނެ ކަމަށް އެ އިދާރާއިން ބުންޏެވެ.
ސިވިލް ސާވެންޓުންގެ ގޮތުގައި މި ވަގުތު 26،668 މުވައްޒަފުން އެބަތިއްބެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނެވެ. އެއީ 16،593 އެވެ.