ޚަބަރު
އަންހެނަކަށް އަނިޔާކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

މާލޭގެ ގެއެއްގެ ތެރޭ އަންހެނަކަށް ބޮޑެތި އަނިޔާތަކެއް ކުރި މައްސަލައެއްގައި ދިވެހި ފިރިހެނަކު ރޭ ހައްޔަރުކޮށްފިއެވެ.

އޮންލައިން ނޫސް “ދިޔަރެސް” ގައި މަންޒަރުދުއް މީހުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި ރޭ ދަންވަރު މއ. ކުރެދިވަރުގެ ތިންވަނަ ފަންގިފިލާގައި އަންހެނަކަށް އަނިޔާކުރާ އަޑު އެސަރަހައްދުގައި މަގުމަތިން ދިޔަ ބަޔަކަށް އަޑުއިވިފައިވާ ކަމަށާއި، އަނިޔާކުރާ އަޑު އިވިގެން ބެލިއިރު ފެނުނީ ގޭގެ ބެލްކަނީގައި ހުރި ބިއްލޫރި ދޮރަކާއި ދިމާލަށް އަންހެން މީހާ ކޮށްޕައިލުމުން ގޮސް ދޮރުގައި އަންހެން މީހާޖެހި އެދޮރު ފުނޑުފުނޑުވި ކަމަށެވެ.

އަދި އޭގެ ފަހުންވެސް އަންހެން މީހާއަށް އަނިޔާކުރާ އަޑު އިވިފައިވާ ކަމަށާއި، އަޑުގަދަ ވެގެން އެކަން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އެގޭގެ އެހެން ފަންގިފިލާއެއްގައި ދިރިއުޅޭ ބަޔަކަށް ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ފުލުހުން އެގެއަށް ގޮސް އަންހެން މީހާ ނެރުނީ ސްޓްރެޗާއެއްގައެވެ. އޭރު އަންހެން މީހާ ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށް ވެއެވެ.

އަންހެން މީހާ ހޮސްޕިޓަލަށް ގެންގޮސް، ފިރިމީހާ ހައްޔަރު ކޮށްފައި ވީނަމަވެސް އަދި މިމައްސަލަ އާއި ގުޅިގެން ފުލުހުންގެ ބަހެއް ނުލިބެއެވެ. މިހާދިސާ ހިނގީ ރޭ މެންދަމު 03:30 ކަންހާއިރުއެވެ.

މިމައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ މެދުއުމުރުގެ ފިރިހެނެކެވެ.