ފުވައްމުލަކުގައި ސައިކަލަކަށް ޕެޓްރޯލް އަޅަންދިޔަ އަންހެނެއްގެ ގަޔަށް ޕެޓްރޯލް އެޅި ބޮޑެތި އަނިޔާތަކެއްވެއްޖެއެވެ.
މިދިޔަ އާދީއްތަ ދުވަހު ފުވައްމުލަކުގެ ދުވަސްވީ ޕެޓްރޯލް ޝެޑަކަށް ޕެޓްރޯލް އަޅަންދިޔަ މީހެއްގެ މުޅި ގަޔަށް ޕެޓްރޯލް ބުރައިގެންދިޔަ ކަމަށާއި އޭގެ ސަބަބުން އެމީހާއަށް ވަނީ ގެއްލުންތަކެއްވެފައެވެ.
މީޑިޔާއަށް މައުލޫމާތު ދެމުން އަންހެންމީހާ ބުނެފައިވަނީ އޭނަގެ މޫނަށާއި ލޮލަށް އަދި މުޅި ގަޔަށް ޕެޓްރޯލް ބުރައިގެންދިޔައިރު އޭނާ ހުރީ ސައިކަލަށް ޕެޓްރޯލް އަޅަންވެގެން އެތަނުގައި ހުއްޓިލައިގެން ކަމަށާއި މޫނާއި ލޮލަށް ޕެޓްރޯލް އެޅުމުން ހަންގަނޑު ފިހިފައިވާ ކަމަށެވެ. ޕެޓްރޯލް ޖެހުނު ހިސާބުން އަތުގެ ހަންގަނޑުވެސް އަދާފައިވާ ކަމަށް އެމީހާ ވަނީ މައުލޫމާތު ދީފައެވެ.
އެހީއަށް އެދުމުން ޕެޓްރޯލް އަޅަންހުރި ކުއްޖާވެސް ހައިރާންވެފައި ބަލަހައްޓައިގެން ހުރީ ކަމަށާއި އެވަގުތު ޕެޓްރޯލް ޝެޑުގައި ހުރި އެހެން ކުއްޖަކު ނުކުމެ އެއަންހެންމީހާގެ ގަޔަށް ފެން ޖަހާފައިވާ ކަމަށް ބުނެފައިވެއެވެ.
މިމައްސަލަ މިހާރު ވަނީ ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެވި ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ކޯޓަށްވެސް މައްސަލަ ހުށަހަޅާފައެވެ.
އެރަށުގެ ގިނަ ދުވަސްވީ މިޝެޑުގައި މީގެ ކުރިންވެސް މިފަދަ ހާދިސާއެއް ވަނީ ހިނގާފައެވެ.
ބައެއް މީޑިޔާތަކުން ހާމަކުރާ ގޮތުގައި އެޝެޑުގައި ޕެޓްރޯލް އަޅަން ގެންގުޅޭ ގަން ހިމެނޭގޮތައް ގެންގުޅޭ ބައެއް ސާމާނު ވަނީ ހަލާކުވެފައެވެ. އަދި މުވައްޒަފުންނަށްވެސް އެއްވެސް ތަމްރީނެއް ދީފައިނުވާކަމަށް މީޑިޔާތަކުގައި ތުހުމަތުކޮށްފައިވެއެވެ.