ލައިގެންހުރި ހެދުމުގެ ތެރެޔަށް ލައި ފޮރުވައިގެން ރާއްޖެއިން ދެކިލޯ ރަން ހިފައިގެން އިންޑިޔާއަށް ދަތުރުކުރި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
އެޤައުމުގެ ނޫސްތަކުން ބަޔާންކުރާގޮތުގައި މިދިޔަ އަންގާރަ ދުވަހު އިންޑިޔާގެ ކެރެލާގެ މައްލަޕޫރަމް އަވަށަށް ނިސަބަތްވާ މީހަކު ރާއްޖެއިން ދެ ކިލޯ ރަން ހިފައިގެން އިންޑިއާގެ ބެންގަލޫރަށް ދަތުރުކުރަނިކޮށް އޭނާ އަތުލައިގެންފިއެވެ. ދެ ކިލޯ ރަން ސްމަގްލް ކުރަން އުޅުނީ ރަން (ޕޭސްޓް ފޯމަށް) ބަދަލުކޮށް، އޭނާ ލައިގެން ހުރި އަންނައުނުގެ ބައެއްގެ ގޮތުގައި ހަދައިގެން ކަމަށް އިންޑިޔާގެ ނޫސްތަކުގައި ބުނެފައިވެއެވެ. މިމީހާ އަކީ މިމަހު 22 ވަނަ ދުވަހު ކޮޗީ އިންޓަރނޭޝަނަލް އެއަރޕޯޓުން ރާއްޖެ އައި މީހެކެވެ.
އާއްމުކޮށް ރަން ސްމަގްލްކުރާއިރު ރަން ގެންދަނީ ޕޭސްޓު ފޯމަށް ބަދަލުކޮށްގެން ކަމަށް ރިޕޯޓްތަކުގައި ބުނެއެވެ.
2.098 ކިލޯގެ ރަން އޭނަގެ އަތުންވަނީ އަތުލައިގެންފައެވެ. އެއީ އިންޑިޔާގެ ރުޕީސްއިން ބަލާނަމަ 9931916 ރުޕީސްގެ ރަނެވެ. ދިވެހި ރުފިޔާއިން ބަލާނަމަ ދެމިލިޔަން ރުފިޔާއަށްވުރެ ގިނައިން އަރާނެއެވެ.