ޚަބަރު
ނުގަވާއިދުން މަސްވެރިކަން ކުރި ދެ ބޯޓަކަށް ހަތަރު ލައްކަ ރުފިޔާގެ ޖޫރިމަނާއެއް

ރާއްޖޭގެ ކަނޑުން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދަނިކޮށް ހިފެހެއްޓި ސްރީ ލަންކާއަށް ނިސްބަތްވާ ދެ މަސް ބޯޓުގެ ވެރިން 400،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ފިޝަރީޒް މިނިސްޓްރީން ނިންމައިފި އެވެ.

ފިޝަރީޒް މިނިސްޓްރީގެ ކޮމްޕްލަޔަންސް އޮފިސަރު ހުސެއިން ޒަމީލް އޮންލައިން ނޫސް “އަދަދު” އަށް ދިން ބަސްދީގަތުމެއްގައި ވިދާޅުވީ އެ ދެ މަސްބޯޓު ހިފަހައްޓައި އިންސްޕެކްޓް ކުރުމަށް ފަހު ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން އިން މަސްވެރިކަން ކުރަނިކޮށް ރާއްޖޭގެ ކޯސްޓްގާޑުން އެ ދެ އުޅަނދު ހިފަހައްޓާފައި ވަނީ މިމަހުގެ 11 އަދި 12 ވަނަ ދުވަހު އެވެ. އެ ދެ މަސްބޯޓު ހިފެހެއްޓި އިރު މަސްވެރިކަން ކުރަމުންދިޔަ ވަނީ ފާހަގަކުރެވިފަ އެވެ.

ހުސެއިން ޒަމީލް ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ފިޔަވަޅު އަޅަން ނިންމާފަ ވަނީ، އެ ދެ ބޯޓުގެ ވެރިންނާ ވެސް ބައްދަލުކޮށްފައި ކަމަށައި، އެއީ ދެ ބޯޓުން ވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމަށް ބޭނުންވާ ލައިސަންސް ނެތި، އަދި އެކަމަށް ނުވެސް އެދި މަސްވެރިކަން ކޮށްފައިވާތީކަމަށެވެ.

އެ ދެ ބޯޓުގައި ތިބި ފަރާތްތަކުން ވެސް ހާލުގައި ޖެހިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެވުނުކަމަށް މައްސަލަ ބެލުމުގެ މަރުހަލާ ތެރެއިން ބުނިކަމަށް ޒަމީލް ފާހަގަކުރި އެވެ.

މީގެ ކުރިން ވެސް ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން ގެ ތެރެއިން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރާ އުޅަނދު ފަހަރު ޖޫރިމަނާކޮށްފައި ވެ އެވެ. އެގޮތުން މިދިޔަ ޖުލައި މަސްތެރޭގައި ވެސް ލަންކާއަށް ނިސްބަތްވާ މަސްބޯޓެއް ވަނީ ހަމަ އެފަދަ މައްސަލައެއްގައި 400،000 ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ.