ފެށުމުގެ ކުރިން:
ހުވަދޫބަހުގެ ލަފުޒުތަކާއި އިބާރާތްތަކާއި މަފުހޫމުތަކުގެ ވާހަކަ އަޅުގަނޑުމެން ދައްކާ ނަމަ ހަނދާންކުރަންޖެހޭ މުހިންމުކަމެއް އޮވެއެވެ. އެއީ ހުވަދު އަތޮޅުގެ އެކިރަށްރަށުގައި ބޭނުންކުރާ ހުވަދޫ ބަހުގައި ޠަބީޢީގޮތުން ތަފާތެއް ހުންނަކަމެވެ. މި ތަފާތުތަކާއެކު ވެސް އެއިން ކޮންމެ ރަށެއްގައި ވެސް ބޭނުން އެކުރަނީ ހުވަދޫބަސް ކަމެވެ. އެހެންކަމުން ވަކި ރަށެއްގައި ނުވަތަ ރަށްތަކެއްގައި ބޭނުންކުރާ ގޮތެއްގެ ވާހަކަ ބުނުމުން އެއީ އަޑުއަހާ މީހާ ނުދަންނަ އެއްޗެއް ކަމުގައި ވިޔަސް އަތޮޅުގެ އެއްވެސް ބަޔަކު ބޭނުންކުރާ ގޮތެއް ނަމަ އެވާނީ ހުވަދޫބަސް ކަމުގައެވެ. މި މަންސައިގައި އަޅުގަނޑު ދައްކާ ވާހަކަތަކުގެ އަސްލު ކަމުގައިވާނީ ފަރެސްމާތޮޑާގެ ނުވަތަ ފަރެހުގައި ބޭނުންކުރާގޮތެވެ.
ތިނަދޫ ފަޅުކޮށްލުމާ ގުޅިގެން އެރަށުގެ އިލްމުވެރި ހަރުދަނާ ބަޔަކު ފަރެހަށް އައިސް ކިޔަވައިދީ، ރަށްހިންގައި އެތައް ޚިދުމަތެއް ކުރިއެވެ. އެހެންކަމުން އެ އަސަރުތައް އަޅުގަނޑުމެންގެ ބަހުން ހިސާބަކަށް ނަމަވެސް ފެންނަކަމީ ހަމަ ހަގީގަތެކެވެ. އަޅުގަނޑުގެ ނަޒަރުގައި ހުވަދޫބަހަށް މިހާރު އެންމެ ބޭނުންބޮޑުވެފައި ވަނީ އެބަހުން ލިޔުމެވެ. ހުވަދޫ ބަހުގެ ލިޔުންތެރިކަމެއް އުފެއްދުމެވެ. އެހެންކަމުން ކުރިއަށް އޮތްތާގައި “ހުވަދޫބަހުން” ލިޔުންތައް ލިޔުމުގެ ހެޔޮ ނިޔަތް އެބައޮތެވެ.
އަންމާ ފޮއްތާ
އަންމާ ފޮއްތާ އަކީ ކިހާކުގެ (ނުވަތަ ކިހަވަކުގެ) އެންމެ މަތީ ފޮއްޗެވެ. މިއީ ކިހަވަކުގެ ތާފަތުގެ ދަށުން އޮންނަ ބައިން އެންމެ ފުރަތަމަ ކަނޑައިލެވޭ ފޮއްޗެވެ. ތާފަތަކީ މިރުއްރުކުގައި ގަންނަ ތަކެތީގެ ތަނޑު އެ އެއްޗަކާ ގުޅިފައި އޮންނަ ބައެވެ. އަޅުގަނޑުމެން ކިޔަނީ “ކިހާކު ވަނޓާ” އެވެ. މި ފޮތި އަންމާ ފޮއްތަކަށް ވީ ކިހިނަކުންހެއްޔެވެ؟ މި ސުވާލުގެ ޖަވާބު ލިބެނީ ސަގާފަތުންނެވެ. އިހުގެ ދަތި ހާލަތުންނެވެ. އަންމާ ފޮއްތާ އަކީ ހަމައެކަނި ހުވަދޫ ލަފުޒެއް ނޫނެވެ. އިހުގެ ހާލަތު ބަޔާންކުރެވިފައިވާ ރެކޯޑެވެ. މާޒީގެ ފުން ޝުއޫރުތަކަކާއި އެތަކެއް ލޯތްބަކީ ތާރީޚެއް ރެކޯޑްކުރެވިފައިވާ ޗިޕެކެވެ.
