ރާއްޖޭގެ ވެރިކަމުގެ ނިޒާމް ވައްޓަފާޅި ބަދަލު ކުރުމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ ވުޖޫދުވުމުގެ މާކުރިންވެސް ދިވެހިންގެ ތެރޭގައި ސިއްރިޔާތުގައި “އެއިރުގެ ވެރިކަމުގެ ނިޒާމު” ހިންގަމުން ދިޔަގޮތާއިމެދު ހިތްހަމަ ނުޖެހުން ހުރިބަޔަކު އުޅުނުކަމީ އެންމެން ދަންނަ ހަގީގަތެކެވެ.
ހުވަދު އަތޮޅު އުތުރުބުރީ ކޮލަމާފުށީ ލިލީގެ ތައުފީގު އަބްދުﷲ އަކީ މިދެންނެވި މަދުމީހުންގެ ތެރޭގައި ހިމެނޭ އެކަކެވެ. އެމްޑީޕީގެ ނަން ޕާޓީތަކުގެ ދަފްތަރުގައި ލިޔެވިގެން ދިޔުމުގެ 10 އަހަރު ކުރިން ފެށިގެން ތައުފީގުވަނީ ސިޔާސީގޮތުން ވިސްނުން ގެންގުޅެން ފަށާފައެވެ.
ސިޔާސީ ދާއިރާގައި ހަރަކާތްތެރި ވެވުނީ ސަރުކާރު ހިންގި ގޮތާއިމެދު ހިތްހަމަނުޖެހިގެން
ރާއްޖޭގެ ނިޒާމުގެ ތެރެއިން ސަރުކާރު ހިންގުމަށް ވޯޓު އެޅުމުގައި ގެންގުޅޭ އޮޅުވާލުމާއި ނުފޫޒު ވެގެންދިޔައީ ތައުފީގު އެންމެ ކަންބޮޑުވި ކަމަކަށެވެ. މައުމޫނުގެ ވެރިކަމުގައި ހިންގަމުންދިޔަ ޖަރީމާތައް ނުތަނަވަސްކަމާއެކު ހިތުތެރޭގައި ކެކުޅެމުން ދަނިކޮށް 2004 ވަނަ އަހަރު އެމްޑީޕީގެ ހަރަކާތްތައް ފެށުނެވެ. އެހާހިސާބުން ތައުފީގަށް ލިބުނީ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އެދުވަސްވަރު ތައުފީގު އުޅެމުންދިޔައީ ހުވަދު އަތޮޅުގެ ބައެއް ރަށްރަށުގައި ހިންގަމުންދިޔަ ޕްރޮޖެކްޓް ތަކެއްގައި ކަމަށްވުމާއި އެކު ޕާޓީގެ މަސައްކަތުގައި އޭނާވެސް އިސްވެގަތެވެ. އަދި ހުވަދު އަތޮޅުގެ އެކިރަށްރަށުގައި އެމްޑީޕީ ކުރިއަރުވަން އަމަލާއި ބަހުން ހަރަކާތްތެރިވާން ފެށިއެވެ. މިނިވަން ރޭޑިއޯއާއި މިނިވަން ނޫސްތަކުން މައުލޫމާތު ރައްޔިތުންނަށް ފޯރުވައިދީ ޕާޓީ ނިޒާމުގެ މުހިންމުކަން ވިސްނުވައިދޭން ފެށިއެވެ. އޭގެ އިތުރުން ހުވަދު އަތޮޅުގައި ޕާޓީގެ ފަރާތުން އިސްދައުރެއް ކުޅެދޭ އެކަކަށް އޭނާ ވެގެންދިޔައެވެ.
