އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ދިމާކޮށް ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
ވައްޑެ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިވެރިކަން ގެނައުމަށް ވީ އެންމެ ބޮޑު އެއް ވަޢުދަކީ ވަޒީފާގެ ބިރުދެއްކުން ހުއްޓުވަން ކަމަށެވެ.
އަދި ވައްޑެގެ ޓްވީޓުގައި އެމްޑީޕީގެ އެތެރޭގެ އިންތިޚާބާ ދިމާކޮށް، ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާ ކުންފުނިތަކުގެ ވެރިން ވަރަށް ހުތުރުކޮށް ވަޒީފާގެ ބިރު ދައްކަމުން ދާކަމަށް ތުހުމަތު ކުރެއްވިއެވެ.
އެގޮތުން އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޕާޓީ ސާފުކުރަން ވޯޓު ދިނުމަށް ވެސް ވައްޑެ ވަނީ ގޮވާލާފައެވެ.
މިވެރިކަން ގެނައުމަށް ވީ އެންމެބޮޑު އަނެއް ވަޢުދަކީ ވަޒީފާގެ ބިރުދެއްކުން ހުއްޓުވުން. އެމްޑީޕީގެ އެތެރޭގެ އިންތިޚާބާ ދިމާކޮށް، ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާ ކުންފުނިތަކުގެ ވެރިން ވަރަށް ހުތުރުކޮށް މިބިރު އަލުން އެބަފަތުރާ. 25 ގައި ނަގާ ވޯޓުގައި އެމްޑީޕީ ސާފުކުރަން ވޯޓުދެއްވާ!
— Waddey (@waddey_) September 23, 2021
މި މަހުގެ 25 ވަނަ ދުވަހު އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބު އޮންނަ އިރު މި އިންތިހާބުގެ ވާދަވެރިކަން އެމްޑީޕީގެ އެތެރޭގައި ވަނީ ވަރަށް ބޮޑުވެފައެވެ. މި އިންތިހާބުގައި އެމްޑީޕީގެ 90،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބެއެވެ. ޖުމްލަ 455 މަގާމަކަށް މީހުން އައްޔަނުކުރާއިރު 700 އަށް ވުރެ ކެންޑިޑޭޓުން މި އިންތިހާބުގައި ވާދަކުރެއެވެ.
އޭގެ ތެރޭގައި، މިނިސްޓްރީތަކުގެ ސްޓޭޓް މިނިސްޓަރުންނާއި އަދި ސަރުކާރު ކުންފުނިތަކުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވެސް އަންނަނީ ވާދަކުރަމުންނެވެ.