ޚަބަރު
ގެވެށި ގުޅުން ނަމުގައި ތިނަދޫގައި ވޯރކްޝޮޕެއް ހިންގައިފި

ގެވެށި އަނިޔާއަށް މުޖުތަމައު ހޭލުންތެރިކުރުވުމުގެ ގޮތުން ގދ.ތިނަދޫގައި ވޯކްޝޮޕެއް ބާއްވައިފިއެވެ.

ޖެންޑާރ މިނިސްޓްރީން އިސްނަގައިގެން މިމަހު 15 ވަނަ ދުވަހު ފަށާފައިވާ “ގެވެށި ގުޅުން” ވޯރކްޝޮޕްގެ މައިގަނޑު މަޤްސަދަކީ ގެވެށި އަނިޔާ ހުއްޓުވުމާއި އެފަދަ އަމަލުތަކަށް އަހުލުވެރިކުރުވައި މިމުޖުތަމައު ހޭލުންތެރިކުރުވުމެވެ.

އިއްޔެ ތިނަދޫގައި ބޭއްވި ހަރަކާތަކީ “ގެވެށި ގުޅުން” ޤައުމީ ކެމްޕެއިން ތެރެއިން ގެވެށި އަނިޔާ ހުއްޓުވުމަށް ޖެންޑާ މިނިސްޓްރީއާއެކު މަސައްކަތްކުރަން ތިބި މުވައްސަސާތަކާއެކު ބޭއްވުނު ވޯރކްޝޮޕެކެވެ. އެގޮތުން އަތޮޅު ކައުންސިލް، ތިނަދޫ ކައުންސިލް، ފުލުހުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ، ހޮސްޕިޓަލްގެ އިތުރުން ސްކޫލްތަކުގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

މިވޯރކްޝޮޕްގައި ރާއްޖޭގެ ގެވެށި އަނިޔާގެ ހާލަތު ހުރިވަރާއި، ގެވެށި އަނިޔާގެ ޝިކާރަޔަކަށް ވެފައިވާ މީހުންނަށް ސޭފްޓީ ނެޓެއް ހެދުމުގެ މުހިންމުކަން އަދި މިފަދަ އަނިޔާތައް ހުއްޓުވުމަށް ޤާނޫނީ ގޮތުން އެޅިދާނެ ފިޔަވަޅުތަކާއި ބެހޭގޮތުން ބައިވެރިންނަށް މައުލޫމާތު ފޯރުކޮށްދެވުނެވެ.

އިއްޔެ ނިމިގެންދިޔަ މިވޯރކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ބޭއްވުނީ އެމްއެންޔޫ ތިނަދޫ ކެމްޕަސްގެ އޮޑިޓޯރިއަމް ހޯލުގައި އެވެ. މިރަސްމިއްޔާތުގައި ޖެންޑާރ މިނިސްޓްރީގެ ނައިބު އަދި ސްޓޭޓް މިނިސްޓަރ ޒިފްލީނާ ހަސަންއާއި މިނިސްޓްރީގެ މުވައްޒަފުން ބައިވެރިވެ ވަޑައިގަތެވެ. ބައިވެރިންނަށް ހަދާނީ ލިޔުން ހަވާލުކޮށްދެއްވީ މިރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު ގދ.އަތޮޅު ކައުންސިލްގެ ރައީސް ފައިހަތު ގުދުރަތުﷲއެވެ.

 

 

Comment