އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ގުޅުން ހުރިކަމަށް ބުނެ އަލީ ވަހީދު ތުހުމަތުކޮށްފައިވާތީ މިވާހަކަތައް ތަހުޤީގުކުރުމަށާއި ތަހުޤީގު ނިމެންދެން ރައީސްގެ މަގާމުން އެމަނިކުފާނު އެކަހެރިކުރުމަށް ގޮވާލާ އިދިކޮޅުން މަޖުލީހަށް ކުއްލި މައްސލައެއް ހުށަހަޅައިފިއެވެ.
އަލީ ވަހީދު އިގިރޭސި ވިލާތުގައި ހުންނަވައިގެން ރޭ ބޭއްވު ކޮންފަރެންސެއްގައި ވިދާޅުވެފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން 35 މިލިއަން ރުފިޔާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ހަވާލުވިކަމަށެވެ. އެހެންކަމުން އިދިކޮޅުން ޕީޕީއެމް/ޕީއެންސީގެ ފަރާތުން މިމައްސަލަ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފެވެ. އެހެންނަމަވެސް މިމައްސަލަ މިއަދުގެ ޖަލްސާގައި ތާވަލްކުރެވިފައި ނުވެއެވެ.
އިދިކޮޅުން ގޮވާލަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ބޭފުޅާއަށް މިފަދަ ބޮޑެތި ތުހުމަތުތައް ކުރެވެމުން އަންނާތީ މިނިވަން ތަހުގީގެއް ހިންގަން ޖެހޭ ކަމަށާއި ތަހުގީގު ނިމެންދެން ރައީސް އެމަނިކުފާނުގެ މަގާމުން އެކަހެރިވެވަޑައިގަންނަން ޖެހޭ ކަމަށެވެ.
އަލީ ވަހީދު ވިދާޅުވި ގޮތުގައި ރެހެންދި ފްލެޓްގައި އަހްމަދު އަދީބު ދިރިއުޅުއްވިއިރު އެޕާޓްމެންޓުން ކަޅު ދަބަހެއްގައި ރައީސް ސޯލިހު ގެންދެވި ކަމަށާއި އެދަބަހުގައި 35 މިލިއަނަށްވުރެ ގިނަ ފައިސާ ހުންނާނެ ކަމަށެވެ.