ދެން މި ޗިޕްގެ މައުލޫމާތަށް ބަލަމާހެއްޔެވެ؟
އެ ޒަމާނަކީ ކާބޯތަކެތި ތަދު ޒަމާނެކެވެ. ބަނޑުހައިހޫނުކަމުގެ ޒަމާނެކެވެ. މިޒަމާނުގެ ހިތަކަށް ސިކުނޑިއަކަށް ނުގެނެވޭވަރުގެ ހައިހޫނު ޒަމާނެކެވެ. އެޒަމާނުގައި ބައެއް ހާލަތުގައި ކިހަވަކެއް (ކިހާކެކެ) އެއީ އާއިލާއެއްގެ އިރުކޮއްތެވެ. އެއާ ޖައްސައިގެން ކާނޭ ރިހާކުރު ކޮޅެއް ލިބިފައިވާ ނަމަ އެވެސް ބޮޑު ނަސީބެކެވެ. އެޒަމާނުގައި ކިހާކުގެ މަތި ކަނޑައިލުމަށްފަހު މަތީކޮޅުން ކަނޑައިލެވޭ މި ފޮތި (އަންމާ ފޮއްތާ) އަކީ ރަހަ ނުބައި އެއްޗެކެވެ. ކިހާކުގެ އެހެން ހިސާބަށްވުރެ މި ފޮތީގެ ހިތިރަހަ ގަދައެވެ. ކިހައްޑި ރަހަ ގަދައެވެ. ކަރުބެދޭ ގޮތެއް ހުރެއެވެ. ކަރުތެރެއިން ދިރިގެންދާއިރު ހިތްދަތިވާނޭ އަސަރުތަކެއް ހުރެއެވެ. އެހެންކަމުން މި ފޮތި ދަރިންނަށް ދޭކަށް ހުވަދޫ މައިންގެ ލަނގޮޑިއަކަށް ކެތެއް ނުވެއެވެ. އެހެންކަމުން މި ފޮތި ކަނީ މަންމައެވެ. މިއަށްވުރެ ރަހަ މީރު ބައި ދެނީ ދަރީންނަށެވެ. މި ފޮތި އަންމާ ފޮއްތަކަށްވީ ސަބަބަކީ މިއީއެވެ.
ދެން މި ނަމާއި އޭގެ މަގުސަދާ މެދު ވިސްނައިލަމާހެއްޔެވެ؟
މި ނަން އުފެދުނުގެ ގޮތާއި ސަބަބުގެ މައްޗަށް ބަލާއިރު މީގައި ރަމްޒުވެފައިވާ އެއްކަމަކީ، މަންމައިން ދަރިންދެކެވާ ލޯތްބެވެ. ގުރުބާނީއެވެ. ދަރިންނަށް މޮޅުގޮތް ހޯދައިދިނުމުގެ ވިސްނުމެވެ. “މަންމާ މިދޭ” އިހުތިރާމެވެ. އަންމާ ފޮއްތާގައި ރަމްޒުވާ ދެވަނަ ކަމަކީ މި ގުރުބާނީގެ މަންފާކުރި ދަރީން އެކަން ވަޒަންކުރާކަމެވެ. އެކަން ދަންނަކަމެވެ. އެކަން ބަލައިގަންނަކަމެވެ. އެހެންކަމުން އަންމާ ފޮއްތާގެ މާނައަކީ ހަމައެކަނި ކިހަވަކުގެ އެންމެ މަތީފޮތީގެ މާނައެއް ނޫނެވެ. އެއީ އެ ފޮތީގެ ޖާގައެވެ. މި ނަމާއެކު ރައްކާކުރެވިފައިވަނީ އޭރުގެ ހާލަތެވެ. ތަދުމަޑު ހާލަތެވެ. ބަނޑުހައިހޫނުކަމެވެ. މިހާލަތުގައި ބަނޑުފުރާނަ މުއްތިކޮށް އުޅުމުގެ މަދު ގޮތްތަކުގެ ތެރެއިން މައިވަންތަކަމުގެ ލޯތްބެވެ. އެ ލޯބީގެ އަގުވަޒަންކުރުމެވެ. ގައުމީ ތަރިކައިގެ ނަޒަރަކުން ބަލައިފި ނަމަ މި ލަފުޒަކީ ހުވަދު އަތޮޅުގެ މާނަވީ ތަރިކައިގައި ހިމެނޭ ތަރިކައެވެ. އަދަބީ ތަރިކައެކެވެ. ތާރީޚީ ތަރިކައެކެވެ. ސަގާފީ ތަރިކައެކެވެ.
