ޚަބަރު
މުވައްޒަފުންނަށް ޖިންސީ ގޯނާ ނުކުރާކަމަށް ބުނެ އަލީ ވަހީދު ހުވާކޮށްފި

ޓުއަރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު އެމިނިސްޓްރީގެ 15 މުވައްޒަފަކަށް އަލީ ވަހީދު ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރަ ކޮށްފައިވާ ކަމަށް ކުރި ތުހުމަތަކީ ދޮގެއް ކަމަށް ބުނެ އޭނާ މާތްﷲ ގަންދީ ހުވާކޮށްފިއެވެ.

އިނގިރޭސިވިލާތުގައި ފިއްލަވައިގެން ހުންނެވި އަލީ ވަހީދު ރޭ އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، އޭނާ ވަނީ ފްރޭމް ކޮށްފައި ކަމަށާއި، އެކަން ކޮށްފައިވަނީ ވެރިކަން ކުރާ އެމްޑީޕީގެ ސިޔާސީ ބޭފުޅުންތަކެއް އިސްކޮށް ތިއްބަވައިގެން ކަމަށެވެ. މިގޮތަށް ތުހުމަތު ކުރެއްވި ނަމަވެސް އެއްވެސް މީހެއްގެ ނަމެއް އޭނާ ވިދާޅުވެފައިނުވެއެވެ.

ތަކުރާރުކޮށް އޭނާއަސް ކޮށްފައިވާ ތުހުމަތުތައް ދޮގުކުރައްވަމުން އަލީ ވަހީދު ވިދާޅުވީ، ޖިންސީ ގޯނާ ކުރުމާއި ޖިންސީ ފުރައްސާރަ ކުރުމަކީ އޭނާގެ ތަބީއަތުގައި ހުންނަ ކަމެއް ނޫން ކަމަށެވެ. އަދި އޭނާގެ މައްޗަށް ފުލުހުން ތަހުގީގު ހިންގާ މައްސަލައިގައި ދައުވާކޮށް، ޝަރީއަތް ފަށައި ހެކިބަސް ނެގުމާއި ހަމައަށް ދިޔައިރުވެސް އެމައްސަލައިގައި އޭނާ އާއި އެއްވެސް ސުވާލެއް ކޮށްފައި ނުވާ ކަމަށެވެ.

“ދައުލަތުގެ ވަޒީރެއްގެ ގޮތުގައި މަސައްކަތްކޮށް ވަކިކުރުމާ ހަމައަށް އަދި މިއަދާ ހަމައަށް ވެސް އަޅުގަނޑާ ސުވާލެއް ނުކުރޭ ދިވެހި ދައުލަތުގެ އެއްވެސް ގާނޫނީ އިދާރާއަކުން އަޅުގަނޑުގެ މައްޗަށް މި ތުހުމަތުކުރާ ދައުވާތަކުގައި ހިމެނޭ އެއްވެސް ސުވާލެއް،” އަލީ ވަހީދު ވިދާޅުވި އެވެ.

އޭނާގެ މައްޗަށް ތުހުމަތު ކުރަނީ އަންހެން މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުތޯ ވެސް ސުވާލު އުފައްދާފައެވެ. އެގޮތުން އޭނާ ވިދާޅުވީ، ފުލުހުން މީޑިއާގައި ވިދާޅުވެފައިވާ ގޮތުގައި އޭނާގެ މައްސަލައިގައި މިހާތަނަށް 15 ފަރާތެއްގެ ބަޔާން ނަގާފައިވާ ކަމަށާއި، ނަމަވެސް މިއަދާ ހަމައަށް ވެސް، ބަޔާން ނަގާފައިވަނީ 15 ފިރިހެނުން ކަމެއް ނުވަތަ 15 ފިރިހެނުންކަމެއް ވިދާޅުވެފައި ނުވާކަމަށެވެ.

“މި ބާވަތުގެ މައްސަލަތަކުގައި ސައިކޮލޮޖިކަލް އެސެސްމަންޓް ހަދަން ޖެހޭ. އެ ހަދަން ދާން ބުކް ކުރީމަ ވެސް އަޅުގަނޑު ފްރޭމް ކުރި މީހުން އެ އެޕޮއިންޓްމަންޓްތަކަށް ނުދާ ކަމުގެ ޔަގީން ކަމާއި އެ މައުލޫމާތާއި މެޑިކަލް ރިޕޯޓް ހަދަން ބުނީމަ ވެސް އެތަނަށް ވެސް ނުދޭ. ދިޔަ ތަނަކީ ރައީސް އޮފީސް. މިކަމުގެ އޯޑަރު އައީ ރައީސް އޮފީހުން.” އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ރޭ ވަނީ އެކި ފަރާތްތަކުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ. ނަމަވެސް ކުރެއްވި ގިނަ ތުހުމަތުތަކާއި ގުޅޭ މާގިނަ ތަފްސީލްތަކެއް ނުދެއްވައެވެ. އަދި ތުހުމަތުތައް ކުރެއްވުމަށްފަހު އެކަން ރައްދުވާ ވަރަށް މަދު ބޭފުޅެއްގެ ނަން ފިޔަވައި އިތުރު ބޭފުޅެއްގެ ނަން ވެސް ހާމައެއް ނުކުރައްވައެވެ.

Comment