މަސްތުވާތަކެތި ކަމަށްވާ ޑައިމޯފިން ޓްރެފިކް ކުރި މައްސަލައިގައި ގއ.ކޮލަމާފުށީ މީހަކު އުމުރަށް ޖަލަށްލުމާއެކު 100.000 ރުފިޔާގެ ޖޫރީމާނާއެއް ދައުލަތަށް ދައްކަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
2012 ވަނަ އަހަރު ޑިސެމްބަރ މަހު 12 ވަނަ ދުވަހު ގއ.ކޮލަމާފުށީ/ އޮޅުގިނަގެ މުހައްމަދު އަޝްވިން ސައިކަލެއްގެ ފަހަތު ޝީޓުގައި އިނދެގެން ދަނިކޮށް ފުލުހުންވަނީ އެމީހުން ހުއްޓުވައި ޗެކްކޮށްފައެވެ.
މަސްތުވާތަކެތި ޓްރެފިކް ކުރާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާއިގުޅިގެން އެމީހުން ހުއްޓުވައި އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުނު ވަގުތު މުހައްމަދު އަޝްވީނު ކަނާތު މުށުތެރެއިން މ.ހަލީމުގޭ ފުރާޅު މައްޗަށް އެއްލާލި ކަޅުކުލައިގެ އެއްޗެއްގައި 19.8195 ގްރާމް ޑައިމޯފިން ހުރިކަމަށާއި އެތަކެތީގެ ތަހުލީލީ ރިޕޯޓުން ދައްކާތީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާކުރާކަމަށް ފުލުހުންވަނީ ހާމަކޮށްފައެވެ.
އެހެންނަވެސް އަޝްވިން ވަނީ އެދައުވާއަށް އިންކާރުކޮށްފައެވެ. އެހެންކަމުން މިމައްސަލައިގައި އަޝްވިން އާ އެކީ ހައްޔަރުކުރި ދެވަނަ ފަރާތަށްވެސް ވަނީ ހެކި ހުށަހެޅުމުގެ ފުރުސަތުދީފައެވެ. އަޝްވިންގެ މައްޗަށް ޑައިމޯފިން ޓްރފިކް ކުރުމުގެ ކުށް ސާބިތުވެފައިވަނީ ދައުލަތުން ހުށަހެޅި ހަތް ހެކީގެ މައްޗަށް ބިނާކޮށްފައެވެ. އެގޮތުން މުހައްމަދު އަޝްވީން މަސްތުވާތަކެތި ވިޔަފާރި ކުރާ ކަމަށް ރިޕޯޓު ލިބުމާއި ގުޅިގެން އޮޕަރޭޝަންގައި ހަރަކާތްތެރި ވި ފުލުހުންގެ ހެކިބަސް ހިމެނިގެންދިޔައެވެ.
ފުލުހުންގެ ހެކިބަހުން މުހައްމަދު އަޝްވީން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް މ. ހަލީމުގެ ފުރާޅު މައްޗަށް އެއްލާލިކަން ވަނީ ސާބިތުކުރެވިފައެވެ. ނަމަވެސް އަޝްވިންގެ ފަރާތުން އެއްވެސް ހެއްކެއް ދިފާއުގައި ހުށަހަޅާފައިނުވެއެވެ.
އެހެންކަމުން ކްރިމިނަލް ކޯޓުންވަނީ އަޝްވިންގެ މައްޗަށް އުމުރުދުވަހުގެ ޖަލު ހުކުމަކާއެކު ބޮޑު އަދަދަކުން ޖޫރިމަނާއެއް ކޮށްފައެވެ.