އއ.މަތިވެރީގައި އަބްދުﷲ ޖާބިރު ހިންގާ ގެސްޓު ހައުސްގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލައެއް ފެންމަތިވެއްޖެއެވެ.
ސެޕްޓެމްބަރ 21 ވަނަ ދުވަހުގެ ރޭ ޖާބިރު އއ.މަތިވެރިއަށް ވަޑައިގަތުމުން އެރަށު ރައްޔިތުން ނުކުމެ ވަނީ އޭނައަށް ހަމަލާދީފައެވެ. އެހެންކަމުން ޖާބިރުވަނީ ފުލުހުންގެ ހިމާޔަތަށް އެދިފައެވެ. ޖާބިރު ފުލުހުންގެ ހިމާޔަތުގައި ހުއްޓާ އެރަށު ރައްޔިތަކު މިވަނީ ޖާބިރު އާއި ބައްދަލުކުރަން އެރަށު ޕްލިސް ސްޓޭޝަނަށް ގޮސްފައެވެ.
މުހުސިނާ އިބްރާހިމް ނަމަކަށް ކިޔާ މިއަންހެން މީހާ ބުނާ ގޮތުގައި އއ.މަތިވެރީގައި ޖާބިރު ހިންގާ ގެސްޓް ހައުސެއް ކަމަށްވާ “ކާސާ މިއާ މޯލްޑްސް” ގައި އޭނަގެ ފިރިމީހާ މުހައްމަދު އަލީ ދަނީ ވަޒީފާ އަދާކުރަމުންނެވެ. އެހެންނަމަވެސް ޖާބިރު މުހައްމަދު އަލީއަށް މުސާރަ ނުދޭތާ މިހާރު ދެއަހަރު ފާއިތުވެއްޖެ ކަމަށް މުހުސިނާ ވަނީ ބުނެފައެވެ.
މީސްމީޑިޔާގައި ދައުރުވަމުންދިޔަ ވީޑިޔޯއަކުން ފެންނަގޮތުގައި މުހުސިނާ ނަމަކަށް ކިޔާ މިއަންހެންމީހާ ރޭގެ ވަގުތެއްގައި މަތިވެރި ޕްލިސް ސްޓޭޝަން ކުރިމަތީގައިހުރެ އަޑުގަދަކުރަމުންދިޔައީ އޭނަ އާއި ޖާބިރު ބައްދަލުނުކުރުމުންނެވެ. ބައްދަލުކުރަން ދިޔުމުން ޖާބިރު ވަނީ އޭނަޔާ ބައްދަލު ކުރަން އިންކާރުކޮށްފައެވެ.
މީޑިޔާއަށް މައުލޫމާތު ދެމުން މުހުސިނާ ވިދާޅުވީ ޖާބިރު އޭނަގެ ފިރިމީހާއަށް 80 ހާސް ރުފިޔާ ދޭންޖެހޭ ކަމަށާއި އެއީ ފާއިތުވީ ދެއަހަރުދުވަހުގެ މުސާރަކަމަށެވެ. މުހައްމަދު އަލީ ޖާބިރުގެ ގެސްޓު ހައުސްގައި ވަޒީފާ އަދާކުރަމުންގެންދާކަން އެރަށު ރައްޔިތުންނަށާއި ކައުންސިލަށް އެގޭނެ ކަމަށާއި ޖާބިރު ކައިރީ އެތައް ފަހަރެއްގެ މަތިން އާދޭސްކުރެވިއްޖެ ކަމަށް މުހުސިނާ ބުނެފައިވެއެވެ.
ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ މުހުސިނާ އިތުރަށް މައުލޫމާތުދިންގޮތުގައި ކޮވިޑްގެ ހާލަތުގައި ކުރި މަސައްކަތްތަކަށްވެސް މުސާރަ ދީފައިނުވާ ކަމަށާއި އޭނަގެ ފިރިމީހާގެ ހައްޤު ހޯދުމުގައި ކެނޑިނޭޅި މަސައްކަތް ކުރާނެކަމަށް މުހުސިނާ ވަނީ ބުނެފައެވެ.
އއ.މަތިވެރީގައި ހދާފައިވާ ޖާބިރުގެ ގެސްޓު ހައުސް އަކީ 2017 ވަނަ އަހަރު މަތިވެރި ކައުންސިލުން 50 އަހަރުގެ މުއްދަތަށް ބިން ދޫކޮށްގެން ހަދާފައިވާ ބޮޑު ގެސްޓް ހައުސްއެކެވެ. ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ދައުރުގައި ޖާބިރު އަލާފައިމިވާ ގެސްޓު ހައުސްއަކީ ކައުންސިލްގެ އެއްވެސް ބަހެއް ނެތި ކުރިކަމެއްކަމަށް މަތިވެރީ ކައުންސިލްގެ ރައީސް އަހުމަދު އަސްލަމް މީޑިޔާއަށް މައުލޫމާތުދީފައިވެއެވެ.
“އަލީ ވަހީދު މިނިސްޓަރުކަމުގައި ހުންނަވައިގެން މަތިވެރީ ކައުންސިލްގެ ބަހެއް ނެތި މަތިވެރީގެ ބިން ރިޗް ކުލަބާއެއްކޮށް އެގްރީމެންޓުކުރީ،” އަސްލަމް ވިދާޅުވިއެވެ.
މިބިން ކުއްޔަށް ދޫކޮށްގެން ކައުންސިލަށް ލިބެންޖެހޭ 4.7 މިލިޔަން ރުފިޔާ މިއަދާ ހަމަޔަށްވެސް ޖާބިރު ދައްކާފައިނުވާ ކަމަށާއި މިފައިސާ ދެއްކުމަށް ރިޗް ކްލަބަށް އަންގާފައިވާނެކަމަށް އަސްލަމް ވިދާޅުވިއެވެ.