މަޢުލޫމާތު
ރުއިމަކީ، ނަފްސާނީ ގޮތުން ވަރުގަދަ ވުމަށް އެހީތެރިވާކަމެއް

ގިނަ ފަރާތެއްގެ ނަޒަރުގައި ރުއިމަކީ އެ މީހެއްގެ ފިނޑިކަމާއި ބަލިކަށިކަން ދޭހަކޮށްދޭ ސިފައެކެވެ. ކުދި ކުދި ކަންކަމާ ރޯނަމަ އެ މީހަކީ ފިނޑިމީހެއްގެ ގޮތުގައި ލޭބަލްކޮށް، އެމީހަކާއި ދިމާކޮށް ހެދުމަކީ ބައެއް މީހުންގެ އާދައެކެވެ. އެގޮތަށް ރޯ މީހެއްގެ ހަޔާތުގައި ހިނގާފައިވަނީ ކޮންކަހަލަ ހާދިސާތަކެއް ކަން އަޅުގަނޑުމެންނަށް ނޭނގިފައި އޮވެދާނެއެވެ. ބައެއް މީހުންނަށް އިހްސާސްތައް ކޮންޓްރޯލް ކުރަން އުނދަގޫ ވެސް ވެދާނެއެވެ.

ނަމަވެސް ބައެއް މީހުންނަކީ ކިތަންމެ ރޯން ބޭނުން ވިޔަސް އަނެކާގެ ކުރިމަތީގައި ރޯން ބޭނުންނުވާ މީހުންނެވެ. ނޫނީ ކަރުނަޔާ ހަނގުރާމަކޮށް މޮޅުވާ މީހުންނެވެ. އިންސާނީ ތޮބީއަތުގައިވާ ގޮތްތަކެއްގެ ސަބަބުން ބައެއް މީހުންނަކީ އެހެން މީހުންގެ ކުރިމަތީގައި ތިމާގެ ހިތާމަތައް ފޮރުވާލައި، ރީތި ހިނިތުންވުމެއްގެ މާސްކެއް އަޅައިގެން އުޅޭ ބައެކެވެ. އެކަމަކު އެއީ އެންމެ ރަނގަޅު ގޮތް ނޫނެވެ. މުޅިދުނިޔެއަށް ކަރުނަ ފޮރުވާލެވުނު ނަމަވެސް، މިފަދަ ފަރާތްތަކަކީ ނަފްސާނީގޮތުން ވަރަށްބޮޑު ހަނގުރާމައެއް ކުރަމުން އަންނަ ފަރާތްތަކެކެވެ. ރޯން ބޭނުންވި ނަމަވެސް ނުރޮވޭ، މީހުންނަކީ، އަހަރަމެންގެ ތެރެއިން ގިނަބަޔަކު ދަންނަފަދަ ހިތްވަރުގަދަ ބައެއް ނޫނެވެ. ދިރާސާތަކުން ދައްކާގޮތުގައި މިފަދަ ފަރާތްތަކަކީ، ނަފްސާނީ ގޮތުން ބަލިކަށި ބައެކެވެ.

ކަންކަމާއި މާއަވަހަށް ދެރަވެ، ރޮވުމަކީ އެއްގޮތަކަށްވެސް ދެރަވެ، ލަނދު ގަންނަން ޖެހޭ ކަމެއް ނޫނެވެ. ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި ރުއިމަކީ، ނަފްސާނީގޮތުން އެމީހާ ވަރުގަދަ ވުމުގެ ސިފަޔެކެވެ. ރުއިމަކީ ބައެއް މީހުން ނަފްރަތު ކުރާ ކަމަށްވާއިރު އަނެއްބަޔަކަށް ރޯލުމަކީ ހިތްހަމަޖެހުން ލިއްބައިދޭ ކަމެކެވެ. ހާސްވެ  ފިކުރު ބޮޑުވެފައިވާ ބުރަ ދިރިއުޅުމުގެ ތެރެއިން ހިތްދަތިކަން އިހްސާސް ކުރެވޭނަމަ އެކަނި ތަނެއްގައި އިނދެ ރަނގަޅަށް ރޯލާށެވެ.  ކަރުނަތަކަށް އޭގެ މަގާމު ދޫކުރުމަށް ފުރުސަތު ދޭށެވެ. ސަބަބަކީ ރުއިމަކީ ސިއްހަތަށް ފައިދާ ހުރި ކަމަކަށް ވާތީއެވެ. މިއީ ސައިންސްވެރިންގެ ދިރާސާތަކުގެ އަލީގައި ހާމަވެފައިވާ ކަމެކެވެ.

