ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝިފާއުއަށް ތުހުމަތުކުރެވޭ 1 މިލިއަން ރުފިޔާގެ ޚިޔާނާތުގެ މައްސަލާގައި އޭނަގެ މައްޗަށް ދަޢުޗާކުރުމަށޢް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް އޭސީސީން މިއަދު ފޮނުވައިފިއެވެ.
މި މައްސަލާގައި، ދަޢުވާކުރުމަށްޓަކައި ފޮނުވާފައިވަނީ، ވެމްކޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ޝިފާޢު (ހުވަދޫގެ / ގދ.ތިނަދޫ) ގެ މައްޗަށްކަމަށް އޭސީސީން ބުންޏެވެ. އޭނާގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވާފައިވަނީ ދިވެހި ރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާކަމަށްވެސް އޭސީސީން ބުންޏެވެ.
މީގެ އިތުރުން އޭސީސީން ބުނީ، ޝިފާޢުގެ މައްޗަށް ދައުވާކުރަނީ، އެކުންފުނީގައި ބޭނުންކުރަމުންދާ “ވެށިފާރަ” ސޮފްޓްވެއަރ އަކީ އިޢުލާނު ކުރުމެއް ނެތި އެއިރު އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރގެ މަގާމުގައި ހުރި ޝިފާޢު ބޭނުންވާ ލޯކަލް ސޮފްޓްވެއަރ ޑިވެލޮޕަރއަކާ ޙަވާލުކޮށްގެން 1,000,000 (އެއްމިލިއަން ރުފިޔާ) އަށް ޙަވާލުކޮށްގެން ޑިވެލޮޕްކޮށްފައިވާ ސޮފްޓްވެއަރއެއް ކަމަށް ބުނާ މައްސަލާގައިކަމަށެވެ.
މި މައްސަލާގައި އޭސީސީގެ ތަޙުޤީޤުން ފާހަގަކޮށްފައިވާ ކަންކަމިުގެ ތެރޭގައި، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އަށް ކަސްޓަމަރ ރިލޭޝަންޝިޕް މެނޭޖްމަންޓް ސިސްޓަމެއް (ވެށިފާރަ ސޮފްޓްވެއަރ) ހޯދުމުގެ މަސައްކަތް ވެމްކޯއިން ޙަވާލުކޮށްފައިވަނީ އިޢުލާން ނުކޮށް، އިމަޖެންސީ މަސައްކަތެއްގެ ގޮތުގައި ނޮނި ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑާކަން ފާހަގަކުރެވޭކަމަށް އޭސީސީން ބުންޏެވެ.
އޭސީސީން ބުނީ، ވެށިފާރަ ސޮފްޓްވެއަރ ޑިވެލޮޕްކުރުމަށް 11 ޖޫން 2017 ގައި ވެމްކޯއިން ނޮނި ސޮލިއުޝަންއާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ފަހުން، ވެމްކޯގެ ޕްރޮކިއުމަންޓް އުޞޫލާ ޚިލާފަށް، އިޢުލާނުކުރުމެއްނެތި ނޮނި ސޮލިއުޝަނުން ވެމްކޯއަށް މުދާ/ޚިދުމަތް ހޯދާފައިވާކަން ފާހަގަކުރެވޭއިރު، އެ މުދާ/ޚިދުމަތަކީ އާންމުކޮށް އިއުލާންކޮށްގެން އެފަދަ މުދާ/ހިދުމަތް ފޯރުކޮށްދޭ ކޮންމެ ބައެއްގެ އަތުންވެސް ހޯދޭނެ މުދާ/ހިދުމަތް ކަން ތަޙްޤީޤަށް ފާހަގަކުރެވިފައިވާކަމަށެވެ. އަދި، ވެށިފާރަ ސޮފްޓްވެއަރ އަށް ގެނެސްފައިވާ އިސްލާހުތަކާއި، އޭގެ ފަހުން ވެމްކޯއަށް މުދާ/ހިދުމަތް ހޯދުމަށް ނޮނި ސޮލިއުޝަންއާއެކު ސޮއިކޮށްފައިވާ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ވެމްކޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝިފާޢުކަމަށްވެސް އޭސީސީން ބުންޏެވެ.
އޭގެއިތުރުން، ވެށިފާރަ ސޮފްޓްވެއަރ ޑިވެލޮޕް ކުރުމަށް ވެމްކޯއިން ނޮނި ސޮލިއުޝަންއާ ހަވާލުކުރުމާ ހަމައިން ފެށިގެން ނޮނި ސޮލިއުޝަންގެ އޯނަރގެ އެކައުންޓުން މުޙައްމަދު ޝިފާޢުގެ އެކަންޓަށް އެކި ދުވަސްމަތިން ފައިސާ ޓްރާންސްފަރ ކޮށްފައިވާކަން ތަޙްޤީޤުން އެނގޭކަމަށްވެސް އޭސީސީން ބުންޏެވެ.
އެހެންކަމުން، މި މައްސަލައިގައި ވެމްކޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝިފާޢު ރަސްމީ ޙައިޞިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން އޭނާ ނޮނި ސޮލިއުޝަންގެ އޯނަރއާ ދެމެދު އޮތް ގާތްގުޅުމުގެ ތެރެއިން ނޮނި ސޮލިއުޝަންގެ އޯނަރއަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާކަމާއި، މި މައްސަލައިގައި ޝިފާޢު ނާޖާއިޒު ފައިދާ ހޯދާފައިވާކަން ތަޙްޤީޤަށް ސާބިތާކަމަށްވެސް އޭސީސީން ބުންޏެވެ.