ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ލިބޭނީ ކޮންމެ އަތޮޅެއްގައިވެސް ޕަބްލިކް ވަރކްސް ޔުނިޓެއް ޤާއިމްކޮށްގެން ކަމަށް ދިއްގަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖުލީހުގެ ފެލިދޫ ދާއިރާގެ މެމްބަރު ފަޒުލް ރަޝީދު ހުށަހެޅުއްވި ކުއްލި މައްސލައިގައި ވިދާޅުވެފައިވަނީ ވ.ފެލިދޫގެ ރަށްގިރުމުގެ މައްސަލަ މިހަރު ވަރަށް ބޮޑުވެފައިވާކަމަށާއި މިމައްސލައަށް ހައްލެއް ހޯދައިދިނުން ވަރަށް މުހިންމު ކަމަށެވެ.
މިބިލަށް ބަހުސްކުރަމުން މެމްބަރު އިކްރާމް ވިދާޅުވީ މިފަދަ މައްސަލަތަކަށް ހައްލެއް ލިބެން އޮތީ ކޮންމެ އަތޮޅެއްގައިވެސް ޕަބްލިކް ވަރކްސް ޔުނިޓެއް ޤާއިމުކޮށް ބޭނުންވާ ވެހިކަލްތައް ހޯދައިގެން ކަމަށެވެ. އޭރުން އެއަތޮޅެއްގެ ކައުންސިލްތަކުން އެމައްސަލަތައް ހައްލުކުރާނެ ކަމަށާއި މިތަކެތި ހޯދުމަށް ކޮންމެ އަތޮޅަކަށްވެސް ދާނީ 10 މިލިޔަނެއްހާ ރުފިޔާ ކަމަށް އިކްރާމް ވަނީ ވިދާޅުވެފައެވެ.
ޕަބްލިކް ވަރކްސް ސާރވިސްއަކީ އަތޮޅުތެރޭގެ ރަށްތަކަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމުގައި ކައުންސިލާއި ގުޅިގެން މަސައްކަތް ކުރާ މުވައްސަސާއެކެވެ. އެގޮތުން ރަށްރަށުގެ މަގުތައް ހެދުމާއި ރަށް ސާފްކޮށް ބެލެހެއްޓުމުގެ އިތުރުން އަތޮޅު ކައުންސިލްތަކުން ދައްކާ އެހެނިހެން މަސައްކަތްތައް ކުރެއެވެ. މީގެ އިތުރުން ރަށުގެ އެހެނިހެން މުވައްސަސާތަކުން ކުރަމުންގެންދާ މަސައްކަތުގައިވެސް ޕަބްލިކް ވަރކްސް އިން އެހީތެރިކަން ފޯރުކޮށްދެއެވެ.