އެމްޑީޕީގައި ކުރައްވަމުން ގެންދަވާ މަސައްކަތަކީ ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތެއްގެ ގޮތުގައި
2005 ވަނަ އަހަރުން ފެށިގެން އެމްޑީޕީގެ ނަމުގައި ވާދަކުރި ހުރިހާ އިންތިހާބެއްގައި ކޮލަމާފުށީ ތައުފީގަކީ އަމަލީގޮތުން ހަރަކާތްތެރިވާ ވަރަށް މުހިންމު ފަރާތެކެވެ. އެމްޑީޕީ ވެރިކަމަށް އައުމުގެ ކުރިން އެޕާޓީން އަތޮޅުތަކަށް ކުރި ދަތުރުތަކުގައި ދިމާވި ފުރައްސާރަތަކާ އަނިޔާތައް ތަހައްމަލު ކުރި މީހުންގެ ލިސްޓުގެ އެންމެ ބޮޑަށް ފާހަގަ ކޮށްލެވޭ އެކަކެވެ. ހާއސްސަގޮތެއްގައި 2007 ވަނަ އަހަރު އޮތް ބަރުލަމާނީ/ ރިޔާސީ އިންތިހާބުގެ މަސައްކަތް ކުރުމުގައި އިސްދައުރެއް އަދާކުރިއިރު ދިމާވި ގޮންޖެހުންތަކަށް ފުރާނަ އަތްމައްޗަށް ލައިގެން ހުރެ ކުރި މަސައްކަތްތައް މުޅި ރާއްޖެ ހެކިދެއެވެ.
އެކެމްޕެއިންގައި ގއ ގެ ކެމްޕެއިން ކޯޑިނޭޓަރ ގެ އެސިސްޓެންޓަކަށް ހުރީވެސް ތައުފީގެވެ. އެގޮތުގައި 2017 ވަނަ އަހަރުވެސް ރާއްޖޭގެ ދެކުނުގައި ކަނޑު މަގުން ކުރި ދަތުރުތައް ފާހަގަކުރެވެއެވެ.
ޕާޓީއަށާއި ޤައުމީ ޚިދުމަތްތައް
ކޮލަމާފުށީ ތައުފީގަކީ އެމްޑީޕީގެ މިނިވަން ކޮލަމާފުށި ގޮފީގެ ރައީސް ކަމުގެ އިތުރުން ދާންދޫ ދާއިރާއަށް އަމިއްލަ އިސްނެގުމާއެކު ރައީސްކަން ކުރި ފަރާތެވެ. އެގޮތުން 2005 އިން ފެށިގެން ދާއިރާގެ ހުރިހާ ކަމެއްގެ އެއް އާރްކާޓީއެވެ. ކޮންމެ ނޭވާއެއް ދުއްވާލީ ޕާޓީއަށްޓަކައެވެ. މިއީ އެމްޑީޕީގެ އެންމެން ދަންނަ ހަގީގަތެވެ.
އިޖްތިމާއީ ގޮތުން ބަލާއިރު ކޮލަމާފުށީގެ ޖަމްއިއްޔާއެއް ކަމަށްވާ “ސްކައި” ގެ މެމްބަރެކެވެ. އަދި ރާއްޖޭގެ ލޭންޑްޔޫސް ޕްލޭން ތައް ހެދުމުގައި އަމަލީ ގޮތުން އުޅުނު ފަރާތެކެވެ. ހަމައެހެންމެ 1980ގެ އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ އިންފޮރމޭޝަން ބްރޯޑް ކާސްޓިންގެ ރޫމްގައި މަސައްކަތް ކުރުމާއި އާފަތިސް ނޫހުގެ ސްޓެންސިލް ރައިޓަރ އެއްގެ ގޮތުގައި މަސައްކަތް ކުރުން ފާހަގަ ކުރެވެއެވެ. ދިވެހި ލިޔުން ރީތިކަމުން އެދުވަސްވަރު ފުޓުބޯޅައިގެ ގަވާއިދު ސްޓެންސިލްގައި ލިޔުނު ފަރާތަކީވެސް ތައުފީގުކަން ފާހަގަކޮށްލެވެއެވެ.
