ޚަބަރު
ތައުލީމީ ދާއިރާގައި ތިނަދޫއަށް ޚިދުމަތްކުރި 62 ފަރާތަކަށް އެވިޑްގެ ފަރާތުން ހަދާނީ އެވޯޑެއް

ތައުލީމީ ދާއިރާގައި ގދ.ތިނަދޫއަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ތެރެއިން 62 ބޭފުޅަކަށް އެވިޑް ކޮލެޖްގެ ފަރާތުން ހަދާނީ އެވޯޑެއް ދޭން ނިންމައިފިއެވެ.

ތިނަދޫ ދެވަނަ ފަހަރަށް އާބާދުވި ފަހުން ފާއިތުވީ 16 އަހަރު ދުވަހުގެ ތެރޭގައި ތިނަދޫގެ އަދި އެހެނިހެން ރަށްރަށުގެ ބޭފުޅުން ވަނީ ތައުލީމީ ގޮތުން ތިނަދޫއަށް ވަރަށް ގިނަ ޚިދުމަތްތަކެއް ކޮށްދީފައެވެ. އެންމެ ކުރީގެ އެދުރު ގެއިން ފެށިގެން މަދަރުސާތަކާ ހަމަޔަށް، މަދަރުސާއިން އަތޮޅު ތައުލީމީ މަރުކަޒާ ހަމަޔަށް އަދަދުނުކުރެވޭ ގިނަ ބޭފުޅުންވަނީ ތިނަދޫއަށް ޚިދުމަތްކޮށްދީފައެވެ.  މިބޭފުޅުންގެ ތެރެއިން ހޮވާލެވޭ 62 ފަރާތަކަށް ހަދާނީ އެވޯޑެއް ދިނުމަށް މިވަނީ ނިންމާފައެވެ.

އެގޮތުން އެވިޑް ކޮލެޖުން، ގދ ތިނަދޫއަށް ތައުލީމީ ގޮތުން ޚިދުމަތް ކޮށްދެެއްވާފައިވާ ފަރާތްތައް ހޯދުމުގައި ބަލާފައިވަނީ، އެކި ގޮތްގޮތުން ތިނަދޫގެ ތައުލީމަށް ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތްތައް ކަމަށާއި، ހަނދާނީ އެވޯޑު ދިނުމަށް ނިންމާފައިވާ ފަރާތްތަކަކީ ވަރަށް ގިނަ ދިރާސާތައް އެކޮލެޖުން ކުރުމަށްފަހު ކަނޑައަޅާފައިވާ ފަރާތްތައް ކަމަށް އެވިޑް ކޮލެޖުން މައުލޫމާތު ދެއްވިއެވެ.

އެވިޑް ކޮލެޖްގެ ޑީން މުހައްމަދު ޝަރީފް “ހުވަދޫ ނިއުސް” އަށް މައުލޫމާތު ދެމުން ވިދާޅުވީ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ތިނަދޫގައި ބާއްވާ ހާއްސަ ރަސްމިއްޔާތަށް އެވިޑް ކޮލެޖްގެ އިސްވެރިންގެ އިތުރުން ތައުލީމީ ދާއިރާގެ ޚިދުމަތްތެރިން ރާއްޖޭގެ އެކިކަންކޮޅުތަކުން ތިނަދޫއަށް ޒިޔާރަތްކުރާނެ ކަމަށެވެ.

މިރަސްމިއްޔާތުގައި އެވިޑް ކޮލެޖްގެ ޗެއަރމަން މުސްތާޤް ރަޝާދު ބައިވެރި ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މުހައްމަދު ޝަރީފް އިތުރަށް ވިދާޅުވި ގޮތުގައި މިއީ އެވިޑް ކޮލެޖްގެ އަހަރީ ދުވަސް މާލެ ނޫން އެހެން ރަށެއްގައި ފާހަނގަކުރާ ފުރަތަމަ ފަހަރެވެ.

އެވިޑް ކޮލެޖްގެ އަހަރީ ދުވަހާ ގުޅުވައިގެން ތިނަދޫގައި ހާއްސަ ހަފްލާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ސެޕްޓެމްބަރ 25،26،27،28 އަދި 29 މިފަސްދުވަހަށް ބަހާލައިގެން އެވިޑްގެ ފަރާތުން އެކިއެކި އިވެންޓްތައް ތިނަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި އަހަރީ ދުވަސް ފާހަނގަކުރުމަށް އެވިޑް ކޮލެޖްގެ ފުލް ޓީމް ތިނަދޫއަށް ޒިޔާރަތްކުރާނެ ކަމަށް މުހައްމަދު ޝަރީފް ވިދާޅުވިއެވެ.

އެގޮތުން ބޭއްވޭ އިވެންޓްތަކުގެ ތެރޭގައި ބަހުސްކުރުން، ވާހަކަ މުބާރާތް، ފުޓްބޯޅަމެޗަކާއި ކުޑަކުދިންގެ ހަވީރެއްގެ އިތުރުން މައުލޫމާތު ސެޝަންތަކެއް ކުރިޔަށް ގެންދަން ވަނީ ހަމަޖެހިފައެވެ. އެކޮލެޖުން މައުލޫމާތް ދިން ގޮތުގައި ސެޕްޓެމްބަރ 25 ވަނަ ދުވަހު ބޭއްވޭ ސެޝަންތަކުގެ ބައިވެރިންނަށް ސެޓްފިކެޓް ދެވޭނެއެވެ.

މީގެއިތުރުން އަހަރީ ދުވަހާ ގުޅުވައިގެން ސެޕްޓެމްބަރ 24 އިނ 28 އަށް އެވިޑްގެ އެސް.އެމް.ޓީއިން ހުވަދު އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތް ކުރުމަށް ވަނީ ނިންމާފައެވެ. އެވިޑްކޮލެޖްގައި ތައުލީމީ ދާއިރާގައި ހުޅުވިފައިވާ ފުރުސަތްތަކުގެ މައުލޫމާތު ފޯރުކޮށްދީ މަތީ ތައުލީމް ހާސިލް ކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވައިދިނުމަކީ މިދަތުރުގެ ބޭނުން ކަމަށް އެކޮލެޖުން ވަނީ މައުލޫމާތުދީފައެވެ.

އެވިޑް ކޮލެޖްގެ އަހަރީ ދުވަސް ކަމަށްވާ ސެޕްޓެމްބަރ 12 ވަނަ ދުވަހަކީ ތިނަދޫ ކެމްޕަސް ހުޅުވުނުތާ އެއް އަހަރު ފުރުނު ދުވަހެވެ. އެހެންކަމުން ކެމްޕަހުގެ އަހަރީ ދުވަހާއި ކޮލެޖްގެ އަހަރީ ދުވަސް އެކުއެކީ ފާހަނގަ ކުރަން މިވަނީ ނިންމާފައެވެ.