ދިވެހިރާއްޖޭގެ ސިވިލް ސަރވިސް ކޮމިޝަނުން، މޯލްޑިވްސް ސިވިލްސާވަންޓް އެސޯސިއޭޝަނަކީ ރަޖިސްޓްރީ ނުކޮށް ހިންގަމުންދާ ބައެއް ކަމަށް ބުނެ އެސޯސިއޭޝަންގެ މިމަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނަފްރަތު އުފެއްދުމަށް ދައްކާފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި، ފޭސްބުކް ގައި ޕޭޖް އެއް ހަދައި މިހާރު ފަތުރަމުންދަނީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށް މޯލްޑިވްސް ސިވިލްސާވަންޓް އެސޯސިއޭޝަން (އެމްސީއެސްއޭ) އިން ވިދާޅުވެއްޖެއެވެ.
އެމްސީއެސްއޭ އިން ވިދާޅުވީ، އެސޯސިއޭޝަންގެ ނަމުގައި ދާދިފަހުން ބަޔަކު ފޭސްބުކްގައި ޕޭޖްއެއް ހެދުމަށްފަހު މިހާރު އެކުރަމުންދާ މަސައްކަތަކީ އެފަރާތުން ކުރަމުންދާ މަސައްކަތް ހުއްޓުވުމަށްޓަކާ ސިޔާސީ ބަޔަކު އިސްވެތިބެ ކުރަމުންދާ ހަޑިހުތުރު އަމަލެއް ކަމަށާއި، އެސޯސިއޭޝަނުން، ސިވިލް ސަރވިސްގެ މުވައްޒަފުންގެ ހައްގުގައި ކުރަމުންދާ މަސައްކަތާމެދު ދިވެހިރާއްޖޭގެ އެއްވެސް ސިވިލް ސާރވަންޓަކު ސުވާލު ނުއުފައްދާނެ ކަމަށެވެ. އެމަސައްކަތް ފެށިއިރުވެސް މިފަދަ ކިތަންމެ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭކަން އެނގޭ ކަމަށާއި ނަމަވެސް ކުރަމުންދާ މަސައްކަތުގަ އިންޗިއެއްވެސް ފަހަތަށް ނުޖެހޭނެ ކަމަށްވެސް އެއެސޯސިއޭޝަނުން ވިދާޅުވިއެވެ.
“މިކަމަކީ އަޅުގަނޑުމެން ބަޔާނެއް ނެރެފައިވަނިކޮށް އެބަޔާން އެޑިޓްކޮށްގެން މިއެސޯސިއޭޝަން އާއިމެދު ނަފްތަރު އުފައްދަން ކުރާ މަސައްކަތެއް. އަޅުގަނޑުމެންނަށް މެސެޖުކޮށް ފައިސާ ހުށަހަޅާ އެވަރުން ނުވެގެން ބިރުވެސް ދައްކައިފި. ނަމަވެސް ފުރާނަ އަތްމައްޗަށް ލައިގެން ތިބެވެސް މިކަން ހުއްޓާނުލާ ކުރިއަށް ދާނަން.” އެމްސީއެސްއޭއިން ވިދާޅުވިއެވެ.
އެސޯސިއޭޝަންގެ ރަޖިސްޓްރީ ނަންބަރު ނޫސްބަޔާނުން ވަރަށް ސާފުކޮށް އެނގޭނެ ކަމަށާއި އެއެސޯސިއޭޝަނަކީ ރަޖިސްޓްރީކޮށްގެން ހިންގާ ސައްހަ އެސޯސިއޭޝަނެއް ކަމަށްވެސް އެމްސީއެސްއޭއިން ވިދާޅުވިއެވެ. އެސޯސިއޭޝަންގެ މަސައްކަތް މިވަގުތު ހަމައެކަނި ފޭސްބުކް މެދުވެރިކޮށް ފެންނާތީ ގިނަ ބަޔަކު ސުވާލު އުފައްދާ ކަމަށާއި، އެބޭފުޅުންނަށް ދަންނަވަން އޮތީ މިކުރާ މަސައްކަތުގައި ކުރިއަށް ދިއުމަށް މިވަގުތު އޮތް އެންމެ ރަނގަޅު ގޮތްކަމަށް ފެންނަނީ އެގޮތް ކަމުގައި ދެކޭތީވެ އެގޮތަށް މިހާރު ކުރިއަށް ގެންދަނީ ކަމަށްވެސް އެއެސޯސިއޭޝަނުން ވިދާޅުވިއެވެ.
“އަޅުގަނޑުމެން މިކުރާ މަސައްކަތަކީ މުވައްޒަފުންނަށް ލިބެން ޖެހޭ ހައްގުތައް ހޯދުމަށް ކުރާ މަސައްކަތެއް. މިކަމަށް ދާއީދުކުރާ އެންމެންވެސް އާދީއްތަ ދުވަހުގެ އިހުތިޖާޖުގައި ބައިވެރިވެ ދެއްވާ. އެކި އެކި ދާއިރާތަކުގައި މަސައްކަތް ކުރައްވާ އެންމެހާ ބޭފުޅުން އަޅުގަނޑުމެން މުވައްޒަފުންގެ ހައްގުގަ އާދީއްތަ ދުވަހު އޮންނަ އިހުތިޖާޖުގައި ބައިވެރިވެދެއްވުމަކީ އަޅުގަނޑުމެންގެ ވަރަށްބޮޑު އެދުމެއް.” އެމްސީއެސްއޭއިން ވިދާޅުވިއެވެ.
އެއެސޯސިއޭޝަނުން އިތުރަށް ވިދާޅުވީ، ސިވިލްސަރވިސްގެ އެންމެހާ މުވައްޒަފުންވެސް އެސޯސިއޭޝަނުން މުވައްޒަފުންގެ ހައްގު ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތުގަ އެފަރާތަށް އިތުބާރުކުރައްވައި މިކުރަމުންދާ މަސައްކަތުގައި ރައްޔިތުންނަށާއި ސަރުކާރުން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތަކަށް އެއްވެސް އުނިކަމެއްނުވާނެ ފަދައިން އެއްބާރުލުން ދެއްވުމަށެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މުސާރަ ބޮޑުކުރެވޭ ގޮތަށް ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ކުރިއަށް އޮތް ތިންމަހު ބޮޑުކޮށްގެން ދައުލަތުގެ ބަޖެޓު ހުސްވެދާނެ ކަމަށް ގަބޫލު ނުކުރާކަމަށްވެސް އެއެސޯސިއޭޝަނުން ވިދާޅުވިއެވެ.