ދިރިއުޅުމުގައި ދިމާވާ ތަފާތު ހިތްދަތި ކަންކަމާއި ގުޅިގެން ހިތް ފުރެންދެން ރޯލުމަކީ އެންމެ ރަނގަޅު ގޮތެވެ. ހިތުގައިވާ ހުރިހާ ވޭނީ އިހްސާސްތަކާއެކު ކަރުނަ އޮހެމުންދާއިރު ނަފްސާނީގޮތުން ބޮޑު ލުޔެއް ލިބިގެންދަކަން ސައިންސްގެ އަލީގައި އެނގެއެވެ. އަދި ބައެއް ފަހަރު މިގޮތަށް ރޯލުމުން އަމިއްލަ އިހްސާސްތައް އިތުރު ފަރާތަކާއި ހިއްސާ ކޮށްލަން ފަސޭހަވެގެންދެއެވެ. އަދި ނެގެޓިވް އިހްސާސްތަކާއި ފިކުރުތަކުން މީހާ ދުރުކޮށްދީ، ފިކުރާއި ޚިޔާލުތައް މަދުކޮށް ސިކުނޑިއަށް ލުއިކަމެއް ލިއްބައިދެއެވެ. ޚިޔާލުތަކާއި ފިކުރުތައް މަދުވުމަކީ މީހާ ނަފްސާނީގޮތުން ދުޅަހެޔޮ މީހެއްގެ ގޮތުގައި ހުރުމަށް ކޮންމެހެން މުހިންމުކަމެކެވެ. ރޯލުމުގެ ސަބަބުން އަމިއްލަ ޖަޒުބާތުތަކާއި ކުރިމަތިލާން ހިތްވަރު ލިބިގެންދެއެވެ. މޫޑު ރަނގަޅުވެ ސްޓްރެސް ފިލައިގެންދެއެވެ.

ރުއިމަކީ ސިއްހީ ގޮތުން ބަލާއިރުވެސް އޭގައި އެތަށް ބައިވަރު ފައިދާ އެކުލެވޭ ކަމެކެވެ. ރުއިމުގެ ސަބަބުން ލޮލުގައިވާ ބެކްޓީރިއާތައް މަރުވެ ލޯސާފުކޮށްދެއެވެ. ރުއިމުގެ ސަބަބުން އިހްސާސްތައް ހަމައަކަށް އެޅުވުމަށް ފަސޭހަވެއެވެ. އެހެންކަމުން މީހާ އަށް އޭގެ ސަބަބުން ހަމަޖެހުން ގެނެސްދެއެވެ. ކަރުނަ ތިކީގައި ކޮންމެވެސް ވަރަކަށް ހާސްކަން އުފައްދާ ހޯރމޯން އެކުލެވިގެން ވެއެވެ. އެހެންކަމުން ރުއިމުގެ ސަބަބުން ހަށިގަނޑުން މި ހޯރމޯން ބޭރުވެއެވެ. އަދި ނުތަނަވަސްކަން ކުރިއަށްވުރެ ކުޑަ ވެއެވެ.

ބައެއް ފަހަރަށް ހިތާމައެއް ކުރިމަތިވުމުން އިންތިހާ އަށް ދެރަވެއެވެ. ހިތަށް އުނދަގޫވެއެވެ. ވޭން އަޅައެވެ. ނަމަވެސް ރުއިމުގެ ސަބަބުން މިކަމަށް ލުޔެއް ލިބެއެވެ. ސައިންސްގެ އަލީގައި އެނގިގެންދާގޮތުގައި، ރުއިމުގެ ސަބަބުން ހަށިގަނޑުގައި އޮކްސިޓޮސިން އަދި އެންޑޯފިން ކިޔާ މާއްދާތަކެއް އުފެދެއެވެ. މިއީ އިންސާނާ އަށް ހަމަޖެހުން ލިއްބައިދޭ މާއްދާތަކެކެވެ.

ރުއިމަކީ ފިނޑިކަމެއްގެ ގޮތުގައި އަހަރަމެންނަށް ހީވިޔަސް، އެއީ ހިތްވަރުގަދަ ކަމުގެ ސިގްނަލެކެވެ. ރުއިމަކީ އަހަރަމެން ނަފްސާނީގޮތުން ދުޅަހެޔޮ ބަޔަކަށް ވުމަށް ނަފްސަށް ދޭން ޖެހޭ ކާނާއެކެވެ. ކަރުނަތައް ފޮރުވުމުގެ ބަދަލުގައި އޮހިގެން ދިޔުމަށް ފުރުޞަތު ދޭށެވެ. އުފަލާއި ހިތާމަ، އަކީ އަހަރަމެން އިންސާނުންގެ ކިބައިގައި ﷲ ތަޢާލާ ލައްވާފައިވާ ޠަބީއީ ސިފައެކެވެ. މިއިން ކޮންމެ ސިފަޔަކީ، އެއިން އަޅުގަނޑުމެންނަށް އަންދާޒާ ނުކުރެވޭ ތަފާތު ފައިދާއަކާއި ދިރިއުޅުމާއި ގުޅޭ ތަފާތު އިބްރަތެއް އެކުލެވިގެންވާ ކަންކަމެވެ.