ސީއެޗްއެސްސީގެ އިސްލާމް ޓީޗަރު އަލްއުސްތާޛް ސުއޫދު މުޙައްމަދުފުޅު ކުއްލިގޮތަކަށް ނިޔާވެއްޖެއެވެ.
ސުއޫދު ނިޔާވިއިރު އުމުރުފުޅަކީ 52 އަހަރެވެ. ސުއޫދު ނިޔާވީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކުއްލި ގޮތަކަށެވެ.
ސުއޫދު ނިޔާވުމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުންނާއި އަދި ސީއެޗްއެސްސީގެ ފަރާތުން ވަނީ ތައުޒިޔާގެ މެސެޖު ނެރުއްވާފައެވެ. އެޑިއުކޭޝަނުން ވިދާޅުވީ، އަލްއުސްތާޛް ސުއޫދު މުޙައްމަދުފުޅު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމަކީ ތަޢުލީމީ ދާއިރާއަށް ލިބިގެންދިޔަ ފުން ހިތާމައެއް ކަމަށެވެ.
އަލްއުސްތާޛު ސުޢޫދު މުޙައްމަދު ފުޅަކީ ސީއެޗްއެސްސީގައި 19 އަހަރަށް ވުރެ ދިގު މުއްދަތަކަށް ތަފާތު މަޤާމްތަކުގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ކުއްލިގޮތަކަށް ސުއޫދު ނިޔާވުމަކީ ސީއެޗްއެސްސީގެ މުވައްޒަފުންނަށާއި ބެލެނިވެރިންނާއި ދަރިވަރުންނަށް ލިބިގެންދިޔަ ވަރަށް ބޮޑުފުން ހިތާމައެއްކަމަށް އެކަމުގައި އެ ސެންޓަރުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އަލްއުސްތާޛް ސުއޫދު މުޙައްމަދުފުޅު ވަނީ 22 އަހަރުގެ ދިގު މުއްދަތަކަށް ތަޢުލީމީ ދާއިރާއަށް ޚިދުމަތް ކުރައްވާފައެވެ. އެގޮތުން އަމީނިއްޔާ ސްކޫލް އަދި ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަންގައި އިސްލާމް މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރެއްވާފައިވެއެވެ.