ޚަބަރު
ނައިފަރުގައި އައިސްޕްލާންޓެއް އަޅައިދިނުމަކީ ސަރުކާރުގެ ވައުދުފުޅެއް ނޫން: ޑރ.ހުސައިން ރަޝީދު

ޅ.ނައިފަރުގެ މަސްވެރިން އެރަށުގައި އައިސްޕްލާންޓެއް ހަދައިދިނުމަށް އެދިފައި ނުވާ ކަމަށް ޑރ.ހުސެއިން ރަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖުލީހުގެ މިއަދުގެ ޖަލްސާގައި ޑރ.ހުސައިން ރަޝީދު ހާޒިރުކޮށްފައިވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނައިފަރުގައި އައިސްޕްލާންޓެއް ގާއިމް ކުރުމަށް ވައުދުވެވަޑައިގަންނަވާފައިވާ ކަމަށް ފާހަގަކޮށް އެ މަސައްކަތް ކުރިއަށް ނުދަނީ ކީއްވެގެންތޯ ސާފު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކުރައްވާފައިވާ ސުވާލަކާއި ގުޅިގެންނެވެ.

މިސުވާލަށް ޖަވާބުދާރީވަމުން ޑރ.ހުސައިން ވިދާޅުވީ އެފަދަ ކަމަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެ ވަޑައިގެންފައި ނުވާ ކަމަށާއި އެދުވަހު އެމަނިކުފާނު ދެއްކެވި ވާހަކަފުޅުތަކުގެ ރިކޯޑިންގ އަދިވެސް އެބަހުރި ކަމަށެވެ. އަދި އެރަށުގައި އައިސްޕްލާންޓެއް އަޅައިދިނުމަށް އެރަށުގެ މަސްވެރިން އެދިފައި ނުވާކަމަށެވެ.

“އެ ބައްދަލުވުމުގައި ބައިވެރިވި ބޭފުޅުން ގަދަވެ ސަލާމަތުން އެބަ ތިއްބެވި. އެ ބޭފުޅުން ކައިރިން އައްސަވާ. ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ވައުދެއްގެ ގޮތުގައި ދެއްކެވި ވާހަކަފުޅު. އަޅުގަނޑު ވަރަށް އަދަބުވެރިކަމާއި އެކު މެމްބަރަށް މި ވާހަކަތައް އަރުވާނަން.” ޑރ.ހުސެއިން ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކަފުޅާ ދެކޮޅަށް މަޖުލީހުގައި ހާޒިރުވެތިބި ގިނަ މެމްބަރުން ވަނީ އަޑުއުފުލާފައެވެ. އެހެންނަމަވެސް މަޖުލީހުގެ ރިޔާސަތުގައި އިންނެވި މަޖުލީހުގެ ނައިބު ރައީސް އިވާ އަބްދުﷲ ވަނީ މިނިސްޓަރު ވާހަކަ ދެއްކުމަށް ފުރުސަތު ދީފައެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ނައިފަރުގެ މަސްވެރިން ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިވަޑައިގަތް ކަންތައްތައް މިހާރު ކުރަމުންގެންދާ ކަމަށެވެ.

ހަމައެއާއެކު ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ނައިފަރުގައި އެކަނިވެސް މަސްވެރިކަން ކުރާ 24 އުޅަނދު އޮންނައިރު އެ އުޅަނދުފަހަރުތަކަށް އެކަނި ވާވަރަށް ވެސް އައިސް ނުލިބޭ ކަމަށެވެ. މިއަދަކީ މަސްވެރިންނަށް ކަޅު ދުވަހެއް ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

ޝިޔާމް ހާމަކުރެއްވި ގޮތުގައި ނައިފަރުގެ މަސްވެރިންވަނީ ރައީސުލްޖުމްހޫރިއްޔާ އެރަށަށް ވަޑައިގެންނެވުމުން އެމަނިކުފާނާ ބައްދަލުކުރައްވައި މަސްވެރިންގެ އެދުންތައް ހާމަކޮށްފައެވެ. އެގޮތުން ލުއިގޮތަކަށް ފެލިވަރުން އައިސް ހޯދާ ދިނުމަށާއި، ސްލިޕްވޭއެއް އެޅުމާއި، އިންޖީނު ރިޕެއާ ސިސްޓެމެއް ގާއިމް ކުރުމާއި، ފާދިއްޕޮޅުގައި ޑައިވްކޮށްގެން އެން ހިފުން މަނާކުރުމާއި، ލޭނު އަޅައިގެން މަސްބޭނުމާއި ދާ އަޅައިގެން މަސް ބޭނުން ރާއްޖޭގައި މަނާކުރުން ހިމެނެއެވެ.

Comment