އައިއެސް ޖަމާއަތާއި ގުޅުން އޮންނަ ކަމަށްބުނާ މުހައްމަދު އަމީން މިނިވަންކުރުމަށް ހައިކޯޓުން ކުރި ހުކުމްގެ އިސްތިއުނާފީ ޝަރީއަތް މިއަދު ކުރިޔަށް ގެންދެވޭގޮތެއްނުވެގެން އަޑުއެހުން ވަނީ ނިންމާލާފައެވެ.
މިއަޑުއެހުން ކުރިޔަށް ނުގެންދެވިގެން މެދުކަނޑާލަން ޖެހުނީ އަމީންގެ ވަކީލަކަށް އަހުމަދު ވިޝާން އައްޔަންކޮށް ކޯޓަށް ހުށަހެޅި ލިޔުމުގައި އޭނަގެ ސޮއި އަދި އިގިލީގެ ނިޝާންވެސް ނެތުމުންނެވެ.
އަމީންގެ ސިއްޚީ ހާލަތު ރަނގަޅު ނޫންކަމަށް ބުނެ އަމީން ވަނީ ކޯޓަށް މެޑިކަލް ސެޓްފިކެޓެއް ހުށަހަޅާފައެވެ. އެހެންނަމަވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވީ ދިމާވެފައިވާ ސިއްޚީ މައްސަލަ އިތުރަށް އެގޭނެހެން ބަޔާންކޮށް ކޯޓަށް ހުށަހެޅުމަށާއި ދިމާވެފައިވާ ސިއްހީ މައްސަލައަކީ މަގުބޫލު މައްސަލައެއްކަން އެނގޭނީ ލިޔުންތައް ބެލުމަށްފަހު ކަމަށެވެ.
ސްޕްރީމްކޯޓުގައި ބޭއްވުނު މިއަޑުއެހުގައި މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު މުއްތަސިމް އަދުނާން ވިދާޅުވި ގޮތުގައި މައްސަލައިގެ ބާވަތުން ވަކީލަކާއި ނުލާ މިމައްސަލަ ކުރިޔަށް ނުގެންދެވޭނެއެވެ. އެހެންކަމުން މިމައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ތާވަލްކުރައްވާނެކަމަށް އުއްތަމަ ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ.
މި މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު އަޙުމަދު މުއުތަސިމް އަދުނާން، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު، އަދި ފަނޑިޔާރު ހުސްނުއްސުއޫދެވެ.
ހައިކޯޓުން އަމީން މިނިވަންކުރިނަމަވެސް އޭނާ މާލެ އިން ފުރުން މަނާކޮށް މޮނިކޮން އަމުރެއް އެކޯޓުން ވަނީ ނެރެފައެވެ. މާލޭގައި އުޅުނަސް، އޭނާއަށް ހެނދުނު ހަޔަކުން ހަވީރު ހަޔަކަށް ގެއިން ބޭރަށް ނުކުތުން ވެސް މަނާވާނެއެވެ.
އަމީންއަކީ ސީރިޔާ އަދި އަފްޤާނިސްތާނުގެ އައިއެސް ޖަމާއަތުގެ އިސްލީޑަރެއް ކަމަށާއި އޭނަގެ ކަމަކީ އެޖަމާއަތަށް މީހުން އިތުރުކުރުން ކަމުގައި ބުނެ އެމެރިކާއިން ވަނީ ތުހުމަތުކޮށްފައެވެ. އަދި އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި އަމީންގެ ނަން ވަނީ ހިމަނާފައެވެ.
އަމީންގެ މައްޗަށް ކުރެވުނު ދައުވާއަކީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ.