އެވިޑް ކޮލެޖްގެ 16 ވަނަ އަަހަރީ ޖަލްސާ މިރޭ ތިނަދޫ ބޯޅަ ދަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެކޮލެޖުން ވިދާޅުވެއްޖެއެވެ.
މިރޭ 8:20 ގައި ތިނަދޫ ރަސްމީ ބޯޅަ ދަނޑުގައި ކުރިއަށް ގެންދާގޮތަށް ހަމަޖެހިފައިވާ މިޖަލްސާގައި ތިނަދޫއަށް ތައުލީމީ ގޮތުން ޚިދުމަތް ކޮށްދެއްވާފައިވާ ގިނަ ފަރާތްތަކަކަށް ހަނދާނާއި ޝަރަފުގެ ހެކި ވެދުން ކުރުމުގެ އިތުރުން އެވިޑް ކޮލެޖްގެ ތައުލީމީ ޝަރަފް އެރުވުން އޮންނާނެއެވެ.
އެވިޑް ކޮލެޖްގެ ތިނަދޫ ކެމްޕަސްގެ ކުރިމަތީ ބޯޅަ ދަނޑުގައި ކުރިއަށްގެންދާ މިޖަލްސާގެ ޚާއްސަ މެހެމާނަކީ ގދ ތިނަދޫ އަލިދޯދި އަބްދުﷲ އަފީފްއެވެ. މިޖަލްސާގެ ޝަރަފްވެރި މެހެމާނަކީ އެވިޑް ކޮލެޖްގެ ޗެއަރމަން އަބްދުﷲ މުސްތާޤް ރަޝާދެވެ.
މިރޭގެ ޖަލްސާގައި މުނިފޫހި ފިލުވުމުގެ ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެވިޑް ކޮލެޖުން ވިދާޅުވިއެވެ. އެވިޑްގެ 16 ވަނަ އަހަރީ ދުވަހުގެ ޖަލްސާއާއި ޚާއްސަ ހަރަކާތްތައް ކުރިއަށް ގެންދާއިރު މިއީ ރާއްޖޭގައި ހިންގާ ކޮލެޖް ޔުނިވަރސިޓީ އެއްގެ އަހަރީ ޚާއްސަ ޖަލްސާ އަތޮޅުތެރޭފައި ބާއްވާ ފުރަތަމަ ފަހަރުކަން ފާހަަގަކޮށްލެވެއެވެ.