އާންމު ރައްޔިތުންގެ ޝަކުވާތައް “ގަވް ޑޮޓް އެމްވީ” ބޭނުންކޮށްގެން އޮންލައިންކޮށް ސަރުކާރުގެ އިދާރާތަކަށް ހުށަހެޅޭނެ ގޮތަށް ހަމަޖައްސައިފިއެވެ.
ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނާގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގަންނަވަނީ ސަރުކާރުގެ އިދާރާތަކަށް ކަންކަން ހުށަހެޅުމުގައި “ގަވް އެމްވީ”ގެ ބޭނުން ކުރުމަށާއި މިއީ ސަރުކާރާއި ރައްޔިތުން ޑިޖިޓަލްކޮށް ގުޅުވައިދޭ ހިދުމަތެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިރުޝާދުގެ ދަށުން މި ގޮތަށް ހަމަޖެއްސެވުމުން، އަމިއްލަ މީހުން ސަރުކާރުގެ އިދާރާތަކަށް “ގަވް ޑޮޓް އެމްވީ” މެސެޖުގެ ޒަރީއާއިންނާއި، ސިޓީން ހުށަހަޅާ ކަންކަމަށް ޖަވާބު ދެއްވުމުގައި ސަރުކާރުގެ އިދާރާތަކުން ޢަމަލުކުރަންވާނެގޮތް ބަޔާނުގައި ތަފްޞީލްކޮށްދެއްވާފައެވެ. އެގޮތުން ގަވް އެމްވީ ބޭނުންކޮށްގެން މީހަކު މެސެޖްކޮށްފިނަމަ އެ އިދާރާއެއްގެ ސާވިސް ޗާޓަރުގައި ކަނޑައަޅައިފައިވާ މުއްދަތުގެ ތެރޭގައި އެ މީހަކަށް ޖަވާބު ދޭން ޖެހޭނެ ކަމަށާއި މެސެޖުގެ ޒަރީއާއިން ނުވަތަ ސިޓީއަކުން ސަރުކާރުގެ އިދާރާއަކަށް ދިވެހި ރައްޔިތަކު، ބޭރު ބަހަކުން ކަމެއް ހުށަހެޅި ނަމަވެސް، އެ އިދާރާއަކުން އެ މީހަކަށް ޖަވާބު ދޭނީ ދިވެހި ބަހުން ކަން ބަޔާންކުރައްވާފައިވެއެވެ.
ސެޕްޓެމްބަރ 14 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިފްތިތާހް ކުރެއްވި “ގަވް ޑޮޓް އެމްވީ” އަކީ ދިވެހި ސަރުކާރާއި އާންމުންނާއި ދެމެދު ކުރާ މުއާމަލާތުގެ މައުލޫމާތާއި އާއްމުން ހުށަހަޅާ ޝަކުވާ ވެސް، ޑޭޝްބޯޑެއްގެ ގޮތުގައި ކޮންމެ އިދާރާއަކަށް ވެސް ފެންނަން ހުންނާނެހެން ފަރުމާކޮށްފައިވާ އޮންލައިން ޕޯޓަލްއެކެވެ.