ޚަބަރު
ނޫސްވެރިކަމުގެ މިނިވަންކަމަކީ ރާއްޖެއިން އިސްކަންދޭން ޖެހޭ ކަމެއް – ނަޝީދު

ނޫސްވެރިކަމުގެ މިނިވަން ކަމަކީ ރާއްޖޭގައި އެންމެ ބޮޑަށް އިސްކަން ދޭން ޖެހޭ ކަމެއް ކަމުގައި ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާ ބެހޭ ބިލުގައި ނޫސްވެރިން ބޭނުންކުރާ މަސްދަރުތައް ހާމަކުރުމަށް ކޯޓުތަކަށް މަޖުބޫރުކުރެވޭ ގޮތަށް އޮތް މާއްދާއާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
އެގޮތުން ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާގައިވާ ގޮތުން ބައެއް ހާލަތްތަކުގައި ކޯޓުން ކަނޑައަޅައިފިނަަމަ ނޫސްވެރިން އާންމުކުރާ ހަބަރުތަކުގެ މަސްދަރު ހާމަކުރަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ. އެ މާއްދާގެ (ހ) ގައި ނޫސްވެރިންނަށް ލިބޭ މަސްދަރު ހިމާޔަތްކުރުމުގެ ހައްގު ކަށަވަރުކޮށްދިން ނަމަވެސް އެ މާއްދާގެ (ށ) ގައި ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރުކުރެވިދާނެ ދެ ހާލަތެއް ބަޔާންކޮށްފައިވެއެވެ.
ނަޝީދު ވިދާޅުވީ، ހެއްކާ ބެހޭ ބިލުގައި މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް ހިމަނާފައިވަނީ އޮސްޓްރޭލިއާގައި އަމަލުކުރާ އުސޫލަށް ރިއާޔަތްކޮށްފައި ކަމަށެވެ. ނަމަަވެސް އެ މާއްދާ އިސްލާހު ކުރެވިދާނެ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ދެކެވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، މަސްދަރުގެ މައްސަލައިގައި ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނުގައި ބުނީ ސަރުކާރުން ހުށަހެޅި ގޮތަށް ހެއްކާ ބިލު ފާސްވެ ގާނޫނަކަށް ވެއްޖެނަމަ އެކަމުގެ ސަބަބުން ނޫސްވެރިން ބޭނުންކުރާ މަސްދަރުތައް ގެއްލި، ކޯޓުގައި މަސްދަރު ހާމަކޮށްފާނެ ކަމުގެ ބިރަށް މަސްދަރުތަކުގެ ފަރާތުން މައުލޫމާތު ނުދިނުން ފަދަ މައްސަލަތައް ދިމާވެދާނެ ކަމަށެވެ.
ސަރުކާރުން ހުށަހަޅާފައިވާ ހެއްކާ ބެހޭ މަޖިލީހަށް ހުށަހަޅާފައި ވަނީ، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީއެވެ. އަދި މުޣުނީ ހުށަހަޅުއްވާފައިވާ ބިލުގައި ބޭނުމެއް ކަމަށް ބުނެފައިވަނީ 1976 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ ހެއްކާބެހޭ ގާނޫނަކީ ޒަމާނާ ނުބައްދަލު ގާނޫނެއް ކަމަށްވާތީ، އޭގެ ބަދަލުގައި ހަރުދަނާ އުސޫލުތަކެއްގެ މައްޗަށް ބިނާކޮށް، ހެއްކާބެހޭ ތަފްސީލީ ގާނޫނީ އޮނިގަނޑެއް ތައާރަފްކުރުން ކަމަށެވެ.
Comment