މަސްތުވާތަކެއްޗާއެކު ގދ.ތިނަދޫއިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވިގޮތުގައި މަސްތުވާ ތަކެއްޗާއެކު ހައްޔަރުކޮށްފައިވަނީ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން އިތުރަށް ވިދާޅުވި ގޮތުގައި ފުލުހުން މަގުމަތީގައި ޕެޓްރޯލް ކުރަމުންދަނިކޮށް މަގުމަތީގައި ހުރި މީހެއްގެ އަމަލުތައް ހުރިގޮތުން ޝައްކުކުރެވިގެން ހުއްޓުވައި ބަލާ ފަސްކޮށްފައިވާ ކަމަށާއި އެގޮތުން އެމީހާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތިން ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ.
ސެޕްޓެމްބަރ 28 ވަނަ ދުވަހު އެމީހާ ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށް 15 ދުވަހުގެ މުއްދަތު ޖަހާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލަ ފުލުހުންދަނީ އިތުރަށް ތަހުޤީގްކުރަމުންނެވެ.
މަސްތުވާ ތަކެތި ގެންގުޅުމާއި އެއެއްޗެހި ވިއްކާ ވިޔަފާރިކުރުމަކީ މިހާރު ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައެވެ. އެތަކެއް ޒުވާނުން މިކަމުގައި ހަލާކުވެގެންދާއިރު ސަރުކާރުންވެސް މިކަން ހުއްޓުވުމަށް އެދެވިގެންވާ ފިޔަވަޅުތަކެއް އެޅިފައި ނުވާކަމަށް ދަނީ ތުހުމަތުކުރަމުންނެވެ.
ހެލްތު މިނިސްޓްރީން ހާމަކުރިގޮތުގައި ރާއްޖޭގައި މިހާރަކަށް އައިސް އުމުރުން 8 އަހަރުގެ ކުދިންވެސް މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި އެބަހުއްޓެވެ. ހާއްސަކޮށް އުމުރުން 15 އަހަރާއި 17 އަހަރުގެ ކުޑަކުދިން މިކަމުގެ ތެރޭގައި ގިނަކަން އެމިނިސްޓްރީން ވަނީ ފާހަނގަކޮށްފައެވެ.
މިގެ އިތުރުން ރާއްޖޭގައި މަސްތުވާ ތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށް ހުންނަ އެން.ޑީ.އޭ އަކީ އެހާ ހަރުދަނާ އިދާރާއަކަށް ނުވާތީ މިމައްސލަތަކަށް ވަނީ ހައްލެއް ނުލިބިފައެވެ. އެފަދަކުދިންނަށް ފަރުވާ ލިބެން އޮތް މަގުވެސް ތަނަވަސް ނޫންކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވިއެވެ.