އަހަރަމެންގެ ދިރިއުޅުމުގައި މުހިންމުކަން ދޭންވީ ވަގުތަށް ހެއްޔެވެ؟ ނުވަތަ ފައިސާއަށް ހެއްޔެވެ؟ ބައެއް ފަރާތްތަކަށް، ފައިސާއަށް ވުރެ ވަގުތު މުހިންމުވާއިރު، އަނެއްބަޔަކަށް އެންމެ މުހިންމުވަނީ ފައިސާއެވެ. ބައެއްފަރާތްތަކުން ވަކާލާތު ކުރާގޮތުގައި ވަގުތާއި، ފައިސާ އަކީ ދިރިއުޅުމުގައި އެއްވަރަކަށް މުހިންމު ދެ އެއްޗެވެ. ވަގުތަކީ ފައިސާ ކަމުގައި ދެކޭ މީހުންވެސް ކޮންމެވެސް މިންވަރަކަށް އުޅެއެވެ.
ކޮންމެ ގޮތެއް ވިޔަސް އެނގެން އޮތް ހަޤީޤަތަކީ، ވަގުތުވެސް، ފައިސާވެސް އެއީ އަޅުގަނޑުމެންގެ ދިރިއުޅުމުގައި ވަރަށް މުހިންމު އެއަށް ވަރަށް ބޮޑު އަހައްމިއްޔަތެއް ގިނަބަޔަކު ދޭކަމެވެ. ފައިސާއަކީވެސް، ވަގުތަކީވެސް ދިރިއުޅުމަށް އެހާމެ ބޭނުންތެރި އެއްޗެކެވެ. ނަމަވެސް ވަގުތު ނުވަތަ ފައިސާ ގެތެރެއިން ކޮންމެވެސް އެކަތި އިސްކުރަން ޖެހިއްޖެނަމަ އިޚްތިޔާރު ކުރާނީ ކޮން އެއްޗެއް ހެއްޔެވެ؟
ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި، ހުސް ވަގުތު ހޯދުމަށް ފައިސާ ޚަރަދު ކުރާ ގިނަމީހުންނަކީ ނިސްބަތުން އުފާވެރި ދިރިއުޅުމެއް އުޅޭ ބަޔެކެވެ. އެމެރިކާ، ކެނެޑާ، އަދި ނެދަރލޭންޑްސްގެ 6000 މީހުންނަށް އަމާޒުކޮށްގެން ކުރެވުނު ސާވޭގެ ނަތީއްޖާ ދައްކާގޮތުން، ހުސްވަގުތު ހޯދުމަށް ފައިސާ ޚަރަދުކުރާ މީހުންގެ ދިރިއުޅުމުގައި ހިންހަމަޖެހުމާއި އުފާވެރިކަން އިތުރުވެފައި ވެއެވެ.
މިދިރާސާކުރުމަށް، ކުރެވުނު ސާރވޭގައި، ދިރިއުޅުމުގައި ހިންހަމަޖެހުން ހޯދަން ކުރާ ކަންތައްތައްތަކާއި، ހުސްވަގުތު ހޯދުމަށް ފައިސާ ޚަރަދު ކުރާ މިންވަރު ބެލުނެވެ. މިގޮތުން މިދިރާސާގެ ހޯދުންތަކުން އެނގިގެން ދިޔައީ، މިދިރާސާގެ ބައިވެރިވި މަދު އިންސައްތައެއްގެ މީހުން، ހުސްވަގުތު ހޯދުމަށް ފައިސާ ޚަރަދު ކުރާކަމެވެ. އަދި ފައިސާ ޚަރަދުކޮށްގެން ހުސްވަގުތު ހޯދާ ފަރާތްތަކުގެ ދިރިއުޅުން އުފާވެރިވެފައި ހިތްހަމަޖެހުން ބޮޑު ކަމުގައެވެ.
ފައިސާގެ މުހިންމުކަން
ފައިސާއަކީ އެއާއި ނުލައި ދިރިއުޅުމުގެ ޒަރޫރީ ބޭނުންތަށްވެސް ނުފުދޭ އެއްޗެކެވެ. ފައިސާ އަކީ އެއާއި ނުލައި ދިރިނުއުޅެވޭނެހާ މުހިންމު އެއްޗެކެވެ. ފައިސާ އަތުގައި ހުރުމުން ނުވާނެ އެއްވެސް ކަމެއް ނޯންނާނެކަމަށް ގިނަ ބަޔަކު ދެކެއެވެ. ފައިސާއަކީ ކިތަންމެ ގިނައިން ލިބުނު ކަމުގައި ވިޔަސް، އެ ހޯދަން މަސައްކަތް ކުރާ މީހަކު ހިތް ނުފުރޭނެ އެއްޗެކެވެ. ބައެއް ފަރާތްތަކުން ފައިސާއަކީ މުޅި ދިރިއުޅުން ކަމުގައި ދެކެއެވެ. އެކައުންޓުގައި ހުންނަ ފައިސާ ވަކި އަދަދަކަށް މަދުވުމުން، ހަމަ ނިދި ނުދިދޭ މީހުންވެސް މަދެއް ނޫނެވެ. އެކި މީހުންނަށް ފައިސާ މުހިންމު ވަނީ އެކި މިންވަރަށެވެ. ނަމަވެސް އެނގޭ ހަޤީޤަތަކީ ފައިސާ މުހިންމު ނޫން މީހަކު ވަރަށް މަދުން ނޫނީ ނުހުންނާނެކަމެވެ.
