ޚަބަރު
އާސަންދަ އަކީ “ޣައިރު ދުސްތޫރީ” ކަމެއް: ޖާބިރު

ހިލޭ ބޭސްފަރުވާ ދެވޭ ގޮތަށް ގާއިމްކޮށްފައިވާ އާސަންދަ ނިޒާމަކީ “ޣައިރު ދުސްތޫރީ ނިޒާމެއް” ކަމަށް ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

މެމްބަރ ޖާބިރު މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލް ޣަނީ އަބްދުލް ހަކީމް ހުށަހެޅުއްވި އަމިއްލަ ފަރުދުންގެ ވިޔަފާރިގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ޖާބިިރު ވިދާޅުވީ، ހުރިހާ ޚިދުމަތެއް ހިލޭ ލިބޭ ގޮތަށް ހެދުމުން ދިވެހިން މާ ބޮޑަށް މުއްސަނދިވީ ކަމަށާއި، އާސަންދަ ހުއްޓާލަން ޖެހޭ ކަމަށްވެސް ޖާބިރު ވަނީ ވިދާޅުވެފައެވެ. އަދި އާސަންދަގެ ޚިދުމަތް ހުއްޓާލުމަށް ފަހު ދިވެހިން މަސައްކަތު ނުކުތުމަށް ޖާބިރު ވަނީ ގޮވާލާފައެވެ.

ޖާބިރު ވިދާޅުވީ ދިވެހި ވިޔަފާވެރިންނަށް ފުރުސަތެއް ނެތް ކަމަށެވެ. އެމެރިކާއިން މިސާލު ނަންގަވައި ޖާބިރު ވިދާޅުވީ އެ ގައުމުގެ ބޮޑެތި ވިޔަފާރިވެރިންނަކީ ސިޔާސީ ބޭފުޅުން ނޫން ކަމަށެވެ.

އާސަންދަ ނިޒާމަކީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ދިވެހި ރާއްޖެއަށް ތަޢާރަފް ކޮށްދިން ޚިދުމަތެކެވެ. އާސަންދަ ނިޒާމުގެ ބޭނުމަކީ، ބޭސް ސިޓީއަށް ސަލާން ޖެހުން ހުއްޓުވުމަށް އެއިރުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.