ދަރިމައިނުވުން ނުވަތަ އިންފާރޓިލިޓީ އަކީ ދޭތެރެ ދުރުކުރާ އެއްވެސް ވަޞީލަތެއް ބޭނުންކުރުމެއްނެތި، ގަވާއިދުން ރޭކުރާތާ އެއް އަހަރު ވީއިރު ވެސް ބަލިވެ ނުއިނުމެވެ.ބައެއް ހާލަތުގައި މިމުއްދަތު 6 މަސް ކަމުގައި ބެލެވިދާނެ އެވެ. ދަރިން ލިބުން ލަސްވުން ދަރިން ލިބުން ލަސްވުމަކީ ދަރިން ލިބުމުގެ ފުރުޞަތު ކުޑަވުމެވެ. ނުވަތަ ބަލިވެއިނުމުގެ ފުރުޞަތު ކުޑަވުމެވެ. އެއީ އެއްގޮތަކަށް ވެސް ދަރިމައިވުމަށް ނުކުޅެދިގެންވުމެއް ނޫނެވެ.
އާންމު ގޮތެއްގައި 35 އަހަރުން ދަށުގެ ދެމަފިރިން، ގަވާއިދުން އެއްހަރު ވަންދެން ، ދޭތެރެ ދުރުކުރާ ވަޞީލަތެއް ބޭނުންކުރުމެއް ނެތި، ރޭކޮށް، ދަރިން ނުލިބޭނަމަ، އެއީ ދަރިމައިނުވުން ކަމުގައި ބެލެވިދާނެ އެވެ. އަދި 35 އަހަރުން މަތީގެ ދެމަފިރިން މިއުސޫލުން ރޭކުރާތާ 6 މަސް ވީއިރުވެސް ދަރިން ނުލިބޭނަމަ، އެއީ ދަރިމައިނުވުން ކަމުގައި ބެލެވިދާނެ އެވެ.
ބަލިވެއިނުމަށްޓަކައި ރަހިމާއި، ބިސްދަތުރުކުރާ ހޮޅިއާއި، ބިސްއުފައްދާ ތަނަކީ ރަނގަޅަށް މަސައްކަތްކުރާ އެއްވެސް ކަހަލަ މައްސަލައެއް ނެތް ތަންތަނަށް ވާންޖެހެއެވެ. މިއިން ކޮންމެ ގުނަވަނަކަށް މައްސަލަ އެއް ދިމާވުމަކީ އޭގެ ސަބަބުން އަންހެނާއަށް ދަރިމައިވުމުގައި ހުރަސްތަކާ ދިމާވެދާނެ ކަމެކެވެ.
އަންހެނުންނަށް ދަރިން ނުލިބުން ކުރިމަތިކުރުވާ ސަބަބުތައް:
- އިންޑޯމެޓްރީއޯސިސް : ރަހިމުގެ ޓިޝޫތައް ރަހިމުން ބޭރުގައި އަށަގަތުން
- ރަހިމުގައި ފައިބްރޮއިޑް އުފެދުން
- ދަށްބަނޑުގައި ދުޅައެއް އުފެދޭ ފަދަ ބައްޔެއް ހުރުން
- ބިސްދަތުރުކުރާ ހޮޅި ބެދިފައި ހުރުން
- ކިހުނުވުން، ކްލަމީޑިޔާ، ފަދަ ޖިންސީގުޅުމުގެ ޒަރީޢާއިން ފެތުރޭ ބައްޔެއް ޖެހިފައިވުން
- ތަދުވުމާއެކު، ވަކި އިންތިޒާމެއްނެތި މައްސަރުކަންތައް ޖެހުން (މައްސަރުކަންތައް ގަވާޢިދުން ނުޖެހުން)
- މޫނާއި ހަށިގަނޑުގައި އިސްތަށި ގިނައިން ފަޅާފައި ހުރުން
- ބަނޑުގެ ނޫނީ ދަށްބަނޑުގެ އޮޕަރޭޝަނެއް ކުރުން
- ގިނަ ދުވަސްވީ ބައްޔެއް ޖެހިފައި ހުރުން
- ދުންފަތުގެ އިސްތިއުމާލުކުރުން
- މާބޮޑަށް ބަރުދަން އިތުރުވެ، ފަލަވުން
- މާބޮޑަށް ހިކިވެ، ބަރުދަން ލުއިވެ، އަނަރޫފަވުން
- މާއަވަހަށް އިއްދައިން ކެނޑުން
- ބިސް އުފައްދާ ތަނުން ބިސް އުފައްދާ މިންވަރު މަދުވުން
- ބިސް އުފައްދާ ތަނުގައި ސިސްޓް އުފެދިފައި ހުރުން
- ޖިސްމާނީ ނޫނީ ނަފްސާނީގޮތުން ދިމާވާ ފިއްތުންތަކުގެ ސަބަބުން މައްސަރުކަންތައް ނުޖެހުން
- ދުންފަތުގެ އިސްތިއުމާލުކުރުން
- ބަނގުރަލާއި، މަސްތުވާތަކެތި ބޭނުންކުރުން
ފަރުވާ ކުރުމަށް ފަހު ދަރިން ލިބުމުގެ ފުރުޞަތު އޮތީ ކިހާ ވަރަކަށް؟
އާއްމުގޮތެއްގައި ދަރީން ލިބުން ލަސްވެގެން ފަރުވާ ކުރާ ގިނަ ދެމަފިރީންނަށް ދަރިން ލިބެއެވެ. ނަމަވެސް މިނިސްބަތް ބިނާވެގެން ވަނީ މިކަން މެދުވެރިވާ ސަބަބާއި ކުރާ ފަރުވާއެއްގެ މައްޗަށެވެ. އަދި ދިރިއުޅުމުގެ ވައްތަފާޅިއަށް ގެންނަ ބަދަލުތައް ވެސް މިކަމުގައި ވަރަށް ބޮޑު ރޯލެއް އަދާކުރެއެވެ. މިސާލަކަށް ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމާއި ކެއުން ރަނގަޅު ކުރުން ފަދަ ކަންތަކަކީ ފަރުވާ ކުރަމުންދާ ދެމަފިރިންނަށް ދަރިން ލިބުމުގެ ފުރުޞަތު ބޮޑުވާނެ ކަމެކެވެ.