ނޫސްވެރިން ލިޔެފަ ހުންނަ ޚަބަރުތަކުގެ މަސްދަރު ހަމަކުރަން މަޖުބޫރު ނުކުރުމަށް މޯލްޑިވްސް މީޑިޔާ ކައުންސިލުން ގޮވާލައިފިއެވެ.
ރައްޔިތުންގެ މަޖުލީހުގެ މިއަދުގެ ޖަލްސާގައި ތިނަދޫ އުތުރު ދާއިރަގެ މެމްބަރު އަބްދުލް މުޢުނީ ހުށަހެޅި ބިލުގައިވާ ގޮތުން ބައެއް ހާލަތްތަކުގައި ކޯޓުން ކަނޑައަޅައިފިނަމަ ނޫސްވެރިން އާންމުކުރާ ހަބަރުތަކުގެ މަސްދަރު ހާމަކުރަން ޖެހޭނެއެވެ.
މިބިލާއި ގުޅިގެން މީޑިޔާ ކައުންސިލުން ވަނީ ނޫސްވެރިންގެ ދިފާއުގައި ބަޔާނެއް ނެރެފައެވެ. ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު މުޢުނީ ހުށަހެޅުއްވި ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާގައި، ބުނާގޮތަށް މަސްދަރު ހާމަކުރަން ބުނެފައި އޮތް މިމާއްދާ އުނިކުރުމަށާއި ނޫސްވެރިންނަށް މަޖުބޫރު ނުކުރުމަށް މީޑިޔާ ކައުންސިލުން ވަނީ ގޮވާލާފައެވެ. އަދި މިބިލް ފާސްވެއްޖެނަމަ ގާނޫނު އަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ނިގުޅައިގަނެވިގެންދާނެ ކަމަށާއި އޭގެ ނާޖާއިޒް ފާއިދާ ނެގުމުގެ ފުރުސަތު ބޮޑުކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.
މީޑިޔާ ކައުންސިލުން އިތުރަށް ވިދާޅުވީ މިގޮތަށް ބިލް ފާސްކޮށްފިނަމަ ބައިނަލް އަގުވާމީ އެތައް ގޮންޖެހުންތަކެއް ނޫސްވެރިކަމަށް ކުރިމަތިވާނެ ކަމަށާއި މިއީ ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ހޯދަމުންދާ ކުރިއެރުންތައް ހުއްޓިދާނެ ކަމެއްކަން ފާހަނގަކޮށްފައިވެއެވެ.
އަބުރުގެ ޤާނޫނު ވުޖޫދަށް އައުމުގެ ސަބަބުން މީޑީޔާގެ ދާއިރާއަށް ލިބުނު ގެއްލުންތައް ފާހަނގަކުރަމުން އެކައުންސިލުން އެދެނީ ހެއްކާއިބެހޭ ބިލުން އެމާއްދާ އުނިކުރުމަށެވެ. އަދި ނޫސްވެރިންގެ ހައްޤު ނިގުޅައިނުގަތުމަށް އެކައުންސިލުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.