17 މީހުންނާއެކު ދަތުރުކުރަމުންދިޔަ ސަފާރީއެއް އަޑިޔަށް ގޮސްގެން އެކަކު މަރުވެއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައިވަނީ އެ ސަފާރީއިން ދަތުރުކުރި 41 އަހަރުގެ ފަތުރުވެރިއެކެވެ. އަދި އެ ސަފާރީއިން ދަތުރު ކުރި 17 މީހަކު މާލެ ގެނެސްފައިވާއިރު އޭގެ ތެރެއިން 6 މީހުން އިތުރު ފަރުވާއަށް ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ މިއަދު ހެނދުނު ބޮލިފުށި ކައިރިން މާލެއަށް ދަތުރުކުރި “ހޭންޑީ ކްރޫޒަރ” ނަމަކަށް ކިޔާ ސަފާރީ ވަނީ ވިއްސާރަވެ ކަނޑު ގަދަވުމުގެ ސަބަބުން ދިޔަވެ އަޑިޔަށް ގޮސްފައި ކަމަށެވެ.
“ހޭންޑީ ކްރޫޒަރ” ނަމަކަށް ކިޔާ ސަފާރީ ދިޔަވާން ފެށި ކަމުގެ މައުލޫމާތު ކޯސްޓް ގާޑަށް ލިބިފައިވަނީ ހެނދުނު 8:39 ހާއިރުއެވެ. އެމްއެންޑީއެފުން ވަނީ ކަނޑުމަތީގެ ތަފާތު ހާދިސާތަކުގެ މައުލޫމާތު ލިބެމުންދާތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދެއްވުމަށް އިލްތިމާސްކޮށްފައެވެ.