އަދުގެ ހުވަދު އަތޮޅަކީ މިފަދަ އެތައް ކަމެއްގެ ހިމެނިފައިވާ މާޒީއެއް އޮތް އަތޮޅެކެވެ. ސަރަހައްދެކެވެ. އިނގިރޭސި ބަހުގެ ލާމަސީލު އަދީބު ވިލިއަމް ޝެކްސް ޕިއަރު ވިދާޅުވެފައިވާ ބަސްފުޅެއްގެ ދޭހައަކީ، މާޒީވެދިޔަ ކޮންމެ އެއްޗަކީ އަންނާން އޮތް އެއްޗެއްގެ މުގައްދިމާއެކެވެ. މި ނަޒަރުން ބަލާއިރު އިސްވެ ދެންނެވި އަގުކުރުމާއި އަގުވަޒަންކުރުމާއި ލޯތްބާއި އަޅައިލުން އޮތް މާޒީގެ މުގައްދިމާ އިން ފަށައިގެން އައިސްފައިވަނީ ކޮން އެއްޗެއްތޯ ބަލައިލާންޖެހެއެވެ. ވިސްނައި ފިކުރުކޮށްލާން ޖެހެއެވެ. ނެތް ނަމަ އެ އެއްޗެއް ހޯދާންވެސް ޖެހެއެވެ. ހުވަދޫ މީހުންނާ އެހެން މީހުން ތަފާތުވަނީ ކަރުބެޔާއި، މާފާއި މުންނާއި މި ތިން ލަފުޒަކުން އެކަންޏެއް ނޫނެވެ. މި ތިން ލަފުޒަށް އެކަނި އަޅުގަނޑުމެންގެ ފަޚުވެރިކަން ކުރުކޮށް ކުޑަކޮށްލެވޭކަށް ނެތެވެ. އަޅުގަނޑުމެންނަކީ އެތައް ކަމަކުން ރަމްޒުވާ މާޒީއެއް އޮތްބައެކެވެ.
އަތޮޅުގެ މާނަވީ ޝަޚްސިއްޔަތެއް މާޒީވެފައިވެއެވެ. އެ މާޒީ ހޯދައިބެލުމަކީ މިއަދު ކުރާންވީ ކަމެކެވެ. ތެދެކެވެ. ސަގާފަތް ބަދަލުވުމުން ބަސް ބަދަލުވަމުންދާނެއެވެ. އެކަމު ސަމާލުވާންވީ ކަމަކީ ބަސްބަހުގެ ލަފުޒުތަކާއި އިބާރާތުގެ ތެރޭގައި ސަގާފަތް ފޮރުވިފައި ހުންކަމެވެ. ވަކީން ޚާއްސަކޮށް އަތޮޅުގެ އަދަބީ ބަސްބަހުގައި ސަގާފަތާއި ތާރީޚު ހުންނަކަމެވެ. މާޒީ ދައްކައިދޭ ހާދިސާތަކާއި، އެނޫން އެތައް މައުލޫމާތެއް ހުންނަކަމެވެ. އަންމާ ފޮއްތާ އަކީ މީގެ ކުޑަކުޑަ މިސާލެކެވެ. އަޅުގަނޑުގެ މި އިސްނެގުމަކީ ހުޅުވައިލުމެވެ. ނަމަވެސް މިފަދަ ކަންކަމުގައި އަޅުގަނޑުމެން އެބަޔަކާ ތަބާވެ އަދަބުވެރިވާންވީ އެތައް ބަޔަކު އަތޮޅުގައި އެބަ ތިއްބެވެ. އެ ފަރާތްތަކުގެ ތަޖުރިބާ އާއި މައުލޫމާތާއި ވިސްނުން މި މަންސައިގައި ހިއްސާކުރުމަކީ އަޅުގަނޑުގެ އާދޭހެކެވެ. އެނގޭ ކޮންމެ މީހަކީ ލިޔާ މީހެއް ނޫނެވެ. ލިޔާ ކޮންމެ މީހަކީ ލިޔުންތެރިއެއް ވެސް ނޫނެވެ. އެހެންކަމުން އެނގޭ މީހުންގެ ގާތު އަހައިގެން ލިޔުމަކީ ލިޔާ މީހުންނާއި ލިޔުންތެރީންނަށް ކުރެވިދާނޭކަމެކެވެ. ހުވަދޫ ބަހުން ލިޔުމަކީ މިކަމުގައި އެންމެ ރަނގަޅު ގޮތްކަމުގައި އަޅުގަނޑު ދެކެމެވެ. ހަމަކަށަވަރުން ވެސް އޭގެ މަންފާ މުޅި އަތޮޅަށް ކުރާނެއެވެ. ހުވަދޫ ބަހަށް އޭގެ ދިރުން އަންނާނެވެ.