ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ބަލަހައްޓަމުން އަންނަ ފިޔަވަތީގައި ތިބޭ ކުދިންނަށް އެއިމާރާތުގެ ފުރާޅަށް ނޭރެގޮތަށް އިމާރާތަށް ބަދަލު ގެނެސްފިއެވެ.
މިމަހުގެ 17 ވަނަ ދުވަހުގެ ރޭ ފިޔަވަތީގައި ތިބި ކުދިންތަކެއް ފުރާޅަށް އަރައި އަދި އިތުރު ހަމަނުޖެހުންތަކެއް ހިންގުމުން ޖެންޑާ މިނިސްޓްރީއަށް ވަނީ ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެފައެވެ. ކުދިން ފުރާޅަށް އަރައި ހަމަނުޖެހުން ހިންގަން ފެށުމުން އެކަމާ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރުމުން، ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވަނީ، ކުދިން ފުރާޅަށް އެރުމަކީ މައްސަލައެއް ނޫންކަމަށް ވިދާޅުވެފައެވެ.
ފިޔަވަތީގައި ހިނގި ހާދިސާއަށް ފަހު ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާއި ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ވަނީ ރިޕޯޓްތަކެއް ތައްޔާރުކޮށްފައެވެ.
އެ ރިޕޯޓުތަކުން ފިޔަވަތީގައި ނިޒާމީ ބޮޑެތި މައްސަލަތައް ހުރިކަން ވަނީ ހާމަވެފައިވާއިރު، ކުދިންގެ ރައްކާތެރިކަމަށް ވަގުތުން ވަގުތަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީން ޖެންޑާ މިނިސްޓްރީއަށް ވަނީ އަންގާފައެވެ.
ރިޕޯޓްގައި ވަގުތުން ހައްލު ކުރަން އަންގާފައިވާ ކަންކަމުގެ ތެރޭގައި ބަލަހައްޓަން ތިބި މީހުންނަށް ވުރެ ކުދިން ގިނަވުމާއި ރީއިންޓިގްރޭޝަން މަރުހަލާ (އާއިލާތަކާ ހަވާލުކުރުން) އަވަސް ކުރުމަށާއި ސައިކޮލަޖިކަލް ސަޕޯޓު ކުދިންނަށް ދިނުމަށާއި ކުދިންނަށް ފުރާޅަށް ނޭރޭގޮތް ހެދުމުގެ އިތުރުން އެ ތަނުގައި ހުރި އަލިފާން ނިއްވާ ފުޅި މުއްދަތު ހަމަވެފައި ހުރުމުން ބަދަލު ކުރުމަށްވެސް ވަނީ އަންގާފަ އެވެ.
ފިޔަވައްޗަކީ އުމުރުން 13 އަހަރުން ދަށުގެ ކުދިންނަށް ހާއްސަ ކޮށްފައިވާ ތަނެއް ނަމަވެސް އެއަށްވުރެ ދޮށީ ކުދިން އެތަނުގައި ތިބޭ މައްސަލަ ވެސް އިދާރާތަކުން ވަނީ ފާހަގަކޮށްފައެވެ. ޖެންޑާ މިނިސްޓްރީން މިހާރު ވަނީ ދޮށީ އުމުރުގެ ކުދިން އަތޮޅުތެރޭގެ އަމާން ވެށިތަކަށް ބަދަލު ކުރުމުގެ މަސައްކަތް ފަށާފައެވެ.