ގއ.ވިލިނގިލި ހިމެނޭހެން ފަސް ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ތަކުގެ ބައި އިލެކްޝަން އޮކްޓޯބަރު މަހު ބޭއްވުމަށް އިލެކްޝަން ކޮމިޝަން(އީސީ) އިން ނިންމައިފިއެވެ.
އިލެކްޝަން ބުނެފައިވާ ގޮތުން އިންތިޚާބު ތައް ކުރިޔަށް ދާނީ 2 ތާރީޚެއްގައެވެ. އެގޮތުން އަންނަ މަހުގެ 16 ވަނަ ދުވަހު ހދ. ނޭކުރެންދޫ އާއި، ނ. ކެނދިކުޅުދޫ އަދި ރ. މަޑުއްވަރީގެ ބައި އިލެކްޝަން ބޭއްވުމަށް ނިންމާފައެވެ. ޅ. ކުރެންދޫ އާއި ގއ. ވިލިނގިލީގެ ބައި އިލެކްޝަން ބާއްވަނީ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުއެވެ. އަދި އެއިން ކޮންމެ ރަށަކުން ވެސް އެއް މެމްބަރަކު ހޮވުމަށް ހަމަޖެހިފައިވާއިރު ނ. މަގޫދޫ އާއި ކ. ހުރާގެ ބައި އިލެކްޝަނަށް ހުޅުވާލުމުން އެ ދެ ރަށުން ކުރިމަތިލީ އެންމެ ކެންޑިޑޭޓަކަށް ވާތީ އިންތިހާބަކާ ނުލައި ވަނީ ހޮވިފައކަމަށް ޢިލެކްޝަންސް އިން ބުނެފައިވެއެވެ.
އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ ތަކުގެ މެމްބަރުންގެ މުސާރަ ބޮޑުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ނިންމަވާފައެވެ. އަދި ޤާނޫނީ ގޮތުން ބާރު ލިބިފައިވާ ބައެއް ގޮތުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ ތައް ހިމެނިގެން ދިއުމާއި މުސާރަ ކަނޑައެޅިގެން ދިއުމާއެކީ އެ ކޮމިޓީ ވަނީ ވަރަށް ބޮޑަށް ހަރަކާތްތެރިވާން ފަށާފައެވެ.