2007 އިން 2010 އަށް ގއ އަތޮޅަށް އައްޔަން ކުރެވުނު އަތޮޅުވެރިޔާގެ މަގާމް ފުރާފައިވާ ތައުފީގްއަކީ ފިއުލްސަޕްލައި މޯލްޑިވްސް ގެ ޗެއަރމަންކަމާއި ކޫއްޑޫ ފިޝަރީޒް މޯލްޑިވްސްގެ ޗެއަރމަން ކަންވެސް ކާމިޔާބުކަމާއެކު އަދާކޮށްފައިވާ އެމްޑީޕީގެ އިތުބާރު ހޯދާފައިވާ ފަރާތެކެވެ. އެމްޑީޕީން ވެރިކަމަށް އައި ފުރަތަމަ ފަހަރުގެ ވެރިކަން ވެއްޓެންދެން އޭނާ ހުރީ މިދެންނެވި ދެކުންފުނީގެ ޗެއަރމަން ކަމުގައެވެ.
ތައުފީގު ޕާޓީއަށްޓަކައި ގެންގުޅުއްވާ ސިޔާސަތު
މިމަހުގެ 25 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ގައުމީ މަޖިލިސް ގެ މަތިދެކުނު ޕްރޮވިންސްގެ ރައީސް ކަމަށް ވާދަކުރުމަށް މިވަގުތު ގއ ގދ ގައި ކެމްޕެއިން ކުރަމުންދާ ތައުފީގް އަކީ ސިޔާސީ ގޮތުން ވަރަށް ތަފާތު ވިސްނުމެއް ގެންގުޅޭ މީހެކެވެ. އެނާ އަބަދުވެސް ވިސްނަނީ އެންމެ އާދައިގެ ރައްޔިތުމީހާއަށް މަތީފަޑީގެ ސަފުތަކުގައި ބަސް އިއްވުމެވެ. އާންމު ރައްޔިތުންގެ ބިނާކުރަނިވި ހިޔާލު މަޖިލީހުގައި އިއްވާ އެކަންތައްތަކަށް އަމަލީ ސިފަގެނައުމެވެ. މިއިންތިހާބުގައި ވާދަކުރަން ނިންމި އެންމެ ބޮޑު ބޭނުމަކީވެސް އެއީއެވެ. ތައުފީގުއަށް ތާއީދުކުރާ ވަރަށް ގިނަ ބަޔަކު ހުވަދު އަތޮޅުގައި ތިބިއިރު އެމީހުންވެސް ބުނަނީ ތައުފީގަކީ ރައްޔިތުންގެ އިހްސާސްތައް އަޑުއަހާ މީހެއް ކަމަށާއި ސިޔާސީގޮތުން ނަތީއްޖާނެރޭ އިހްލާސްތެރި މީހެއް ކަމަށެވެ.
އަމިއްލަ މަސައްކަތުން ދިރިއުޅެމުންދާ ތައުފީގު އަބްދުﷲ އަކީ ވަރަށްވެސް ރައްޔިތު މީހެކެވެ. މިފަހަރުގެ ކެމްޕެއިންގައި އަތޮޅުގެ ރަށްރަށަށް ދިޔުިމުން އެރަށްރަށުގެ މީހުން އަމިއްލަ އެދުމެއްނެތިު ކިޔާފައިވާ މަރުހަބާއާއި ދެއްކި މެހެމާންދާރީއަކީ އެކަމުގެ ހެއްކެކެވެ. ޝޯޝަލް މީޑިއާގައި ފޮޓޯތައް ވައިރަލް ނުކުރި ނަމަވެސް މިދެންނެވި ހަގީގަތް އޮތީ އެގޮތަށެވެ. މިއަދާ ހަމައަށް ސިޔާސީގޮތުން ހަރަކާތްތެރިވެފައިވާ ގޮތަށް ބަލާއިރު އޭނާއަކީ ޕާޓީއަށް އެންމެ ގިނަ ދުވަހު ތަފާތުވުމެއްނެތި ހިދުމަތްކުރި އެކަކެވެ. އެހެންގޮތަކުން ބުނާނަމަ ތައުފީގް އަކީ ޕާޓީ، ޕާޓީގެ ގޮތުގައި ހިފަހައްޓާދޭ އެންމެ މުހިންމު އެއްތަނބެވެ.