ވަގުތުގެ މުހިންމުކަން
އަހަރަމެންގެ ދިރިއުޅުމުގައި ވަގުތު މުހިންމުވާ ތަފާތު ސަބަބުތައް އެކުލެވެއެވެ. ވަގުތަކީ އަހަރަމެންނަށް އެއަށް އެއްވެސް ބާރެއް ނުފޯރުވޭ އެއްޗެކެވެ. ވަގުތެއް ހިނގައި ދިޔުމަށްފަހު އެވަގުތެއް އަލުން އަނބުރާ އިއާދަ ނުކުރެވެއެވެ. ވެދިޔަތަނެއް އަލަކުން އިއާދައެއް ނުކުރެވެއެވެ. ވަގުތަކީ މީހެއްގެ އަޅެއް ނޫނެވެ. އަހަރަމެން އިންސާނުން، އުމުރުން ދުވަސްވެ މުސްކުޅި އުމުރާއި ކުރިމަތިލުމުން، ކިތަންމެ ވަރަކަށް ބޭނުން ވިޔަސް ޒުވާން އުމުރު އަލުން އިއާދައެއް ނުކުރެވޭނެއެވެ. އަދި ހަމަ މިބީދައިން، ގެއްލިއްޖެ އިތުބާރެއް، ލޯތްބެއް އަނބުރާ ނުލިބޭނެކަމަށް މީހުން ބުނަނީ އެވަގުތު އަލުން އިއާދަ ނުކުރެވޭނެތީއެވެ. ދިރިއުޅުމުގައި ހުރިހާކަމަކީ ފައިސާކަމަށް ދެކި، ހިތްހަމަ ޖެހުމާއި، އުފާ، ލޯބި ނަގާލާ، ހުރިހާ ވަގުތެއް ފައިސާ ހޯދުމަށް ހޭދަކުރާ މީހުންނަށް އެގެއްލެނީ ވަރަށް މުހިންމު ވަގުތެއް ކަން ނޭނގެނީއެވެ. އެއްވެސް އުފަލެއް، އަރާމެއް، ހިންހަމަޖެހުމެއް އަދި ލޯތްބެއް އެކުލެވިގެން ނުވާ ފައިސާއެއްގެ ހުރީ ކޮން އަގެއް ހެއްޔެވެ؟
ފައިސާއަކީ، އަބަދުވެސް އަހަރަމެންގެ ދިރިއުޅުމަށް އައިސް، ގޮސް ހަދާ އެއްޗެކެވެ. ފައިސާ އަތުގައި ނެތް ވަގުތެއް އައި ނަމަވެސް، ހިތްވަރާއެކު މަސައްކަތް ކުރުމުން، ފައިސާ ލިބެއެވެ. އަބަދުވެސް އެކައުންޓުގައި ހުންނަ ފައިސާގެ އަދަދު އަހަރަމެންނަށް ގުނައި ބަލައި ހިސާބު ހެދެއެވެ. ނަމަވެސް ވަގުތަކީ މިއާއި އިދިކޮޅު އެއްޗެކެވެ. ގެއްލިއްޖެ ވަގުތަކީ އަނބުރާ ލިބޭނެ އެއްޗެއް ނޫނެވެ. ވަގުތަކީ އަހަރަމެން އެއަށް ސަމާލުކަން ނުދީފިނަމަ، އަލުން އަނބުރާ ރުޖޫޢަ ވުމެއް ނެތް އެއްޗެކެވެ. އަދި އެއްވެސް އިންސާނަކަށް އެމީހެއްގެ ދިރިއުޅުމުގައި ބާކީ އޮތީ ކިހާ މިންވަރެއްގެ ވަގުތެއް ކަން ނޭނގެއެވެ.
މަރު އައިސް އަހަރަމެންނާއި ބައްދަލުކުރާނެ ވަގުތު އެނގޭ އެއްވެސް އިންސާނެއް ނެތެވެ. ދިރިއުޅުމުގެ ބާކީ ހުރި ވަގުތުގެ ބެލެންސް، އެކައުންޓް ބެލެންސް ބަލާލެވޭ ފަދައިން ނޭނގެއެވެ. ފައިސާއަކީ، ބިލާހެކެވެ. ފައިސާ ހޯދުމަށް ދުނިޔޭގެ ހުރިހާ އުފާތަކުން މަޙުރޫމުވެގެން ނުދާށެވެ. އާއިލާއަށް ވަގުތު ހޯދައި، އުފާވެރި ދިރިއުޅުމަކަށް ވަގުތު ހޯދާށެވެ.
ދުނިޔެވީ ޙަޔާތާއި އެއްފަދައިން އުޚުރަވީ ހަޔާތް ބާއްޖަވެރި ކުރުމަށް މަސައްކަތް ކުރާށެވެ. ބުއްދިވެރިންނަކީ، ހެޔޮ ޢަމަލުތައް ގިނަކޮށް ވަގުތު ބޭނުން ހިފައި އުޅޭ މީހުންނެވެ. ފަހަރެއްގައިވެސް، ފައިސާއަކީ މުޅި ދިރިއުޅުން ކަމުގައި ދެކިގެން އުޅޭ މީހުންނެއް ނޫނެވެ.