އުގެއިލް ފައުންޑޭޝަނާއި “މަމްސް” އެންޖީއޯ އާ ގުޅިގެން، އަންހެނުންނަށް ހާއްސަ ކޯސްތަކެއް ވަރަށް އަވަހަށް ފަށާނެ ކަމަށް އުގައިލް ފައުންޑޭޝަނުން އަންގައިފިއެވެ.
އަންހެނުންނަށް ހާއްސަކޮށްގެން އިނގިރޭސި ބަހުން ލިޔަން ކިޔަން ދަސްކޮށްދޭ ކޯސްތަކެއް ބާއްވަން ހަމަޖެހިފައިވަނީ ޒޫމް މެދުވެރިކޮށް އޮންލައިންކޮށެވެ. އެހެންކަމުން ރާއްޖޭގެ އެކި ކަންކޮޅުތަކުން މިކޯހުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ބޮޑެތި މީހުން އިނގިރޭސި ބަހަށް އަހުލުވެލި ކުރުމުގެ ގޮތުން ކުރިޔަށް ގެންދަން ހަމަޖެހިފައިވާ މިކޯހުގެ ރަޖިސްޓްރީ ފީ އަކީ 100 ރުފިޔާއެވެ. އެހެންނަމަވެސް ހަމަސްދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދެވޭ މިކޯހުގެ ކޯސް ފީއެއްގެ ގޮތުން ކޮންމެ ބައިވެރިއެއްގެ އަތުން 200 ރުފިޔާ ނެގޭނެ ކަމަށް އެފައުންޑޭޝަނުން ވިދާޅުވިއެވެ.
އުގައިލް ފައުންޑޭޝަނުން ވިދާޅުވީ ކޯހުގައި ކިޔަވައިދޭނީ އިގިރޭސި ވިލާތުގެ ތަޖުރިބާކާރު ޓީޗަރެއް ކަމަށާއި މިކޯސް ކުރިޔަށް ގެންދެވޭނީ ތިން ލެވެލަކަށް ބަހައިގެން ހަފްތާއަކު އެއްދުވަހު ކަމަށެވެ.
ފަސްނުޖެހި އިނގިރޭސި ބަހުން ވާހަކަ ދައްކަން ދަސްކޮށްދިނުމާއި ވާހަކަ ދެއްކުމުގެ ހަމަތައް ދަސްކޮށްދިނުމުގެ އިތުރުން އެހެންމީހުންނާއި ވާހަކަ ދައްކާއިރު ވާހަކަ ކުރިއަށް ގެންދާނެ ގޮތް މިކޯހުގައި ދަސްކޮށްދެވޭނެއެވެ.
ކޯސް ބަހާލާފައި ވަނީ އެއްވެސް ވަރަކަށް އިނގިރޭސިން ލިޔަންކިޔަން ނޭނގޭ މީހުންނާއި ކޮންމެވެސް ވަރަކަށް އެނގޭ މީހުން އަދި ކުޑަ މިންވަރަކަށް ވާހަކަ ދެއްކުމާއި ލިޔުމުގެ ހަމަތައް އެނގޭ މީހުންނަށެވެ.
ކޯސް ކުރިއަށް ދާއިރު ކޮންމެ ހަފުތާ އަކު ވެސް މަސައްކަތެއް ހަވާލުކުރެވޭނެއެވެ. އެމަސައްކަތް ގަވާއިދުން ނިންމާ މީހުންނަށް ޕްރޮގްރާމް ނިމިގެން ދާއިރު ސެޓްފިކެޓެއް ދޭނެއެވެ.
މިކޯސްތަކުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން ޒޫމް އޮންލައިން މެދުވެރިކޮށް ފޯމް ހުށަހެޅޭނެއެވެ.