ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އދ. ގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ރަސްމީކޮށް އިއްޔެ ބައްދަލުރައްވައިފިއެވެ. މިބައްދަލުވުމުގައި ރައީސް ސޯލިހް އދ. ގެ ރައިސް އަބްދުﷲ ޝާހިދު ރާއްޖެ ވަޑައިގަުތުމަށް ދަޢުވަތު ދެއްވައިފިއެވެ.
އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ޖަލްސާ އަށް އެމެރިކާގެ ނިއު ޔޯކަށް ވަޑައިގެން އުޅުއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޝާހިދާ ބައްދަލުކުރައްވައި ވަނީ އދ. ގެ ރައީސަކަށް ޝާހިދު އިންތިހާބުވުމުން މަރުހަބާ ދަންނަވައިފަ އެވެ.
މިފަހަރަކީ، އދ. ގެ ރައީސްގެ މަގާމު ދިވެއްސަކު އަދާކުރައްވާ ފުރަތަމަ ފަހަރެވެ. ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙްގެ މިދަތުރުފުޅު ޚާއްސަވާ އެއް ސަބަބު ކަމުގައި މިސަބަބު ވެފައި ވެއެވެ. މިސަރުކާރުގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު، މިފަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމެރިކާ އަށް ވަޑައިގަތުމުން ރަސްމީކޮށް މަރުހަބާ ދަންނަވާފައި ވަނީ އދ. ގެ ރައީސްގެ ހައިސިއްޔަތުންނެވެ. އަދި ޝާހިދު ވަނީ ރައީސުލް ޖުމްހޫރިއްޔާއަށް ރަސްމީ ފަރިއްކޮޅެއް ވެސް ދެއްވައިފަ އެވެ.
ނިއު ޔޯކްގައި ހުންނަ އދ. ގެ މައި މަރުކަޒުގަައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޝާހިދު ބޭއްވެވި ބައްދަލުވުމުގައި ވަނީ ޝާހިދުގެ “އުންމީދީ ރިޔާސަތު” ގައިވާ “ފައިވް ރޭސް އޮފް ހޯޕް” ގެ ކަންކަން ހާސިލު ކުރުމުގައި ކާމިޔާބީ އަށް އެދިވަޑައިގެންފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ޖަލްސާގެ ރައީސް ޝާހިދު އިއްޔެ ފޮޓޯއަކަށް ހުއްޓި ވަޑައިގެން.—ފޮޓޯ: ރައީސް އޮފީސް
ރައީސް އޮފީހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމަށް ކުރިމަތިލެއްވުމާ ހަމައިން ފެށިގެން ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި އިތުބާރާއި ދެއްވި އެއްބާރުލެއްވުމަށްޓަކައި ރައީސަށް ޝާހިދު ޝުކުރު އަދާކުރައްވާފައި ވެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ޖަލްސާގެ ރައީސް ޝާހިދު އިއްޔެ ރަސްމީކޮށް ބައްދަލުކުރައްވަނީ.—ފޮޓޯ: ރައީސް އޮފީސް
ޝާހިދަށް ހަވާލާދީ، ރައީސް އޮފީހުގެ ވެބްސައިޓްގައި ވާގޮތުން ” ދިވެހި ދަރިޔަކަށްވެ އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވުމަށް ފުރުސަތު ލިބުމަކީ އެ މަނިކުފާނަށް ލިބުނު ޝަރަފެއް ކަމަށާއި ރާއްޖޭގެ ހާރިޖީ ސިޔާސަތު ބިނާވަނީ ބޭރު ގައުމުތަކާއެކު މިހާރު އޮންނަ ގުޅުންތައް ދެމެހެއްޓުމާއެކު އާ ގުޅުންތައް ގާއިމު ކުރުމަށް ކަމުގައި އަބްދުﷲ ޝާހިދު ވިދާޅުވި އެވެ،”
ޝާހިދު ވިދާޅުވިގޮތުގައި އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްގެ މަގާމު އޭނާ ކާމިޔާބު ކުރެއްވުމުން ރަމްޒު ކޮށްދެނީ ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ހާރިޖީ ސިޔާސަތު ބަލައިގަނެފައިވާ ކަމެވެ.
މި ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ތަންފީޒު ކުރުމުގައި ޝާހިދު ހޯއްދަވާފައިވާ ކާމިޔާބީ ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އދ. ގެ ރައީސް ޝާހިދުގެ ބައްދަލުވުން ނިންމަވައި ލައްވަމުން ރައީސް ވަނީ މަގާމުގެ ހައިސިއްޔަތުން ޝާހިދު ރާއްޖެ އަށް ރަސްމީ ދަތުރެއް ކުރައްވަން ދައުވަތު އަރުވާފައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
އދ. ގެ އާންމު މަޖިލީހުގެ ސަގާފަތް ހަމަޖެހިފައި އޮންނަ ގޮތުން ނަމަ އެ މަޖިލީހުގެ ރައީސްގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، ކޮންމެ ބޭފުޅަކު ވެސް އެންމެ ފުރަތަމަ ރަސްމީ ދަތުރެއް ކުރައްވަނީ އެ ބޭފުޅެއްގެ އަމިއްލަ ގައުމަށެވެ. ނަމަވެސް އެ ދަތުރު ކުރައްވާނީ އެ ގައުމަކުން ރަސްމީކޮށް ދައުވަތު ދިނުމުންނެވެ.