ގދ.ތިނަދޫ އިން ސްކޫލު ދަރިވަރަކު ކޮވިޑް19 އަށް ފައްސިވެއްޖެއެވެ.
“ހުވަދޫ ނިއުސް” އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑް19 އަށް ފައްސިވި ދަރިވަރަކީ، ތިނަދޫގައި ހުންނަ ގދ.އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރެކެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ އުސޫލު ބުނާގޮތުން ދަރިވަރަކުން ފައްސިވެއްޖެ ނަމަ އެ ކުލާހެއް ފަސް ދުވަހުގެ މުއްދަތައް، ކަރަންޓީނުވާން ޖެހެއެވެ. އަދި ފަސް ދުވަސް ފަހުން ނައްސި ސާމްޕަލާއި އެކު ދަރިވަރުން ސްކޫލަށް އާދެވޭނެ ކަމަށް އެ އުސޫލުގައި ބުނެފައިވެއެވެ.
އެ ދަރިވަރު ކޮވިޑް19 އަށް ފައްސިވެފައިވިކަން އެނގިފައިވަނީ މިމަހު 25 ވަނަ ދުވަހު ނެގި ކޮވިޑް ޓެސްޓުގެ ނަތީއްޖާއިންނެވެ.
އެންމެ ފަހުން ތިނަދޫއިން ކޮވިޑަށް މީހަކު ފައްސިވެފައިވަނީ އިއްޔެއެވެ. ތިނަދޫއިން ޖުމްލަ 995 މީހަކު ކޮވިޑަށް ފައްސިވެފައިވާ އިރު މިވަގުތު އެކްޓިވް ކޭސްގެ އަދަދަކީ 02 އެވެ.