ޚަބަރު
ޕީޖީ އޮފީހުން މަސާއިދުގެ މައްޗަށް 11 ދައުވާ ކުރަން ނިންމައިފި

ޓެލެގްރާމްގައި މީހުންގެ ޒާތީ މައުލޫމާތާއި ބަރަހަނާ ފޮޓޯއާއި ވީޑިއޯ އާއްމުކުރުމުގެ މައްސަލައިގައި ހައްޔަރުކުރި މއ.އިސްޕަންޖުގެ މުހައްމަދު މަސާއިދު ބިން ސަމީއުގެ މައްޗަށް 11 ދައުވާއެއް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

މަސާއިދުގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ކޮށްފައިވާ ދައުވާތަކުގެ ތެރޭގައި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ 3 ދަޢުވާއަކާއި، އޮރިޔާން ކާޑު ފެތުރުމުގެ ކުށުގެ 3 ދަޢުވާގެ އިތުރުން އެނގިހުރެ ހުއްދަނޫން ގޮތުގައި މަޢުލޫމާތު ހޯދުމުގެ ކުށުގެ ދަޢުވާ ހިމެނެއެވެ. މީގެ އިތުރުން، ޢަދުލުއިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާއަކާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދަޢުވާއެއްގެ އިތުރުން އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދަޢުވާ ހިމެނެއެވެ.

ޕީޖީ އޮފީހުން ވިދާޅުވާ ގޮތުގައި މަސާއިދު ވަނީ އެހެންމީހުންގެ ޒާތީ މައުލޫމާތު ހިމެނޭ އެހެނިހެން އެކައުންޓްތައް ހެކްކުރުމަށްފަހު އެކި މީހުންގެ ޒާތީ މަޢުލޫމާތާއި އެމީހުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އަދި ވީޑިއޯތައް ޓެލެގްރާމްގެ އިތުރުން އެހެނިހެން ސޯޝަލް މީޑިޔާތަކުގައި ހާމަކޮށްފައެވެ.

މަސާއިދުގެ އޮފީހުގެ ވަތްގަނޑުން ފުލުހުންނަށް ލިބިފައިވާ ދެހާޑްޑްރައިވާއި ގެއިން ފެނިފައިވާ ހަތް ހާޑް ޑްރައިވުން މިލިޔަނަށްވުރެ ބަރަހަނާ ފޮޓޯތަކާއި ވީޑިޔޯތައް ވަނީ ފެނިފައެވެ.

Comment