ލާމަރުކަޒީ ގާނޫނަށް އިސްލާހުގެނައިރު ކައުންސިލްތަކަށް ބަޖެޓް ކަނޑައަޅާފައިވާގޮތުން ތިނަދޫ ކައުންސިލަށް ދަތިވާކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސަނީފް ވަނީ 3000 މީހުންގެ އާބާދީއެއް އޮންނަ ކައުންސިލްތަކަށް ލިބޭ ބަޖެޓެއް 8700 މީހުންގެ އާބާދީއެއް އޮންނަ ރަށަކަށް ލިބިގެން ރަނގަޅަށް ނުހިންގޭނެކަމަށް ފާހަގަކޮށްފައެވެ.
އެގޮތުން މީގެ ކުރިން ތިނަދޫ ކައުންސިލަކީ ކުޅުދުއްފުށި ކައުންސިލް ގޮތަށް ހިންގަމުން އައި ތަނެއްނަމަވެސް ކުޅުދުއްފުށި މިއަދު ސިޓީއަކަށް ބަދަލުވެ ކުޑަ ފަރަގެއްގެ ސަބަބުން ތިނަދޫއަށް ސިޓިއެއްގެ ދަރަޖަ ނުލިބުމުން ތިނަދޫ ކައުންސިލަސްވެސް ލިބެނީ 3000 މީހުންގެ އާބާދީއެއް އޮންނަ ކައުންސިލްތަކަށް ލިބޭ ބަޖެޓްކަމަށް ސަނީފް ވިދާޅުވިއެވެ. އަދި އެއީ އެންމެ ރަނގަޅު ގޮތެއް ނޫންކަމަށްވެސް ސަނީފް ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން މިއަދު ގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ސަނީފް ވަނީ ސަރުކާރުން ތިނަދޫއަށް ވެފައިވާ ވައުދުތައް ފުއްދަންޖެހޭކަމަށް ވިދާޅުވެފައެވެ. އަދި ވަކިން ހާއްސަކޮށް ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްގެ މަސައްކަތް ފަދަ މަސައްކަތްތައް ހިންގަންޖެހޭކަމަށް ސަނިފް ވިދާޅުވިއެވެ.
ސަނީފް ގެ ފާޑުކިޔުން ސަރުކާރަށް އަމާޒު ވިއިރު ސަނީފް ވިދާޅުވީ ހިތްހަމަނުޖެހުނު ކަމުގައި ވީނަމަވެސް މި ވާހަކަތަކަކީ ރައްޔިތުންގެ ހައްޤުގައި ވަކާލާތު ކުރުމަށް ދައްކަންޖެހޭ ވާހަކަ ކަމަށެވެ.