ވިޔަފާރި
ދިރާގު މޮބައިލް އިންޓަނެޓް ޕްލޭންތައް “ސަޅި” ކޮށްލައިފި
ދިރާގު މޮބައިލް އިންޓަނެޓް ޕްލޭންތަކަށް ހެޔޮ ބަދަލުތަކާއި އެކު “ސަޅި” ކޮށްލައިފިއެވެ.
ސަރުކާރުން އިސްނަންގަވާ އިންޓަނެޓްގެ އަގުހެޔޮ ކުރައްވަން ކުރެއްވި މަސައްކަތްތަކަށް އެއްބާރުލުންދިނުމުގެ ގޮތުން ދިރާގުން ފޯރުކޮށްދޭ މޮބައިލް އިންޓަނެޓް ޕެކޭޖްތައް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑްވްސް އިން އެޕްރޫވް ކުރައްވާފައިވާ ގޮތަށް ބަދަލުތައް 1 އޮކްޓޯބަރ 2021 އިން ފެށިގެން ގެންނާނެކަމަށް ދިރާގުން ވަނީ ބުނެފައެވެ.
އެގޮތުން ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންތަކަށް 29 އިންސައްތައާއި ހަމައަށް އިތުރު އެލަވަންސް ލިބޭނެ ކަމަށް އެކުންފުނިން ބުނެއެވެ. އެހެންކަމުން، ޑޭޓާގެ އަގު 22 އިންސައްތައާއި ހަމައަށް ހެޔޮ ވެގެންދާނެއެވެ.
ހަމަ އެއާއެކު، ދިރާގު ޕްރީޕެއިޑް ކޮމްބޯ ޕްލޭންތަކަށް 36 އިންސައްތައާއި ހަމައަށް އިތުރު ޑޭޓާ އެލަވަންސް ލިބިގެންދާނެއެވެ. އެގޮތުން މި ބަދަލުގެ ދަށުން، ކޮމްބޯ ޕްލޭންގެ ޑޭޓާގެ އަގު 33 އިންސައްތައާއި ހަމައަށް ހެޔޮވެގެންދާނެއެވެ. މީގެ އިތުރުން، އެލް.ޓީ.އީ ބްރޯޑްބޭންޑް “ވަގުތުން ގެއަށް އިންޓަނެޓް”ގެ ޕެކޭޖްތަކަށް 30 އިންސައްތައާއި ހަމައަށް އިތުރު ޑޭޓާ އެލަވަންސް  ލިބުމުގެ އިތުރަށް އިންޓަނެޓްގެ ސްޕީޑް 10 އެމް.ބީ.ޕީ.އެސް އިން 25 އެމް.ބީ.ޕީ.އެސް އާ ހަމައަށް އިތުރު ވެގެންދާނެއެވެ. މި ހެޔޮ ބަދަލާއެކު ކަސްޓަމަރުންނަށް އިތުރު ހަރަދަކާ ނުލައި ގިނަ ކަންތައްތައް އިންޓަނެޓް މެދުވެރިކޮށް ކުރެއްވޭނެއެވެ. އަދި ކޮންމެ ޖީބީއަކަށް ދާ ހަރަދު ނިސްބަތުން ހެޔޮވެގެންދާނެއެވެ.
މޮބައިލް އިންޓަނެޓް ޕްކޭޖްތަކަށް މި ގެނައި ބަދަލުތައް 1 އޮކްޓޯބަރ 2021 ގެ 00:00 އިން ފެށިގެން ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. އަދި 1 އޮކްޓޯބަރ ގެ 06:00 އަށް ހުރިހާ ކަސްޓަމަރުންނަށްވެސް މި ބަދަލުތައް ފެނިވަޑައިގަންނަވާނެއެވެ. ދިރާގު މައި އެކައުންޓް އަދި މޮބައިލް އެޕްލިކޭޝަންގައި މި ބަދަލުތައް ފެންނަން ވަގުތު ކޮޅެއް ނަގާފާނެ ކަމަށްވެސް ދިރާގުން ވަނީ ބުނެފައެވެ.
Comment