ދީން
ލިބޭ އެއްޗަކުން ފުއްދައިގެން ޚަރަދު ކުރުމަކީ އިސްލާމީ އިޤްތިޞާދުގެ އަސާސު- ޚުޠުބާ

މާތް ﷲ އަޅުގަނޑުމެންނަށް ގުނާ އަދަދު ނުކުރެވޭހާ ގިނަ ނިޢުމަތްތައް ދެއްވާފައިވެއެވެ. މުދަލާއި ފައިސާ އަކީ، އެކަލާނގެ އިންސާނުންނަށް ދެއްވި ނއުމަތްތަކުގެ ތެރެއިން ވަރަށް މަތިވެރި ނިޢުމަތެއްކަމުގައި ހުޠުބާގައި ބުނެއެވެ. އެކަލާނގެ އަންގަވާފައިވާ ގޮތަށް މުދަލާއި، ފައިސާ ހޭދަކުރުމަކީ، ސުވަރުގެއަށް ވާޞިލްވުމުގެ މަގެއް ކަމުގައި ޚުޠުބާގައި ބުނެފައިވެއެވެ.

މުދާ ހޭދަކުރުމުގައި އިސްރާފް ކުރުމަކީ ﷲ ނަހީކުރައްވާފައިވާ ކަމެއް ކަމުގައި ވެއެވެ. އިސްރާފުކުރުމަކީ ޙަރަމްކަންތައްތަކަށާއި، ވިޔާނުދާ ކަންތައްތަކަށް ބޭކާރުގޮތްގޮތަށް މުދާ ހޭދަކުރުންކަމުގައި ޚުޠުބާގައި ބުނެއެވެ. ހުއްދަވެގެންވާ ރަނގަޅު ކަންކަމުގައިވެސް ތިމާގެ އާމްދަނީ އާއި ލިބޭ މިންވަރާ އެކަށީގެންނުވާ ވަރަށް ޚަރަދުކުރުމަކީ ވެސް އިސްރާފް ކުރުމެވެ. އިސްރާފް ކުރާ މީހުންދެކެ ﷲ ލޯބިވެ ވޮޑިގެންނުވާކަން ޚުޠުބާގައި ބަޔާންކުރެއެވެ.

އިސްރާފު ކުރުމަކީ، މުއުމިނުންގެ ސިފައެއް ނޫންކަމަށާއި، މުއުމިނުންގެ ސިފައަކީ ތިމާގެ އަތުގައިވާ އެއްޗަކުން ފުއްދައިގެން، އިޤްތިޞާދުކޮށްގެން ދިރިއުޅުމެވެ. ﷲ ތިމާއަށް ދެއްވި އެއްޗަކަށް ޝުކުރުވެރިވެ ދިރިއުޅޭ ފަރާތްތަކަށް ﷲ ތަޢާލާ ތަޢުރީފް ކުރައްވާކަން ޚުޠުބާގައި ބުނެފައިވެއެވެ.

ނަމެސް ހިތާމަޔާއެކު ފާހަގަކުރަންޖެހެނީ އަޅުގަނޑުމެންގެ ތެރެއިން ބައެއް ފަރާތްތަށް އަމަލުކުރަމުން އަންނަނީ އިޤްތިޞޯދު ކުރުމާއި ދެކޮޅު، އިސްރާފްކުރުމަށް ބާރު ލިބޭގޮތަށްކަން ފާހަގަކުރެވެއެވެ. ޔިމާގެ އާމްދަނީއަށް ނުވަތަ ތިމާއަށް ލިބޭ އެއްޗަކަސް ބެލުމެއް ނެތި ޚަރަދު ކުރަމުން ދެއެވެ، ޒަމާނީ ތަރައްޤީ އާއި ޓެކްނޮލޮޖީގެ މިޒަމާނުގައި، ބައެއް މީހުން ބާޒާރަށް އަލަށް ނުކުންނަހާ އެއްޗެއް ހޯދައެވެ. ދަރިންގެ ކުޅޭ ސާމާނު ފަދަ ތަކެތިވެސް، ހަލާކުވުމުގެ ކުރިން ގަނެދެއެވެ. އަނެއް ބަޔަކު ތިމާމެންގެ ފުދުންތެރިކަމާއި ތަނަވަސްކަން ނެތަސް، މީހުންގެ އަތުން ދަރަންޏަށް ފައިސާ ހޯދައިގެން ނުވަތަ ބޭންކުން ލޯނު ނަގައިގެން ނަމަވެސް، އެއްވެސް ޟަރޫރަތެއް ނެތް ބޮޑެތީ ޚަރަދުތައް އަންނަނީ ކުރަމުންނެވެ. މިއީ ވަރަށް ހިތާމަ ހުރި ކަމެއްގެ ގޮތުގައި ޚުޠުބާގައި ބުނެއެވެ.

