ރާއްޖޭގައި އެހެން ދީންތަކަށް ފުރުސަތު ދިނުމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު ރައްޔިތުންގެ މަޖިލީހުގައި ގޮވާލެއްވުން އިސްލާމިކް މިނިސްޓަރާއި ފަތުވާ މަޖިލީހުގެ ރައީސް އެކަން ކުށްވެރިކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާބެހޭ ބިލާ ގުޅޭގޮތުން މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުން ޖާބިރު ދީނީ މިނިވަންކަމަށް ގޮވާލެއްވީ ސޫރަތުލް ކާފިރޫންގައިވާ ހަތަރު ވަނަ އާޔަތް ވިދާޅުވަމުންނެވެ.
“ގުރުއާން ތަހުޒީބު. ﷲ ވޮޑިގެންވޭ. ﷲ ސުބުހާނަހޫ ވަތައާލާގެ މިންވަރުފުޅުން އަޅުގަނޑުމެންނަކީ ސުންނީ މުސްލިމުން. މި ރާއްޖޭގައި މާ މޮޅު ދީންވެރިއަކު ނެތް. އެންމެން ނަމާދު ކުރޭ. އެހެން ދީންތަކަށް، މި ރާއްޖޭގައި ނަމާދުކޮށް އުޅެވޭނޭ ގޮތުގެ މައްޗަށް. ‘لَكُمْ دِينُكُمْ وَلِيَ دِينِ’ މިގައުމުގައި އުފައްދަން އެބަ ޖެހޭ. މާނައަކީ، އެހެން ދީންތަކުގެ މީހުން އައިސް ނަމާދުކޮށް މިތާނގައި އުޅެވެން ވާނެ އޭ. މި ރާއްޖެ މިއީ ޔުނިވާސަލް ޕްރެކްޓިސްއެއް،”
އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މީޑިޔާއަށް މަޢުލޫމާތު ދެމުން ވިދާޅުވީ ޖާބިރު ދީނީ މިންގަނޑުތަކުން ބޭރުވެފައިވާ ކަމަށެވެ. އަދި މަޖިލީހުގެ މެމްބަރަކަށް ވިޔަސް، އިސްލާމްދީނުގެ އަސްލަކާ ހިލާފުވާ ވާހަކައެއް މަޖިލީހުގެ ތަޅަމުގައި ނުދެއްކޭނެ ކަމަށެވެ. މިނިސްޓަރު އިތުރަށް ހާމަކޮށްފައިވާ ގޮތުގައި ދީނާ ފުށުއަރާ ވާހަކައެއް، ނުވަތަ ދެކޮޅު ވާހަކައެއް މެމްބަރަކަށްވެސް ނުދެއްކޭނެ ކަމަށާއި، އަދި އެފަދަ ވާހަކައެއް ދައްކާފި ނަމަ ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.
ޖާބިރު ދެއްކެވި ވާހަކަ ކުށްވެރިކުރައްވަމުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ރައީސް މުހައްމަދު ރަޝީދު އިބްރާހިމް ވިދާޅުވީ ޖާބިރު އެފަދަ ވާހަކައެއް ދައްކާފައިވާނަމަ އޭނާއަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ. އަދި އެއީ އިސްލާމްދީނާ ހިލާފު ވާހަކައެއްކަން އޭނާ ވެސް ފާހަގަކުރެއްވި އެވެ.
މުޙައްމަދު ރަޝީދު އިބްރާހިމް ވިދާޅުވީ މި ގައުމުގެ ދީނަކީ އިސްލާމްދީން ކަމުގައި ގާނޫނުއަސާސީގައި ކަނޑައަޅާފައިވާއިރު، އެހެން ދީންތަކަށް މަރުހަބާ ކިޔާ، ދީނީ މިނިވަންކަން މި ގައުމުގައި އޮންނަން ޖެހޭނެ ކަމަށް ވަކާލާތު ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.