ޚަބަރު
ބީ.އެމް.އެލް “ހޯމް އިމްޕްރޫވްމަންޓް ފައިނޭންސިންގ”އަށް ހެޔޮ ބަދަލުތަކެއް

ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އިސްލާމިކް ބޭންކް މެދުވެރިކޮށް ދޫކުރާ “ހޯމް އިމްޕްރޫވްމަންޓް ފައިނޭންސިން” ފެސިލިޓީއަށް ހެޔޮ ބަދަލުތަކެއް ގެނައުމަށްފަހު ދޫކުރަން ފަށައިފިއެވެ.

ރަހުނަކާއި ނުލާ ދޫކުރަން ހަމަޖެހިފައިވާ މި ފެސިލިޓީގެ ދަށުން ފްލެޓްތަކުގެ މަރާމާތާއި އެހެނިހެން މަސައްކަތްތައް ނިންމާލުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން ތަނަށް ބޭނުންވާ ތަކެތި ގަތުމަށް ނަގުދު ފައިސާ ދޫކުރެވޭނެއެވެ. އަދި މި ފެސިލިޓީ ލިބޭ ފަރާތްތަކަށް ސޯޝަލް ހައުސިންގެ ދަށުން އަތޮޅުތެރޭގައި ދޫކޮށްފައިވާ ތަންތަން ވެސް ހެދޭނެއެވެ.

މިފެސިލިޓީއަކީ މީގެ ކުރިންވެސް ބީއެމްއެލް އިސްލާމިކް އިން ދޫކުރަމުން އައި ފެސިލިޓީއެކެވެ. އެހެންނަމަވެސް މީގެކުރިން މިފެސިލިޓީގެ ދަށުން ލިބިގެންދާނީ ހަމައެކަނި ބޭނުންވާ ތަކެއްޗެވެ. ނަމަވެސް މިފެސިލިޓީއަށް ގެނެވުނު ހެޔޮ ބަދަލާއެކު ފްލެޓްތަށް އެއްކޮށް ނިންމާލުމަށް ބޭނުންވާ ތަކެތި ގަތުމަށް ނަގުދު ފައިސާ އަތަށް ދޫކުރެވޭނެއެވެ. ކަސްތަމަރުންގެ އަތުން އެއްވެސް ޚަރަދެއް ކުރުމެއްނެތި ފްލެޓްތައް ނިންމާލެވޭނެއެވެ.

ބީއެމްއެލް އިސްލާމިކް ޑިވިޝަންގެ އިންޓެރިމް އިންޗާރޖް ހަސަން ކަލާމް ވިދާޅުވި ގޮތުގައި ހޯމް އިމްޕްރޫވްމަންޓް ފައިނޭންސިން ނަގާއިރު ފްލެޓްގެ ވެރިފަރާތް ބޭނުންފުޅުވާނަމަ ވެރިފަރާތާއެކު އިތުރު ފަރާތެއް މިފައިނޭންސްގައި ބައިވެރި ކުރުވިދާނެކަމަށެވެ.

ހޯމް އިމްޕްރޫވްމަންޓް ފައިނޭންސިންގެ ދަށުން ފައިސާ ދޫކުރަނީ ޕްރޮޖެކްޓަކަށް 150،000 ރުފިޔާއާ ހަމައަށެވެ.

ކަލާމް ވިދާޅުވި ގޮތުގައި މިފައިސާ އަނބުރާ ދެއްކުމަށް ފަސް އަހަރުގެ މުއްދަތެއް ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. އިސްލާމިކް ފައިނޭންސްގެ އުސޫލުތަކުގެ ދަށުން ފެސިލިޓީގެ މުއްދަތުގެ ކުރިން އަވަހަށް ފައިސާ ދައްކައި ހަލާސްކުރުމުގެ ފުރުސަތު ލިބޭނެ ކަމަށާއި އަވަހަށް ފައިސާ ދައްކާ ހަލާސް ކުރާނަމަ ބޭންކުގައި ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށް ޑިސްކައުންޓް ވެސް ލިބޭނެކަމަށް ކަލާމް ވިދާޅުވިއެވެ.

Comment