ސްޕޭސް އެކްސް ކުންފުނީގެ ކްރޫ ޑްރެގަން ކެޕްސޫލެއްގައި ހަތަރު ޓޫރިސްޓުން ޕްރޮފެޝަނަލް އެސްޓްރޮނޯޓެއް ނެތި ދަތުރުކޮށް ދަތުރު ކާމިޔާބު ކޮށްފިއެވެ.
މީގެކުރިންވެސް އާއްމުން ގޮވައިގެން ޖައްވައް ދަތުރުކޮށްފައިވީނަމަވެސް ކޮންމެ ދަތުރެއްގައިވެސް ޕްރޮފެޝަނަލް އެސްޓްރޮނޯޓުން ބައިވެރިވެފައިވެއެވެ.
މިއީ ޕްރޮފެޝަނަލް އެސްޓްރޮނޯޓަކާއި ނުލާ ދުނިޔެއިން ބޭރަށް މިގޮތަށް ކުރެވުނު ފުރަތަމަ ދަތުރެވެ. އެންމެ ހަތަރު މީހުން ހިމެނޭހެން 3 ދުވަހުގެ މުއްދަތަކަށް ކުރެވުނު މިދަތުރަކީ ބައިނަލް އަގުވާމީ އެއްވެސް ޖައްވީ ސްޓޭޝަނަކަށް މަޑުކުރުމެއްނެތި ކުރެވުނު ދަތުރެކެވެ. އެހެންކަމުން މިދަތުރު ވަނީ ވަރަށް ހާއްސަ ދަތުރަކަށްވެފައެވެ. މިދަތުރުގައި ބައިވެރިވުމަށް ބައިވެރިންވަނީ ހަމަސްދުވަހުގެ ތަމްރީނެއް ފުރިހަމަކޮށްފައިވާއިރު ފުޅާމިނުގައި 13 ފޫޓް ހުންނަ މިކެޕްސޫލް ދަތުރުކޮށްފައިވަނީ ދުނިޔެއަށްވުރެ 350 މޭލު ދުރުން އަދި ޖައްވީ ސްޓޭޝަނަށް ވުރެ 100 މޭލު މަތިންނެވެ.
މިދަތުރު ފަށާފައިވަނީ ސެޕްޓެމްބަރ 16 ވަނަ ދުވަހު ރާއްޖެ ގަޑިން މެންދަމު 12:02 ގައެވެ. އަދި ކާމިޔާބުކަމާއެކު ދަތުރު ނިންމާފައިވަނީ ސެޕްޓެމްބަރ 18 ވަނަ ދުވަހުގެ ރޭ 11:06 ގައެވެ.
މިދަތުރުގެ ބައިވެރިންނަކީ:
- 38 އަހަރުގެ ބިލިއަނަރު ޖެރެޑް އިސާކްމަން
- ސެއިންޓް ޖޫޑް ކުޑަކުދިންގެ ހޮސްޕިޓަލުގައި މަސައްކަތްކުރާ 29 އަހަރުގެ ހޭލީ އާސިނޯކްސް
- ޖިއޮލޮޖިސްޓް އަދި ކޮމިއުނިޓީ ކޮލެޖުގެ މުދައްރިސެއް ކަމަށްވާ ޑރ. ސިއަން ޕްރޮކްޓާ
- ލޮކްހީޑް މާޓިންގައި މަސައްކަތްކުރާ 42 އަހަރުގެ ޑރ. ކްރިސް ސެމްބްރޯސްކީ
ޕްރޮފެޝަނަލް އެސްޓްރޮނޯޓެއް ނެތި ޖައްވަށް ދަތުރުކުރި ހަތަރު ބައިވެރިން
މިދަތުރާ ގުޅުވައި ސެއިންޓް ޖޫޑް ކުޑަކުދިންގެ ހޮސްޕިޓަލަށް ފައިސާގެ އެހީ ހޯދަން ބިލިއަނަރު އިސާކްމަން ހުޅުވާލި ފަންޑަށް ހޯދަން ކަނޑައެޅި 200 މިލިއަން ޑޮލަރު ހެޔޮއެދޭ ފަރާތްތަކުން މިހާރުވަނީ ހަދިޔާކޮށްފައެވެ. ސްޕޭސްއެކްސްގެ ވެރިޔާ އީލޮން މަސްކް އެކަނިވެސް 50 މިލިއަން ޑޮލަރު ހަދިޔާކުރިއެވެ.
ދަތުރުގެ ބައިވެރިން މިތިން ދުވަސް ހޭދަކުރިކުރިގޮތް އެމީހުންވަނީ ހާމަކޮށްފައެވެ. އެގޮތުން ބަލާއިރު ކެޕްސޫލުގައިވާ ބިއްލޫރިގަނޑުން ބޭރު ބެލުމާއި، މިއުޒިކް އަޑުއެހުމުގެ އިތުރުން ޖައްވުގައި އުޅޭއިރު ހަށިގަނޑަށް ވާ ގޮތާ ބެހޭ ގޮތުން ސައިންޓިފިކް ދިރާސާތަކެއް ކުރިކަމަށް އެމީހުންވަނީ ހާމަކޮށްފައެވެ.

ޕްރޮފެޝަނަލް އެސްޓްރޮނޯޓެއް ނެތި ޖައްވަށް ދަތުރުކުރި ބައިވެރިން ހިއްސާކޮށްފައިވާ ފޮޓޯއެއް
އާސިނޯކްސް އަކީ ކުޑައިރު ކެންސަރާ ހަނގުރާމަކޮށް ސަލާމަތްވެފައިވާ ޑޮކްޓަރެކެވެ. އޭނާ ވަނީ ޖައްވުގައި ހުރެ އޭނާގެ ޕޭޝަންޓުންނާ ވާހަކަދައްކާފައެވެ. އަދި ބިލިއަނަރު އިސާކްމަން ނިއު ޔޯކުގެ ހިއްސާގެ ބާޒާރު ހުކުރުދުވަހު މެންދުރަށް ބަންދުކުރަން ސެޓެލައިޓް މެދުވެރިކޮށް ބެލްޖަހާ ވީޑިއޯއެއް ވެސް ވަނީ ޓްވިޓާގައި ހިއްސާކޮށްފައެވެ.
މީގެ އިތުރުން ޑރ. ފްރޮކްޓާ ޖައްވުގައި ހުރެ ލައިވްކޮށް ކެމެރާއިން އޭނާ މި ދަތުރުމަތީ ކުރަހާފައިވާ ކުރެހުންތައް ދައްކާލާފައިވާއިރު އަދި ސެމްބްރޮސްކީ ވަނީ ލައިވްކޮށް ގިޓާ ކުޅެފައެވެ. މި ކުރެހުންތަކާއި ގިޓާ ނީލަންކިޔައިގެން ލިބޭ ފައިސާ ސެއިންޓް ޖޫޑް ކުޑަކުދިންގެ ހޮސްޕިޓަލަށް ހަދިޔާކުރާގޮތަށް ވަނީ ނިންމާފައެވެ.
”އިންސްޕިރޭޝަން 4′ ގެ ނަންދެވިފައިވާ މި މިޝަން އާއި ބެހޭ ގިނަ މައުލޫމާތްތައް ޓްވިޓާރ މެދުވެރިކޮށް ބައިވެރިން ވަނީ ހިއްސާކޮށްފައެވެ. މިދަތުރުގެ ހުރިހާ ޚަރަދެއް ބެލެހެއްޓީ ބިލިއަނަރ އިސާކްމަންއެވެ.