ހުވަދު އަތޮޅު ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެ އެމައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ، އަޕަރ ސައުތު ޑިވިޝަން (ގއ،ގދ) އަތޮޅު ހިމެނޭ ރަށެއްގައި 17 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް މިދިޔަ މަހުގެ 23 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
ހުވަދޫ ނިއުސް އަށް މައުލޫމާތު ލިބިފައިވާގޮތުގައި ޖިންސީގޯނާގެ ޝިކާރައަކަށް ވެފައިވަނީ އެރަށުގެ ގްރޭޑް 10 ގައި ތައުލީމު ހާސިލުކުރަމުން އަންނަ އަންހެން ކުއްޖަކަށް ކަމަށާޢި، އެކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވަނީ އިންޑިއާ ޓީޗަރެއް ކަމަށެވެ.
އަދި މިމައްސަލައާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީއިން ވިދާޅުވީ، ތުހުމަތު ކުރެވޭ ބިދޭސީ ޓީޗަރު މިހާރުވަނީ 30 ދުވަހުގެ މުއްދަތަށް ސަސްޕެންޑް ކޮށްފައި ކަމަށާޢި، މައްސަލައިގެ ތަހުގީގު ނުނިމޭ ކަމުގައި ވާނަމަ ސަސްޕެންޝަންގެ މުއްދަތު އިތުރުވާނެ ކަމަށެވެ.