ތިމާއަށް ލިބޭ އެއްޗަކުން ދިރިއުޅުމުގެ ޚަރަދުތައް ފޫނުބެއްދޭނަމަ، ކޮންމެހެން ބޭނުންވެއްޖެ ޙާލަތެއްގައި، ތިމާގެ ބޭނުންތައް ފުއްދުމަށްޓަކައި ދަރަންނަށް ފައިސާ ނެގުމަކީ ހުއްދަކަމެއް ކަމުގައި ޚުޠުބާގައި ބުނެއެވެ. އެހެން ނަމަވެސް ދަރަނި އަދާކުރުމަށް އަވަސްވެގަންނަން ޖެހޭކަމަށް ޚުޠުބާގއި ބުނެއެވެ.

އިޤްތިޞާދުކޮށް، ތިމާއަށް ލިބޭ އެއްޗަކުން ފުއްދައިގެން ޚަރަދު ކުރުމަކީ އިސްލާމީ އިޤްތިޞާދުގެ އަސާސުކަން ޚުޠުބާގައި ބަޔާންވެފައި ވެއެވެ. އިޤްތިޞާދުކުރުމަކީ، ޚަަރަދުކުރުމުގައި މެދުމިންވަރަކަށް ޢަމަލުކުރުންކަން ޚުޠުބާގައި ބުނެއެވެ. މިއަދު އަޅުގަނޑުމެންގެ ތެރޭގައި، އިޤްތިޞާދުކުރުމާމެދު ހޭލުންތެރިކުރުވައި، ޒުވާނުންނަށް އެކަމުގެ ތަރުބިއްތުދޭން ޖެހެއެވެ. އެއޯ މައިންބަފައިންނާއި، ކަމާބެހޭ މަސްއޫލުވެރިންގެ ބޮލުގައި އެޅިފައިވާ ޒިންމާއެކެވެ، މުޖުތަމަޢު އިން ނަމޫނާދައްކައި، ފަހަށް ރައްކާކުރުމަކީ މުހިއްމު ކަމެއްކަން ޒުވާނުންނަށް އަންގައިދީ، އެގޮތަށް މަގުދައްކައި އިޤްތިޞާދުކުރުމަށް އާދަކުރުވުމަކީ މުހިންމުކަމެްގެ ގޮތުގައި ޚުޠުބާގައި ބުނެވިފައިވެއެވެ.

ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް19 ގެ އާލަމި ވަބާގައި ޖެހި، ދުނިޔެއަށް ކުރިމަތިވެފައި ވަނީ އިޤްތިޞާދީގޮތުން ދަތި ހާލަތެކެވެ. މިފަދަ ދަތި ދަނޑިވަޅުގައިވެސް އަޅުގަނޑުމެން މުސްލިމުންގެ އީމާންކަމާއި، ޢަޤީޑާ ވަރަށް މުހިންމު ދައުރެއް އަދާކުރާކަން ޚުޠުބާގައި ބުނެވިފައިވެއެވެ. މިފަދަ ދަތި ހާލަތްތަކުގައިވެސް އަޅުގަނޑުމެން ހަނދާންކުރަންވީ އެންމެ މުހިންމު ކަމަކީ، ދުނިޔޭގައި ހިނގާ ކޮންމެ ކަމެއްވެސް ހިނގަނީ މާތްﷲގެ މަތިވެރިކަމާއި، ޙިކްމަތްވަންތަކަމުން ކަމެވެ. މިދުނިޔޭގައި ކުރިމަތިވާ ކޮންމެ ކަމަކީވެސް އެކަނލާގެ މިންވަރުފުޅުގެ ތެރެއިން ކުރިމަތިވާ ކަމެއްކަން ޚުޠުބާގައި ބުނެވިފައި ވެއެވެ.

ހުރިހާ ޚަލްޤުތަކުންނަށް ރިޒްޤު ދެއްވުން ﷲ ތަޢާލާވަނީ، އެކަލާނގެ ޒާތުފުޅަށް ކަނޑައަޅުއްވާފައެވެ. އެކަލާނގެ އެއްވެސް އަޅަކު ނިކަމެތި ނުކުރައްވާނެކަން ޚުޠުބާގައި ބުނެއެވެ، ދުނިޔެއަށް އުފަންވާ ކޮންމެ އިންސާނަކުވެސް އޭނާގެ މައިމީހާގެ ބަނޑުގައި އޮއްވާ، ހަތަރު ކަމެއް ލިޔުއްވާކަން ހަދިޘްތަކުން އެނގޭކަމަށް ޚުޠުބާގައި ބަޔާންކުރެއެވެ. އެ ހަތަރުކަމަކީ، އެމީހާގެ އުމުރާއި، ރިޒްޤާއި، އޭނާއަކީ ބާއްޖަވެރިއެއްކަން ނުވަތަ އާބާއްޖަވެރިއެއްކަމެވެ. ދުނިޔޭގައި އިންސާނާއަށް އޮތީ އެ ރިޒްޤް ހޯދުމުގައި ވަޞިލކަތްތަކުގެ ހިފައިގެން މަސައްކަތް ކުރުން ކަން މިއަދުގެ ޚުޠުބާގައި ބަޔާންކޮށްފައި ވެއެވެ.