މިދިޔަމަހު 30 ވަނަ ދުވަހު ރައްޔިތުންގެ މަޖުލީހަށް ހުށަހަޅާފައިވާ ހެއްކާއިބެހޭ ބިލުގައި ހިމަނާފައިވާ ނޫސްވެރިން ލިޔާ ޚަބަރުތަކުގެ މަސްދަރު ހާމަކުރުމަށް މަޖުބޫރުކުރާ މާއްދާ އުވާލުމަށް ގޮވާލާ އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)، މޯލްޑިވްސް އެޑިޓާސް ގިލްޑް، ޓްރާންސްޕޭރަންސީ މޯލްޑިވްސް އަދި އެމްނެސްޓީ އިންޓަނޭޝަނަލުން ގޮވާލައިފިއެވެ.
މިޖަމިއްޔާތަކުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ހެއްކާއިބެހޭ ބިލުގައި އެމާއްދާ ހިމަނާފައިވުމުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަނެވޭނެ ކަމަށާއި ކޯޓަށް ފެނިއްޖެ ހާލަތެއްގައި ނޫސްވެރިން ލިޔާ ޚަބަރުތަކަށް މައުލޫމާތު ހޯދުމަށް ބޭނުންކުރާ މަސްދަރުތައް ހާމަކުރުމަށް މަޖުބޫރުކުރެވިގެން ނުވާނެކަމަށެވެ.
މިބިލުގެ 136 ވަނަ މާއްދާގެ (ހ) ގައި ގާނޫނު އަސާސީގެ 28 ވަނަ މާއްދާއިން ނޫސްވެރިންނަށް ލިބޭ މަސްދަރު ހިމާޔަތްކުރުމުގެ ހައްގު ކަށަވަރުކޮށްދިން ނަމަވެސް މި މާއްދާގެ (ށ) ގައި ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރުކުރެވިދާނެ ދެ ހާލަތެއް ވަނީ ބަޔާންކޮށްފައެވެ. މި ދެ ހާލަތުގައި ކޯޓަކަށް ފެނިއްޖެ ހިނދެއްގައި ނޫސްވެރިއެއް ބޭނުންކުރި މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭނެއެވެ.
މިބަޔާނުގައި ހާމަކޮށްފައިވާގޮތުން ގާނޫނު އަސާސީގެ 28 ވަނަ މާއްދާގައި ޝާއިއުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މައުލޫމާތެއްގެ މަސްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެން ނުވާނެ ކަމަށް އަންގާފައިވެއެވެ. އެހެންކަމުން މިމާއްދާ އުނިނުކޮށް ބިލް ފާސްކޮށްފިނަމަ ޤާނޫނު އަސާސީގެ 28 ވަނަ މާއްދާއަށް ފުށުއަރާނެކަމަށް އެބަޔާނުގައި ބުނެފައިވެއެވެ. މީގެ އިތުރުން މަސްދަރު ހާމަކުރުމަށް ނޫސްވެރިންނަށް މަޖުބޫރުކުރުމަކީ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ (އިންޓަނޭޝަނަލް ކޮވަނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް) ގެ 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަށް ވެސް ހުރަސްއެޅިގެންދާނެ ކަމެއް ކަން ހާމަކޮށްފައިވެއެވެ.
"މިބިލު އޮތް ގޮތަށް ގާނޫނަކަށް ވެއްޖެ ނަމަ، ކޯޓުގައި މަސްދަރު ހާމަކޮށްފާނެ ކަމުގެ ބިރަށް ނޫސްވެރިން ބޭނުންކުރާ މަސްދަރުތަކުގެ ފަރާތުން މައުލޫމާތު ނުދިނުން ފަދަ މައްސަލަތައް ދިމާވެ، ނޫސްވެރިންގެ މަސައްކަތަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެ ކަމާ މެދު ޝައްކެއް ނެތެވެ." pic.twitter.com/d6wKjqxjx0
— Maldives Journalist Association (@mjamaldives) September 28, 2021
ނަތީޖާއެއްގެ ގޮތުން މައުލޫމާތު ދޭ މަސްދަރުތަކުން ނޫސްވެރިންނަށް މައުލޫމާތުދިނުމުގައި ފަސްޖެހި ނޫސްވެރިންނަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭނެއެވެ. މިބިލާއި ގުޅޭގޮތުން ނޫސްވެރިންނާއި މީޑިޔާތަކުން ދަނީ ކަންބޮޑުވުން ފާޅުކޮށް ހެއްކާއި ބެހޭ ބިލުން އެމާއްދާ އުވާލުމަށް ގޮވާލާފައެވެ.