ކުޅިވަރުގެ ދުނިޔޭގައި އުޖާލާކަންބޮޑު ވިދުވަރެއް އެބަހުއްޓެވެ. ޔުސެއިން ސެއިންޓް ލިއޯ ބޮލްޓް ނުވަތަ ޔުސެއިން ބޮލްޓް ގެ ނަމުން މަޝްހޫރު މި ޝަޙްސިއްޔަރަކީ ދުވުމުގެ ރޮގުން ދުނިޔޭގައި ފައިހަރުކުރި މީހެކެވެ.
ޖެމައިކާގެ ޝެރްވުޑް ކޮންޓެންޓް ނަމަކަށް ކިޔާ ކުޑަސަހަރަކަށް 1986 ވަނަ އަހަރު އޯގަސްޓް މަހު އުފަންވި މި ތަރިއަކީ މިހާތަނަށް އެތްލެޓިކްސް ދުނިޔޭގައި އެންމެ ބާރަށް ދުވާ މީހާ އެވެ. މީނާ ދުވަން ފެށުމުގެ ކުރިން ބޭބެ އާއި އެކު ކްރިކެޓާއި ފުޓުބޯޅަވެސް ކުޅުނެވެ.
ދުވުމުގެ ދުނިޔެއަށް ޔުސެއިންގެ ހުނަރު ފެންނަން ފެށީ ޕްރައިމަރީ ސްކޫލަށް ދިޔަ ހިސާބުންނެވެ. ސްކޫލުގެ އެކިއެކި މުބާރާތް ތަކުން ވަނަ ހާސިލް ކުރަމުން އަި ޔުސެއިންގެ އުމުރުން 12 އަހަރުގައި ސްކޫލުގެ އެންމެ ބާރަށް ދުވާ ކުއްޖާގެ މަޤާމަށް އައެވެ.
ވިލިއަމް ނިބް މެމޯރިއަލް ހައި ނަމަކަށް ކިޔާ ސްކޫލަކާ ޔުސެއިން ގުޅުނުފަހުން އޭނާ ޝައުޤުވެރިކަން ފާޅުކުރީ އެހެނިހެން ކުޅިވަރު ތަކުންނެވެ. ނަމަވެސް އޭނާގެ ބާރު ދުވެލި ފެނިފައި އޭނާގެ ކްރިކެޓް ކޯޗްގެ ލަފާއަކަށްވީ ދުވުމެވެ.
ޕަބްލޯ މެކްނެއިލް އަދި ޑްވޭން ޖަރެޓް ގެ އިރުޝާދާއި ހިތްވަރުދިނުމުގެ ނަތީޖާއަކަށްވީ އޭނާގެ ހަކަތަ އެތްލެޓިކްސްގެ ހުނަރު ކުރިއަރުވަން ލިބުނު ހިތްވަރަކަށެވެ. ނަތީޖާ އަކަށްވީ 2002 ވަނަ އަހަރު ދުނިޔޭގެ ރަންމެޑަލް ހާސިލް ކުރި އެންމެ ޒުވާން އެތްލީޓަށް ވުމެވެ.
2004 ވަނަ އަހަރު ރަސްމީ ސިފައެއްގައު އައު ކޯޗަކާއި އެކު ޔުސެެއިން އެތްލެޓިކްސް ގެ ދުނިޔެއިން ކުރި ހޯދަންފެށީ ބާމިއުޑާގައި ބޭއްވި ކެރިފްޓާ ގޭމްސްގައެވެ. މިފަހަރު ދުނިޔެ ސިއްސުވާލީ 200 މީޓަރުގެ ރޭހެއް 19.93 ސިކުންތުން ދުވެ، ޒުވާނުންގެ ރިކޯޑާއި އެކުއެވެ.
ޔުސެއިންގެ މި ދަތުރުގެ އެންމެ ކުލަގަދަ އަހަރަކީ 2008 ވަނަ އަހަރެވެ. އޭނާގެ އެއަހަރު ފެށީ 100 މީޓަރުގެ ދުވުންތަކާއި އެކުއެވެ. ފުރަތަމަ ދުވީ 9.76 ސިކުންތުންނެވެ. އެއީ އޭރުގެ ރެކޯޑަށް ވުރެ 0.02 ސިކުންތު މަޑެވެ. ނަމަވެސް ގަދަ އަޒުމާއި ހިތްވަރުން އެ އަހަރު މެއި 31 ވަނަ ދުވަހު ދުނިޔޭގެ ރިކޯޑް އޭނާ މުގުރާލީ 9.72 ސިކުންތުންނެވެ.
އޭނާގެ މިހާރުގެ ރިކޯޑަކީ 9.69 ސިކުންތެވެ. އެއީ 2008 ވަނަ އަހަރު އޮލިމްޕިކްސްގައި އޭނާ މުގުރާފައި ވާ ރިކޯޑެވެ.